އެމެރިކާގެ އިންވެސްޓްމަންޓް ގްރޫޕް ރެޑްބާޑް ކެޕިޓަލް އިން އިޓަލީގެ އޭސީ މިލާން ގަނެފިއެވެ.

އެލިއަޓް އެޑްވައިޒާސް އިން ރެޑްބާޑް ކެޕިޓަލް އަށް މިލާން ވިއްކާލަން ނިންމީ ގާތްގަނޑަކަށް 1.2 ބިލިއަން ޔޫރޯ (1 ބިލިއަން ޕައުންޑް) އަށެވެ.

ރިޕޯޓްތައް ބުނާގޮތުން، ރެޑްބާޑް ކެޕިޓަލް އިން މިލާން ގަތުމަށް ވެވުނު އެއްބަސްވުމުގެ ދަށުން އެމެރިކާގެ އެންމެ މަޝްހޫރު ބޭސްބޯލް ޓީމު ކަމަށްވާ ނިއު ޔޯކް ޔަންކީސްގެ ވެރިން ކަމަށްވާ ޔަންކީ ގްލޯބަލް އެންޓަޕްރައިޒަސް އަށް މިލާންގެ މައިނޯރިޓީ ހިއްސާ ލިބިގެންދާނެ އެވެ.

އިޓަލީގެ އެންމެ ފަހުގެ ޗެމްޕިއަން މިލާން ގަތުމަށްފަހު ރެޑްބާޑްގެ ފައުންޑާ ގެރީ ކާޑިނާލް ބުނީ، ޔަންކީސްގެ ބޭސްބޯލް ޓީމާއެކު އޮތް ޕާޓްނާޝިޕްގެ އެހީގައި ފޭންބޭސް އިތުރުކުރުމާއެކު މާލީގޮތުން ކްލަބަށް އާމްދަނީ ލިބޭނެ އިތުރު ފުރުޞަތުތައް ހޯދައިދިނުމަކީ އެންމެ ބޮޑު އިސްކަމެއްދޭނެ ކަންކަން ކަމުގައެވެ. 

މިލާންގެ ހުނަރުވެރި ކުޅުންތެރިންނާއި، ކޯޗުންގެ އިތުރުން ކްލަބުގެ ސްޓާފުން އެހީގައި ދަނޑުމަތީގައި ރަނގަޅު ނަތީޖާ ނެރުމަށްޓަކައި ފުރިހަމަ އެއްބާރުލުން ދިނުމާއެކު ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިކަމަށް ވެސް ކާޑިނޭލް ފާހަގަކުރެއްވިއެވެ.

މިލްކިއްޔާތުގައި ގާތްގަނޑަކަށް 7.5 ބިލިއަން އެމެރިކާ ޑޮލަރު (6.5 ބިލިއަން ޕައުންޑް) ހުރި ރެޑްބާޑް ކެޕިޓަލްގެ ހިއްސާ އޮންނަ ގްރޫޕުގެ ތެރޭގައި ލިވަޕޫލްގެ ވެރިން ކަމަށްވާ ފެންވޭ ސްޕޯޓްސް ގްރޫޕާއި، ބޮސްޓަން ރެޑް ސޮކްސް އާއި ފްރެންޗް ލީގުގެ ކްލަބު ޓޫލޫޒް އަދި އިންޑިއަން ޕްރިމިއާ ލީގުގެ ކްރިކެޓް ޓީމު ރާޖަސްތާން ރޯޔަލްސް ހިމެނެއެވެ.

އެލިއަޓް އެޑްވައިޒާސް އިން މީގެ ހަތަރު ވަރަކަށް އަހަރު ކުރީން، ޗައިނާގެ ވިޔަފާރިވެރިޔާ ލީ ޔޮންގހޮންގ އަތުން މިލާން ގަނެފައިވާއިރު، ރެޑްބާޑް ކެޕިޓާލް އާއެކު އެ ކްލަބު ވިއްކާލުމަށް މިދިޔަ ޖޫން މަހުގައި ވެވުނު އެއްބަސްވުމުގެ ދަށުން ކްލަބުގެ ބޯޑުގައި އެ ގްރޫޕަށް އަދިވެސް ކޮންމެވެސް ވަރެއްގެ ހިއްސާ އޮންނާނެ އެވެ.

ރެޑްބާޑް ކެޕިޓަލް އަކީ އެމެރިކާ ރީޖަންގައި އެންމެ ގިނަ ބަޔަކު ބަލަމުން އަންނަ ޔަންކީސް އެންޓަޓެއިންމަންޓް ސްޕޯޓްސް (ޔޭސް) ނެޓްވޯކްގެ ކޯ-އޯނަރެވެ.