ޑިމެންޝިއާ އަކީ ދުވަހުގެ އާންމު ދިރިއުޅުމަށް ހުރަސްއެޅޭ، ހަނދާނާއި ވިސްނުމާއި އިޖުތިމާއީ ޤާބިލުކަމަށް އަސަރުކުރާ ކަންތައްތަކެއް ސިފަކުރުމަށް ބޭނުންކުރާ ލަފުޒެކެވެ. އެއީ ވަކި ބައްޔެއް ނޫން ނަމަވެސް ބައެއް ބަލިތަކުގެ ސަބަބުން ދިމައިވާ ހާލަތެކެވެ.

ޑިމެންޝިއާގައި އާންމުކޮށް ހަނދާން ނެތޭ ނަމަވެސް ހަނދާން ނެތުމުގައި ތަފާތު އެކި ސަބަބުތައް މެދުވެރި ވެއެވެ. ގިނަ ފަހަރަށް މިއީ މި ހާލަތުގެ ކުރީކޮޅު ފެންނަ އެއް އަލާމާތް ނަމަވެސް، ހަމައެކަނި ހަނދާންނެތޭނަމަ، ޑިމެންޝިއާ ޖެހިފައިވާ ކަމަކަށް ސިއްހީގޮތަކުން ނުބުނެވޭނެއެވެ. މާނައަކީ ހަނދާން ނެތޭ ނެތުމާއި އެކު އެކަމަށް މެދުވެރި ކުރުވާ ވަރުގަދަ ސަބަބެއް އޮންނަން ވާނެއެވެ. ސަބަބަކާއި ނުލާ އެފަދައިން ހަނދާން ނެތޭނަމަ އެއީ ސީދާ ޑިމެންޝިއާ އެކޭ ނުބުނެވޭނެއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ޕްރޮގްރެސިވް ޑިމެންޝިއާ ޖެހުމަށް ދިމައިވާ އެންމެ އާންމު ސަބަބަކީ އަލްޒައިމާ ބައްޔެވެ. ނަމަވެސް ޑިމެންޝިއާ ޖެހުމަށް މެދުވެރިވާ އެހެން ގިނަ ސަބަބުތަކެއް ވެސް ޑަކްޓަރުން ފާހަގަ ކުރެއެވެ.

ޑިމެންޝިއާގެ އަލާމާތްތައް، އެކަމެއް މެދުވެރި ކުރުވި ސަބަބަށް ބަލާފައި ތަފާތު ވާ ނަމަވެސް، އާންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ މައިގަނޑު ދެ ބާވަތެއްގެ އަލާމާތްތަކެކެވެ. އެއީ ކޮގްނިޓިވް ބަދަލު ތަކާއި ސައިކޮލޮޖިކަލް ބަދަލުތަކެވެ. ނުވަތަ އަލާމާތްތަކެވެ. ކޮގްނިޓިވް ބަދަލުތަކުގެ ތެރޭގައި ހިމެނެނީ، ހަނދާން ނެތުމާއި، (މިކަމް އާންމުކޮށް ފާހަގަ ކުރެވޭނީ ޑިމެންޝިއާ ހުންނަ މީހާއަށްވުރެ ބޮޑަށް އެހެން މީހުންނަށެވެ)، މުޢާމަލާތުކުރުމަށް ނުވަތަ ބަސްކިޔުމަށް ދަތިވުމާއި، އަމާޒަށް ބަލަން އުނދަގޫ ވުމާއި، ކަމެއް ހައްލުކުރުމަށް ދަތިވުމާއި، ކަމެއް ރާވާ އިންތިޒާމުކުރުމަށް ދަތިވުމާއި، ގުޅިގެން މަސައްކަތް ކުރުމަށް ދަތިވުމާއި އަދި ކަންކަމުގައި އޮޅުން ބޮޅުން ވުމާއި ވިސްނުން ގޯސްވުމެވެ.

ޑިމެންޝިއާގެ ސަބަބުން، ނަފްސާނީ ގޮތުން އަންނަ ބަދަލުތަކާއި ފެންނަ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ، މީހާގެ ޝަޚުޞިއްޔަތު ބަދަލުވުމާއި، ފިކުރުބޮޑުވަމާއި، ކަންބޮޑުވުމާއި، ނޭދެވޭ އަމަލުތައް ގިނަވުމާއި، ޕެރަނޯޔާ ވުމާއި، ކަންކަމަށް ފަސޭހައިން ރައްދު ދެވުމާއި އަދި ކަންކަމާއި އެއްޗެއްސާއި މީހުން ހެލޫސިނޭޓް ވުމެވެ.

ޑިމެންޝިއާ ޖެހެނީ ސިކުނޑީގައި ހުންނަ ނާރުގެ ހަތާތަކަށާއި އެތަކެތީގެ ގުޅުންތަކަށް ގެއްލުން ލިބުމުން ނުވަތަ އެ ގުޅުން ގެއްލިގެން ދިއުމުންނެވެ. ސިކުނޑީގައި އަނިޔާލިބިފައިވާ ސަރަހައްދަށް ބަލާ، ޑިމެންޝިއާގެ ސަބަބުން މީހުންނަށް ފެންނަ އަލާމާތްތައް ތަފާތުކޮށް ފެނިދާނެ އެވެ.

ޑިމެންޝިއާ ޖެހިދާނޭ ސަބަބުތައް ވަރަށްވެސް ގިނައެވެ. އެހެންކަމުން ޑިމެންޝިއާ ޖެހިދާނޭ ސަބަބުތަކަށް އެހެން ލިޔުމެއްގައި ތަފްސީލީ ނަޒަރަކުން ބަލައިލާނަމެވެ. ޖުމުލަކޮށް މި ލިޔުމުގައި މި ބަލައިލީ ޑިމެންޝިއާ އަކީ ކޮބާ ކަމާއި އެކަމުގެ ބައެއް އަލާމާތްތަކަށެވެ.