ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުގައި ކޮންމެ އަހަރަކު ވެސް ގާތްގަނޑަކަށް 180،000 މީހުން އެނދުމުގެ ސަބަބުން މަރުވެއެވެ. 10 މިލިއަނަށް ވުރެ ގިނަ މީހުންނަށް އެނދުމުގެ ސަބަބުން ބޭސްފަރުވާއަށް ބޭނުންވެއެވެ. މިއީ ނިސްބަތުން ބޮޑެތި އަދަދުތަކެކެވެ.

އެނދުމަކީ ވަރަށް އާންމު އަނިޔާއެކެވެ. މި އަނިޔާގެ ސަބަބުން އުމުރުދުވަހަށް ލަކުނެއް ލުމާއި، އައިބު ވުމާއި، ނުކުޅެދުންތެރިކަން ހުރުމާއި، މަރުވުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ. ޑޮކްޓަރުންނާއި ދިރާސާވެރިން އަބަދުވެސް މަސައްކަތް ކުރަނީ އެނދުމުން އަނިޔާވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ރަނގަޅު ގޮތްތައް ތަރައްގީކޮށް، އެމީހުންނަށް އެންމެ ރަނގަޅު "ފަންކްޝަނަލް" އަދި "ކޮސްމެޓިކް" ނަތީޖާތަކެއް ހޯދައިދިނުމަށެވެ.

ފާއިތުވި އަހަރުތަކުގައި ބްރެޒިލްގެ ދިރާސާވެރިން ވަނީ "ބަޔޮލޮޖިކަލް ޑްރެސިންއެއްގެ" ގޮތުގައި މަހުގެ ހަންގަނޑު ބޭނުންކުރަން ފަށާފައެވެ. މިއީ ޒަޚަމްތައް އަވަހަށް ރަނގަޅުވެ ތަދު ކުޑަކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ޓިލާޕިއާ ނަމަކަށް ކިޔާ މަހުގެ ހަންގަނޑު މިހާރު ދިރާސާކޮށް ބްރެޒިލްގައި ބޭނުން ކުރަމުންދާއިރު، އެއިން ވަނީ މޮޅު ނަތީޖާތަކެއް ދައްކާފައެވެ. އެއީ އަގުހެޔޮކޮށް، އަވަހަށް ތަދު ކުޑަކޮށްދޭ، އަދި ފާރުގަނޑު ސަފޭހަވުން އަވަސްކޮށްދޭ އެއްޗެއްކަމަށް އެ ދިރަަސާކުރި ފަރާތްތަކުން ބުނެއެވެ. އެހެންކަމުން، ފިހިފައިވާ ޒަޚަމްތަކަށް ފަރުވާ ދިނުމުގައި މަހުގެ ހަންގަނޑަކީ އާ "ޓްރެންޑަކަށް" ވެދާނެ ހެއްޔެވެ؟ މިކަމުން އިންސާނިއްޔަތަށް ހެޔޮ ފަސޭހައެއް ލިބިދާނެ ހެއްޔެވެ؟ އަދި އެއް ސުވާލު އެބަ އޮތެވެ؟ މަހުގެ ހަންގަނޑު އިހްތިޔާރު ކުރީ ކީއްވެ ހެއްޔެވެ؟ އަދި ޓިލާޕިޔާ މަހުގެ ހަންގަނޑު ހިޔާރު ކުރީ ކީއްވެ ހެއްޔެވެ؟

ޓިލާޕިއާ މަހުގެ ހަންގަނޑަކީ އިންސާނުންގެ ހަންގަނޑާ ވަރަށް އެއްގޮތް ހަންގަނޑެކެވެ. އެއީ ފިހިފައިވާ މީހުންގެ ފާރުގަނޑުތައް ފަސޭހަވުމުގެ މަރުހަލާ ރަނގަޅުކޮށް، ރިހުން ކުޑަކޮށްދޭ އެއްޗެއްކަން ފާހަގަކުރެވުނެވެ. ޓިލާޕިޔާ ހަމުގައި ކޮލަޖަން ޓައިޕް 1 ގެ މަތީ މިންވަރެއް ހިމެނޭއިރު، މިއީ ފާރުގަނޑު ފަސޭހަކޮށްދިނުމަށް މަގުފަހިކޮށްދީ، ޒަޚަމްގައި "ސްޓްރަކްޗަރަލް" ހަތާތައް އުފެދުމަށް ބާރު ލިބޭ މާއްދާއެކެވެ.

އަދި ގިނަ އަދަދަކަށް އޮމެގާ-3 ފެޓީ އެސިޑް ހިމެނޭއިރު، މިއީ އެންޓިބެކްޓީރިއަލް އަދި އެންޓިވައިރަލް "ޕްރޮޕަޓީސް" ގިނަ ކަމުން މަހުގެ ހަންގަނޑަކީ އިންފެކްޝަން ޖެހުމުން (ޖަރާސީމު އަށަގަތުމުން) ވަރަށް ވަރުގަދައަށް ރައްކާތެރިކޮށްދޭ އެއްޗެކެވެ.

ހަތާތަކާއި ހަތާރުތައް އަލުން އުފެދުމަށް ބާރުއަޅައި، ދުޅަހެޔޮކަން އިތުރުކޮށްދީ، ޖަރާސީމުތަކާ ހަނގުރާމަކޮށް، ނާރުތަކުގެ ނިމުންތައް ރައްކާތެރިކޮށްދޭ ތަފާތު ގިނަ އެމިނޯ އެސިޑްތަކަކީ ވެސް ޓިލާޕިޔާ މަހުގެ ހަމުގައި އެކުލެވިގެންވާ މާއްދާ ތަކެކެވެ.

ހަތާތައް ގިނަވުމާއި، އުފެދި ތަރުތީބުވުމާއި، ޒަޚަމްތައް ފުރިހަމަވުން އަވަސްކޮށްދޭ ޚާއްޞަ "ހީލިންގ ޕެޕްޓައިޑްސް" ޒަޚަމްގައި ވަރުގަދައަށް ހަރުލައެވެ. މިއީ ޓިލާޕިޔާ ހަމުގައި ގިނަ މާއްދާއެކެވެ. އަދި މި މަހުގެ ހަމުން ފާރުގަނޑުގެ ތެތްކަން، ވަރަށް ރަނގަޅަށް ހިފަހައްޓައިދެއެވެ. މިކަމުގެ ސަބަބުން އަނދާފައިވާ ފާރުގަނޑުތަކަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންދެއެވެ.

މިކަމުގައި މިހާތަނަށް ދިރާސާކޮށް ބޭނުން ކުރެވެމުން އަންނަނީ ހަމައެކަނި ޓިލާޕިޔާ މަހުގެ ހަމެވެ. ނަމަވެސް ބްރެޒިލްގެ ބައެއް ސައިންސުވެރިން ދަނީ ތަފާތު އެކި މަސްމަހުގެ ހަން، މިގޮތަށް ބޭނުން ކުރެވިދާނެތޯ ބަލަމުންނެވެ. ބްރެޒިލްގައި ޓިލާޕިޔާގެ ހަން ބޭނުން ކޮށްގެން އަނދާފައިވާ ފާރުގަނޑުތަކަށް ފަރުވާދިނުން މިހާރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މަޝްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތިގައި މިއީ ސިއްހީ ދާއިރާއަށް އިންގިލާބެއް އަތުވެދާނެ ހޯދުމެކެވެ.

 

ހަވާލާ: ޑރ މޭސާދް އަލިމޮރަދީ 2021 (މިޔާ ކެއަރ)