ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި މިއަދު ހަވީރު ހުއްޓާލަން ޖެހުނު މެޗުން ބުރު ސްޕޯޓްސް ކްލަބު މޮޅުވީ ކަމަށް ކޮމިޓީން ނިންމުމާއެކު އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެއްޖެއެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 87 ވަނަ މިނެޓުގައި ރެފްރީ ޝަކީލްގެ ނިންމުންތަކާ ހިތްހަމަނުޖެހިގެން ކްލަބް ޓީނޭޖްގެ އޮފިޝަލުން ދަނޑަށް އެރުމާއެކު މެޗު ހުއްޓާލިއިރު، ބުރު އޮތީ 3-1 އިން ކުރީގައެވެ. މިއާއެކު، މެޗު އިތުރަށް ކުރިއަށް ނުގެންދެވުމުން މިރޭ ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު ނިންމީ ބުރު މޮޅުވީ ކަމަށެވެ.

މި ނަތީޖާއާއެކު ބުރު އޮތީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެއްވަނައިގައެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ބާކީ އެއް މެޗު އޮތުމުން، އެ މެޗު އެއްވަރުކޮށްލައިގެން އެ ޓީމަށް ފުރަތަމަ ޑިވިޝަނުގައި ދެމިއޮވެވޭނެ އެވެ. ތިންވަނައިގައި އޮތް ޓީނޭޖަށް ތިން މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. އެންމެ ފުލުގައި ދެ މެޗުން އެއް ޕޮއިންޓާއެކު އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ފަހު މެޗުގައި ދެ ލަނޑުގެ ތަފާތަކުން ސަސް އަތުން މޮޅުވެގެން ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެވޭނެ އެވެ.

ޓީނޭޖާ ދެކޮޅަށް ކުޅުނު މެޗު ފެށިގެން ހަވަނަ މިނެޓުގައި ބުރަށް ލީޑްނަގައިދިނީ އެ ޓީމުގެ މިސްރު މިޑްފީލްޑަރު އަހުމަދު މުހައްމަދު ގަބާލާ (ބޫގީ) އެވެ. މިއީ އެ ޓީމުގެ އުޒްބެކިސްތާން މިޑްފީލްޑަރު މިރްޖަލޮލް ކަސިމޯވް ދިން ބޯޅައަކުން ގަބާލާ ކާމިޔާބުކުރި ގޯލެކެވެ. ބުރުން ލީޑްނެގިތާ 14 ވަރަކަށް މިނެޓުގެ ތެރޭގައި ޓީނޭޖުން އެއްވަރުކުރި ގޯލަކީ އަހުމަދު ނުހާދު (ގުއްޕެ) އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި މެޗުގައި ބުރުން ކާމިޔާބުކުރި އަނެއް ދެލަނޑު ޖަހައިދިނީ ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. ދެވަނަ ހާފުގެ ކުޅުން ނިމެން 15 މިނެޓަށްވެފައިވަނިކޮށް އައްމަޑޭ ވަނީ އަލުން އެ ޓީމަށް ލީޑްނަގައިދީފައެވެ. އަދި އޭގެ ތިން މިނެޓުފަހުން، އޭނާ ވަނީ ނަތީޖާ 3-1 އަށް ބަދަލުކޮށްލައި، ބުރަށް ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކޮށްދީފައެވެ.

މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް، ބުރުގެ ކުޅުންތެރިން ކުރި ފައުލްތަކަކަށް ރެފްރީ ފައުލެއް ނުދޭތީ އާއި ކާޑު ވެސް ނުދައްކާތީވެ، ތަކުރާރުކޮށް ރެފްރީ ޝަކީލްގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ޓީނޭޖްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ދަނޑަށް އަރާފައެވެ. އެ ވަގުތު މެޗުގެ ރެފްރީ ޝަކީލް ވަނީ ދަނޑުން ފައިބައިގެން ގޮސް ރެފްރީންގެ ރޫމަށް ވަދެފައެވެ. އޭގެފަހުން، މެޗު ހުއްޓާލާފައި އޮތުމާއެކު، އަލުން ހުއްޓާލި ހިސާބުން މެޗު އިތުރަށް ކުރިއަށް ނުގެންގޮސް ފަހުން މެޗު ކޮމިޝަނަރު ނިންމީ ކޮމިޓީން ގޮތެއް ނިންމުމަށެވެ.

އެގޮތުން، މި މެޗުގައި ހިނގައިދިޔަ ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް ކޮމިޓީން އެ މައްސަލައާ މެދު ނިންމާފައިވަނީ، މުބާރާތް ކުޅޭ ގަވާއިދުގެ 10.3 ގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު މެޗުގެ ފުރިހަމަ ވަގުތު ހަމަނުކުރެވުނީ ކުލަބު ޓީނޭޖުގެ އިހުމާލުން ކަމުގައި، ކަންހިނގާފާވާގޮތަށް ބެލުމުން އެނގެން އޮންނާތީ އާއި މެޗު ހުއްޓާލިއިރު މެޗުގެ 87 ވަނަ މިނެޓާ ހަމައަށް އައިއިރު އޮތްގޮތަކީ މެޗުގެ ފުރިހަމަ ނަތީޖާކަމަށް ކަނޑައެޅުމަށެވެ. އަދި މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ޑިސިޕްލިނަރީ ކަންކަން ބެލުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ފޮނުވުމަށް ކޮމިޓީގެ އިއްތިފާގުން ނިންމާފައިވާ ކަމަށް ވެސް މެޗަށްފަހު މިރޭ އެފްއޭއެމުން ނެރުނު ބަޔާނުގައިވެއެވެ.