ޔުއެފާ ޔުރޮޕާ ލީގުގައި ސްވިޒަލެންޑްގެ ޗެމްޕިއަން ޒިއުރިކް އެފްސީ އަތުން އާސެނަލް މޮޅުވިއިރު، ސްޕެއިނުގެ ރެއާލް ސޮސިއެޑާޑް އަތުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި އާސެނަލް މޮޅުވީ 2-1 އިންނެވެ. ސޮސިއެޑާޑް އަތުން ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމު ބަލިވީ 1-0 އިންނެވެ.

ރޭގެ މެޗުގައި ސޮސިއެޑާޑް އިން ޔުނައިޓެޑް އަތުން ހޯދީ މޮޅަކީ އެ ކްލަބުގެ ތާރީޚުގައި ރަށުން ބޭރުގައި އިނގިރޭސި ކްލަބެއް އަތުން ހޯދީ ފުރަތަމަ މޮޅެވެ. އަނެއްކޮޅުން، މި ނަތީޖާއާއެކު ޔުރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް 19 މެޗަށްފަހު މިވަނީ ނިމުމަކަށް އައިސްފައެވެ.

ޒިއުރިކްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 16 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް އާސެނަލުންނެވެ. މިއީ އެ ޓީމުގެ ފޯވާޑް އެޑީ އެންކެޓިއޭ ދިން ބޯޅައަކުން ބްރެޒިލްގެ ޒުވާން ވިންގާ މާކުއިނޯސް ކާމިޔާބުކުރި ގޯލެކެވެ.

ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޔުއެފާ

ފުރަތަމަ ހާފު ނިމުމުގެ ކުރީން ޒިއުރިކަށް ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްދިނީ މާލިން ކްރިޒޭއޫ އެވެ. މިއީ މެޗުގެ 44 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ތެރެއިން ޒިއުރިކްގެ އޮލާ ސެލްނައޭސް އަށް އާސެނަލްގެ ފޯވާޑް އެންކެޓިއޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، މެޗުގެ 62 ވަނަ މިނެޓުގައި އާސެނަލް މޮޅުވި ލަނޑުޖަހައިދިނީ އެންކެޓިއޭ އެވެ. މާކުއިނޯސް ނެގި ހުރަހަކުން ލިބުނު ބޯޅައަކުން އެންކެޓިއޭ މި ލަނޑުޖެހީ ބޮލުންނެވެ.

އާސެނަލް އާއެކު ގްރޫޕް އޭގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ނޯވޭގެ ބޯޑޯ/ގިލްމްޑްގެ ދަނޑުގައި އެ ޓީމުން ވަނީ ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަންއާ 1-1 އިން އެއްވަރުވެފައެވެ. މި މުބާރާތުގައި އާސެނަލަށް ދެން އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޕީއެސްވީއާ ދެކޮޅަށް ކުޅޭ މެޗެވެ.

ގްރޫޕް އީ ގައި ރޭ ޔުނައިޓެޑުން އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފަހު ހާފުގެ ކުޅުން ފެށިގެން 14 ވަރަކަށް މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބްރައިސް މެންޑޭޒް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޔުނައިޓެޑްގެ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒްގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ފެޔަނޫޑް ކޮޅަށް ލަނޑުޖެހުމަށްފަހު ލާޒިއޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޔުއެފާ

ޔުނައިޓެޑުން އެއްވަރުކުރަން ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލުމުގައި ސޮސިއެޑާޑްގެ ގޯލްކީޕަރު އަލެކްސް ރެމީރޯ ގަގާލޯ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، ރެމީރޯ ވަނީ ޔުނައިޓެޑްގެ މިޑްފީލްޑަރު ކަސެމީރޯ ފޮނުވާލި ދެ ހަމަލާއެއް މަތަކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލެއް ކާމިޔާބުކުރިނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމާ ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ބައްދަލުކުރި މެޗުގައި ސައިޕްރަސްގައި އޮމޯނިއާ ނިކޯސިއާ އަތުން މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލް މޮޅުވީ 3-0 އިންނެވެ. ޔުނައިޓެޑަށް ދެން އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި ޝެރިފްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޔުރޮޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި ނެދަލެންޑްސްގެ ފެޔަނޫޑް އަތުން 4-2 އިން ވަނީ އިޓަލީގެ ލާޒިއޯ މޮޅުވެފައެވެ. ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކޯޗު ކަމަށްވާ ޕޯޗުގަލްގެ ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިޓަލީގެ އޭއެސް ރޯމާ ވަނީ ރަށުން ބޭރުގައި ބަލްގޭރިއާގެ ލުޑޮގޮރެޓްސް އަތުން 2-1 އިން ބަލިވެފައެވެ.