އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 2-1 ގެ ނަތީޖާއަކުން އާސެނަލް މޮޅުވިއިރު، ނިއުކާސަލް ޔުނައިޓެޑް އަތުން ލިވަޕޫލް މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން ނޮޓިންހަމް ފޮރެސްޓް 6-0 އިން ބަލިކުރިއިރު އެ ޓީމުގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ވަނީ ހެޓްރިކް ހަދާފައެވެ.
މިއީ 2004/05 ވަނަ އަހަރުގެ ސީޒަނުގެ ފަހުން ލީގުގައި އާސެނަލުން އެންމެ ފުރަތަމަ ކުޅުނު ފަސް މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. އެ ފަހަރުގެ ސީޒަނުގައި ލީގުގައި އެ ޓީމުން ނިންމާލީ ދެވަނައިގައި އޮވެގެންނެވެ.
ރޭގެ މެޗުތަކަށްފަހު އާސެނަލް އުޅެނީ ފަސް މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި ސިޓީ އޮތްއިރު، ތިންވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. ބްރައިޓަން އޮތީ 10 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ޑޮމިނޭޓްކޮށްގެން އާސެނަލުން ކުޅެފައިވާއިރު، ގިނަ ހަމަލާތައް އުފެއްދީވެސް އެ ޓީމުންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި އާސެނަލުން ލީޑްނެގީ ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް ކާމިޔާބުކުރި ގޯލުންނެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ލީގުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ.

ދެވަނަ ހާފުގައި ވިލާ އަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރެޒިލްގެ މިޑްފީލްޑަރު ޑަގްލަސް ލުއީޒް އެވެ. މިއީ ކޯނަރަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މި ގޯލްޖެހިއިރު ވިލާގެ ބޫބަކަރް ކަމާރާ އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް އަށް ފައުލްކުރިކަމަށް އެޕީލްކުރިނަމަވެސް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ނިންމީ ގޯލެއް ކަމަށެވެ. މި މެޗުގައި އާސެނަލުން އަލުން ލީޑްނެގީ ބްރެޒިލްގެ އުއްމީދީ ވިންގާ ގެބްރިއެލް މާޓިނެއްލީ ވައްދާލި ލަނޑުންނެވެ. މިއީ އެ ޓީމުގެ އިނގިރޭސި ވިންގާ ބުކާޔޯ ސަކާ ނެގި ހުރަހަކުން މާޓިނެއްލީ ކާމިޔާބުކުރި ގޯލެކެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭ ނިއުކާސަލްއާ ވާދަކުރި މެޗުން އެ ޓީމު މޮޅުވީ އިތުރުވަގުތުގައި ޒުވާން ކުޅުންތެރިޔާ ފަބިއޯ ކަވާލިއޯ ވައްދާލި ލަނޑުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ކުރީން ލީޑްނެގީ ދާދިފަހުން ނިއުކާސަލްއާ ގުޅުނު ސްވިޑެންގެ ފޯވާޑް އެލެކްސެންޑާ އީސަކް އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު ޝޯން ލޯންގްސްޓާފް ދިން ޕާހަކުން އީސަކް ކާމިޔާބުކުރި ރީތި ގޯލެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅު އީސަކް އިތުރު ގޯލެއް ޖަހައިދިން ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު، އޮފްސައިޑް ކަމަށް ނިންމައި ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. ލިވަޕޫލުން މި މެޗުގައި އެއްވަރުކުރި ލަނޑު، 61 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނޯ ކާމިޔާބުކުރީ އެ ޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ދިން ޕާހަކުންނެވެ. މި ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ލިވަޕޫލް މޮޅުވި ލަނޑުޖަހައިދިނީ އިތުރުވަގުތުގެ 8 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކަވާލިއޯ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ސަލާހު އެވެ.

އެތިހާދު ސްޓޭޑިއަމްގައި ރޭ ސިޓީން، ނޮޓިންހަމް ފޮރެސްޓް ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލިއިރު ހާލަންޑް ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑުޖަހާފައެވެ. މި މެޗުގައި ސިޓީން ޖެހި ފުރަތަމަ ލަނޑު، 12 ވަނަ މިނެޓުގައި ހާލަންޑް ކާމިޔާބުކުރިއިރު އޭނާ ވަނީ ފުރަތަމަ ހާފުގެ 38 މިނެޓުގެ ތެރޭގައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއާއެކު، މި ފަހަރުގެ ސީޒަނުގައި ލީގުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 9 އަށް އަރާފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަރަކަށް މިނެޓުގެ ތެރޭގައި ސިޓީގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ޔާއޯ ކަންސޭލޯ އެވެ. އަދި އޭގެފަހުން، މެޗުގެ 65 އާއި 87 ވަނަ މިނެޓުގައި އެ ޓީމުގެ އަނެއް ދެ ލަނޑުޖަހައިދިނި އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ވެސްޓް ހޭމް ޔުނައިޓެޑްގެ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ރަށުން ބޭރުގައި ވުލްވްސް އިން ބޯންމައުތުއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ލަނޑެއްނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ.
