ބޭރޫތުގައި ރޭގެ ވަގުތެއްގައި ހިނގި ގޮވުމުގެ ހާދިސާގައި 5 ބިލިއަން ޑޮލަރުގެ ގެއްލުން މިހާތަނަށް ލިބިފައިވާކަމަށް އެގައުމުން ހާމަކޮށްފިއެވެ.

އެގައުމުގެ ގަވަރުނަރު މަރުވާން އަބޫދުއާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ މިހާތަނަށް ތިންލައްކަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް މަޢުލުމާތު ލިބިފައިވާ ކަމަށެވެ. އަދި ގެދޮރު ގެއްލުނު މީހުންނަށް ކާނާއާއި ފެނާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާގެ ސަބަބުން ގެދޮރު ގެއްލުނު އެއްހާސް ޢާއިލާއަކަށް އެގައުމުގެ ރެޑް ކްރޮސްގެ ފަރާތުން މިހާރު ވަނީ ވަގުތީ ހިޔާ ދީފައެވެ. އަދިވެސް އިތުރު ފަރާތްތަކަށް އެހީތެރިވަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

ފަހުގެ ތާރީޚުގައި އެގައުމުގައި ހިނގާދިޔަ އެންމެ ނުރައްކާތެރި ހާދިސާގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ މި ހާދިސާގައި މިހާތަނަށް 100 މީހަކު މަރުވެފައިވާ ކަން ވަނީ ކަށަވަރު ވެފައެވެ. އަދި މި ޢަދަދު އިތުރުވާނެ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އެސިޓީގެ ގުދަނެއްގައި ރައްކާކޮށްފައިހުރި، ގިނަ އަދަދެއްގެ އެމޯނިއަމް ނައިޓްރޭޓް ކެމިކަލެއްގައި ރޯވުމުން ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން ވަނީ އެނގިފައެވެ.

އެހެން ނަމަވެސް ރޯވާން މެދުވެރިވި ސަބަބެއް އަދިވެސް ހޯދިފައެއް ނުވެއެވެ.