އިނގިރޭސި ޕްރިމިއާ ލީގުގެ ފުލުން ދެވަނައިގައި އޮތް އެސްޓަން ވިލާގެ ދަނޑުގައި 1-1 އިން އެ ޓީމާ އެއްވަރުވެ، ލީގުގެ އެއްވަނަ އަށް އަރަން ލިބުނު ފުރުޞަތު މެންޗެސްޓާ ސިޓީ ނަގާލިއިރު، ޑާބީގައި އެވަޓަންއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން ލަނޑެއްނުޖެހި އެއްވަރުވެއްޖެއެވެ.

މި ނަތީޖާއާއެކު ސިޓީ ދެވަނައިގައި އޮތީ އެންމެ ކުރީގައި އުޅޭ އާސެނަލަށް ވުރެ އެއް ޕޮއިންޓް ފަހަތުންނެވެ. އެއްވަނައިގައި އާސެނަލް އޮތީ ފަސް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ އަށް ހަ މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާ އެވެ. ލީގުގައި އާސެނަލް ދެން ކުޅޭ މެޗުގައި ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްގެން އެ ޓީމަށް ތާވަލްގެ ކުރީގައި ލީޑް ފުޅާކުރެވޭނެ އެވެ. މިރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ވިލާ ވަނީ 17 ވަނަ އަށް ޖެހިލާފައެވެ. އެވަޓަން އަތުން ލިބުނު ޕޮއިންޓާއެކު ލިވަޕޫލް އޮތީ ނުވަ ޕޮއިންޓާއެކު ހަވަނައިގައެވެ.

ވިލާ ޕާކްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ގޯލެއް ކާމިޔާބުކުރިޔަ ނުދީ ވިލާ އިން ވަނީ ހިފަހައްޓާފައެވެ. މި ހާފުގައި ވިލާ އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޑަގްލަސް ލުއީޒް ދިން ޕާހަކުން އެ ޓީމުގެ އިނގިރޭސި ފޯވާޑް އޮލީ ވަޓްކިންސް ފޮނުވާލި ބޯޅަ ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް ވަނީ ބްލޮކް ކޮށްފައެވެ. ފުރަތަމަ ހާފުގައި ސިޓީގެ ކެވިން ޑި ބްރޭނާ އާއި ކައިލް ވޯކާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ސިޓީ އަށް ލީޑްނަގައިދިނީ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ އެ ޓީމުގެ މެދުތެރޭގެ މުހިއްމު ތަނބު ޑި ބްރޭނާ ނެގި ހުރަހަކުން ހާލަންޑް ކާމިޔާބުކުރި ރީތި ގޯލެކެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ލީގުގައި ކުޅުނު ހަ މެޗުގައި ހާލަންޑް ޖެހި 10 ވަނަ ލަނޑެވެ. މި ގޯލާއެކު ހާލަންޑް ވަނީ މިހާތަނަށް ލީގުގައި އެންމެ އަވަހަށް 10 ލަނޑުޖަހައިގެން 1992 ވަނަ އަހަރުގެ ސީޒަނުގައި މިކް ކުއިން ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް މިއަދަދަށް ލަނޑުޖެހީ ލީގުގެ ފުރަތަމަ ހަ މެޗަށްފަހު އެވެ.

ސިޓީގެ ލީޑް ފުޅާކޮށްދޭން ލިބުނު ފުރުޞަތެއްގައި ހިލޭޖެހުމަކުން ޑި ބްރޭނާ ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، ޕެނަލްޓީއޭރިޔާ ތެރެއިން ހާލަންޑް ފޮނުވާލި ހަމަލާ ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފައެވެ. ވިލާ އިން އެއްވަރުކުރި ލަނޑު، 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިއޮން ބެއިލީ އެވެ. މިއީ އެ ޓީމުގެ ޖޭކޮބް ރަމްސީ ދިން ޕާހަކުން ގޯލްގެ މަތީކަނަށް އަމާޒުކޮށްލައިގެން ބެއިލީ ކާމިޔާބުކުރި ރީތި ގޯލެކެވެ. އޭގެފަހުން، މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ފިލިއްޕޭ ކުޓީނިއޯ ގޯލެއް ކާމިޔާބުކުރި ނަމަވެސް އޮފްސައިޑް ކަމަށް ނިންމާ ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ.

އެވަޓަންއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ގުޑިސަން ޕާކްގައި މިއަދު ހަވީރު ވާދަވެރި އެވަޓަންއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމަށް މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، ފުރަތަމަ ހާފުގައި އެވަޓަން އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ޓޮމް ޑޭވީސް ފޮނުވާލި ބޯޅައެއް ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވެއެވެ.

މި މެޗުގައި ލިވަޕޫލްގެ ހަމަލާތައް ހުއްޓުވުމުގައި އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ލިވަޕޫލްގެ ބްރެޒިލް ފޯވާޑް ރޮބާޓް ފިރްމީނޯ ފޮނުވާލި ތިން ހަމަލާއެއް ޕިކްފޯޑް މަތަކުރިއިރު، އެ ޓީމުގެ ލުއިސް ޑިއާޒް އާއި ޑާވިން ނޫނޭޒް އަދި މުހައްމަދު ސަލާހު ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. އެވަޓަންގެ ޑިފެންޑަރު ކޮނާ ކޯޑީ ގޯލެއް ކާމިޔާބުކުރިއިރު، ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމާ ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ލަންޑަން ޑާބީއެއްގައި ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި ފަހަތުންއަރައި 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. ވެސްޓް ހޭމްގެ ހަމައެކަނި ލަނޑުޖަހައިދިނީ މިހައިލް އެންޓޯނިއޯ އެވެ. ޗެލްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ބެން ޗިލްވެލް އާއި ކާއީ ހަވާޓްޒް އެވެ. މި މެޗުގައި ޗެލްސީ މޮޅުވި ލަނޑު، ހަވާޓްޒް ކާމިޔާބުކޮށްދިނީ މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ޗިލްވެލް ދިން ބޯޅައަކުންނެވެ.

ޓޮޓެންހަމްގެ ދަނޑުގައި 2-1 އިން ފުލަމް ބަލިކުރިއިރު، ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓް އަތުން ބޯންމައުތު މޮޅުވީ 3-2 އިންނެވެ. ވުލްވްސްގެ ދަނޑުގައި 1-0 އިން ސައުތެމްޓަން އަތުން އެ ޓީމު މޮޅުވިއިރު، އިވާން ޓޯނޭގެ ހެޓްރިކާއެކު ބްރެންޓްފޯޑުން ވަނީ އަމިއްލަ ދަނޑުގައި 5-2 ގެ ނަތީޖާއަކުން ލީޑްސް ޔުނައިޓެޑް ބަލިކޮށްފައެވެ. ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.