ސްޕެނިޝް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 2-1 އިން ރެއާލް ބެޓިސް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ސައްތައިން ސައްތައިގެ ރެކޯޑް ދަމަހައްޓައިފިއެވެ.
މިރޭގެ މޮޅާއެކު ރެއާލް އޮތީ ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ބެޓިސް އެވެ. އެތުލެޓިކް ބިލްބާއޯ އޮތީ ހަތް ޕޮއިންޓާއެކު ހަތަރުވަނައިގަ އެވެ.
ރެއާލްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ފެށިގެން ނުވަ ވަނަ މިނެޓުގައި ޑޭވިޑް އަލަބާ ދިން ބޯޅައަކުން ބްރެޒިލްގެ ވިންގާ ވިނީޝަސް ޖޫނިއާ އެ ޓީމަށް ލީޑްނަގައިދީފައިވަނިކޮށް އޭގެ 8 މިނެޓުފަހުން ބެޓިސް އަށް އެއްވަރުކޮށްދިނީ ސާޖިއޯ ކެނާލެސް އެވެ.
މި މެޗުން ރެއާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮޑްރީގޯ އެވެ. އޭގެކުރީން، ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާ ފޮނުވާލި ބޯޅައެއް ބެޓިސްގެ ކުޅުންތެރިން ވަނީ ގޯލް ރޮނގުމަތިން ސަލާމަތްކޮށްފައެވެ. ރެއާލްގެ ލީޑް ފުޅާކޮށްދޭން މޮޑްރިޗް ނެގި ހުރަހަކުން ރޮޑްރީގޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.
ބެޓިސް އަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދޭން ކެނާލެސް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ ވަނީ މަތަކޮށްފައެވެ.
ލީގުގައި މިރޭ ވާދަވެރި ބާސެލޯނާ ވަނީ ރަށުން ބޭރުގައި 3-0 އިން ސެވިއްޔާ ބަލިކޮށްފައެވެ. ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ބާސެލޯނާ އިން ލީޑްނެގީ ރަފީނިއާ ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެެޗުގެ 36 ވަނަ މިނެޓުގައި ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވައްދާލި ލަނޑާއެކު އެ ޓީމުން ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަރަކަށް މިނެޓުގެ ތެރޭގައި ބާސެލޯނާގެ ފަހު ލަނޑުޖަހައިދިނީ އެރިކް ގާސިއާ އެވެ.
މި މުބާރާތުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ރެއާލް ސޮސިއެޑާޑްގެ ދަނޑުގައި އެ ޓީމުން ވަނީ 1-1 އިން އެތުލެޓިކޯ މެޑްރިޑާ އެއްވަރުވެފައެވެ. މަޔޯކާއާ ދެކޮޅަށް ޖިރޯނާ ކުޅުނު މެޗު ނިމުނީ ވެސް ހަމަ މިނަތީޖާއިންނެވެ.
