ދޮންކެޔޮ ގަހުގެ މާ ނުވަތަ ބޯއްޓަކީ ސައިންޓިފިކް ގޮތުން "މޫސާ އެކިއުމިނޭޓާގެ" ނަމުން މަޝްހޫރު މި މަލަކީ ކެއުމަށް ބޭނުން ކުރެވޭ މަލެކެވެ. ބޯއްޓަކީ މޭވާއަކަށް ވިޔަސް ގިނަ ފަހަރަށް ބޯށި ކައްކާނީ ތަރުކާރީއެއް ފަދައިންނެވެ. މިސާލަކަށް ސްރީލަންކާގައި ވަޒައިޕޫ (ސްޓާރ-ފްރައި) އާއި ކެސެލްމުވާ (ރިހައެއް) ފަދަ ކެއުންތައް ތައްޔާރުކޮށް އުޅެއެވެ. އަހަރެމެން ރާއްޖޭގައި ވެސް ބޯށީގައި ރިހަ ކައްކާ، މަސްހުނި ހަދާ އުޅެއެވެ. ދޮންކެޔޮ ބޯށިގަނޑުގައި ހުންނަ މާތަކުން ސައި ހަދާވެސް އުޅެއެވެ.
އޭގެ ރަހައަކީ ހިތްގައިމު، މަޑު ފޮނި ކަމެއް، އަދި ޒާތެެއްގެ ހިތިރަހައެއްވެސް ދޭނެއެވެ. ލުނބޯ ފެނުގައި ބޯށިގަނޑު ތެއްމާލުމަކީ ހިތިކަން މަޑުވެގެންދާ ކަމެކެވެ.
އެމެރިކާ، އޭޝިއާ، އޯޝޭނިއާ، އިންޑިއާ، އަދި އެފްރިކާގައި އެކި ބަލިތަކަށް ފަރުވާ ދިނުމަށް ހަކީމީ ބޭސްވެރިކަމުގައި ދޮންކެޔޮ ބޯށި ބޭނުންކޮށްފައިވެއެވެ. ދޮންކެޔޮ ގަހުގެ ފަތާއި، ގަސްގަނޑާއި، ފަތް، އަދި ރޯ ދަޅި ފަދަ ތަކެތި ވެސް ބޭސްވެރިކަމުގެ ގޮތުން ބޭނުން ކުރެވެއެވެ.
ދޮންކެޔޮ ބޯށިގަނޑުގައި ހުންނަ ބައެއް މާއްދަަތަކުގެ ސަބަބުން ކޮލެސްޓްރޯލް މަތިވުމާއި ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވުމަށް އެހީތެރިވެދެއެވެ. ހިތުގެ ބަލިތަކާއި ޓައިޕް 2 ހަކުރުބަލީގެ ނުރައްކާ ކުޑަކުރުވާ މާއްދަތަކެއްވެސް ބޯށީގައި ހުރެއެވެ. ދޮންކެޔޮ ބޯށީގައި ހުންނަ ޕްލާންޓް ސްޓެރޯލްސް ނަމަކަށް ކިޔާ މާއްދާއެއްގެ ސަބަބުން ކާތަކެތީގައި ހުންނަ ކޮލެސްޓްރޯލުގެ މިންވަރު، ލޭގެ ތެރެއަށް ނަގާ މިންވަރު މަދުވެއެވެ.
ދޮންކެޔޮ ބޯށީގައި ހިމެނޭ އެންޓިއޮކްސިޑެންޓް ގެ ދެ މާއްދާ ކަމަށްވާ "ކުއެރސެޓިން" އާއި "ކެޓެޗިން" ގެ ސަބަބުން ކެއުމަށްފަހު ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދެއެވެ. މި އެންޓިއޮކްސިޑެންޓްތައް މަސައްކަތް ކުރަނީ ލޭގައި ހުންނަ ކާބްސް ގެ މާއްދާތަކަށް ދޯޅަ އެންޒައިމެއްގެ ހަރަކާތް މަދުކުރުވައިގެންނެވެ.
ބޯށިގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވޭ ކަމީ އޭގެ ސަބަބުން ހަޖަމުގެ ނިޒާމުގެ ތަރުތީބު ހަރުދަނާވެ މަސައްކަތް ފައްކާވުމަށް އެހީތެރިވުމެވެ. ބަނޑު ހިކުމާއި ބަނޑު ދިޔާވުމުގެ އުނދަގޫތަކަށް ފައިބަރަކީ ބޭނުންތެރި މާއްދާއެކެވެ.
އިސްވެ ބުނެވުނު އެންޓިއޮކްސިޑަންޓެއް ކަމަށްވާ "ކުއެރސެޓިން" ހިމެނޭ ގޮތަށް ދޮންކެޔޮ ބޯށީގައި ހުންނަ އެންޓިއޮކްސިޑެންޓްތަކަކީ ޕްރޮސްޓޭޓްގައި ހުންނަ އިންފެކްޝަންތައް ކުޑަކޮށްދީ ކުޑަކަމުދާ ތަކެތީގެ ތާސީރު "ހެޔޮ" ކުރުމަށް އެހީތެރިވެދޭ މާއްދާތަކެއް ކަމަށް ދިރާސާތަކުން ދައްކައެވެ.
ދޮންކެޔޮ ބޯށިގައި ހުންނަ ޒިންކުގެ މާއްދާ އަކީވެސް ފައިދާ ކުރަނިވި މާއްދާއެކެވެ. އެ މާއްދާގެ ސަބަބުން ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ކަށި ފީ ކުރާ ހަތާތަކާއި ކަށި އުފައްދާ ހަތާތަކުގެ މަސައްކަތް އެއް ހަމައެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދެއެވެ.
ކެއުމުގައި ދޮންކެޔޮ ބޯށި ބޭނުން ކުރުމަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. އެ އާދަ އަހަރެމެން މިއަދުވެސް ދަމަހައްޓަން ޖެހެއެވެ. އަދުގެ މި ޖީލުގެ ދޫތަކަށް ބޯށި މީރު ނުވިނަމަވެސް އެއީ ކޮންމެ ޖީލެއްގެ އިންސާނެއް ނަމަވެސް އެ އިންސާނަކަށް ފައިދާ ކުރުވާ ގިނަ ކަންތައްތަކެއް އެކުލެވޭ މޭވާއެކެވެ. ނުވަތަ މަލެކެވެ.
