އާސަންދައިގެ ފަރާތުން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް 'ވިލުން' ގެ ދަށުން ހޮސްޕިޓަލްތަކަށް ޓީވީ ހަދިޔާކުރުމުގެ އެމްއޯޔޫގައި ސޮއިކޮށްފިއެވެ.
އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދަން، ހޮސްޕިޓަލް/ކްލިނިކްތަކަށް ވަޑައިގަންނަވާ ރައްޔިތުންނަށް ޚާއްސަކޮށްގެން، ފާއިތުވީ އަހަރުގެ ޑިސެމްބަރު މަހު އާސަންދަ ކުންފުނިން ފެއްޓި، 'ވިލުން' ޕްރޮގްރާމްގެ ދަށުން، ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކަށް ޓީވީ ހަދިޔާކުރުމުގެ ފުރަތަމަ ބުރުގެ، އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު އެ ކުންފުނީގެ ހެޑްއޮފީހުގައެވެ.
މި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤާއި އެގްޒެކެޓިވް މެނޭޖްމަންޓް މެމްބަރުންނާއި ސީނިއަރ މެނޭޖްމެންޓް މެމްބަރުންގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަޙްމަދު ދާއޫދު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއޯއޯ އާދަމް މާހިރު، ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝިޔާމް އާއި ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޢަބްދުލް އަޒީޒް ރިފާއު އަދި ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ، މުޙައްމަދު ލިރާރް ބައިވެރިވެވަޑައިގެންނެވިއެވެ.
ޓީވީ ހަދިޔާ ކުރުމުގެ ފުރަތަމަ ބުރުގައި ޓީވީ ހަދިޔާކުރަން ނިންމާފައިވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަމު ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ފުވައްމުލަކު ހޮސްޕިޓަލަށެވެ. މި ޓީވީއަކީ ކޮންމެ ހޮސްޕިޓަލެއްގެވެސް އޯޕީޑީ ވެއިޓިން އޭރިއާގައި އާސަންދަ ސްކީމާއި އަދި ޢާއްމު ޞިއްޙަތާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓު އެޅުވުމަށް ހަދިޔާކުރާ ޓީވީއެވެ. އަދި ހޮސްޕިޓަލުގެ މަސައްކަތްތަކާއި ޚިދުމަތްތަކާ ގުޅޭގޮތުން ޙިއްސާކުރަން ހޮސްޕިޓަލްތަކުން ބޭނުންވާ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްވެސް މި ޓީވީތައް ބޭނުންކުރެވޭނެއެވެ.

ހޮސްޕިޓަލްތަކަށް ޓީވީ ހަދިޔާކުރުމުގެ އެމްއޯޔޫތަކުގައި އާސަންދަ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، މަރިޔަމް ޝަފީޤެވެ. އަދި ހޮސްޕިޓަލްތަކުގެ ފަރާތުން ސޮއިކުރެއްވީ ހޮސްޕިޓަލްތަކުން ވަޑައިގެންނެވި އިސްވެ ދެންނެވުނު ބޭފުޅުންނެވެ.
މި ރަސްމިއްޔާތު ފައްޓަވައިދެއްވުމުގެ ގޮތުން އާސަންދަ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އިބްރާހީމް ރަޝީދު ވަނީ ވާހަކަފުޅުދައްކަވާފައެވެ. ޑީ.އެމް.ޑީ ރަޝީދުގެ ވާހަކަފުޅުގައި، އާސަންދައިގެ އުސޫލުތަކާ ޚިދުމަތްތައް ދިނުން ރޭވިފައިވާ ގޮތްތަކާއި އަދި ސްކީމާ ގުޅުން ހުރި އާއްމު މަޢުލޫމާތު ރައްޔިތުންނަށް އަންގާ ހޭލުންތެރިކުރުމުން، ޚިދުމަތް ލިބިގަތުމުގައި ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެމްއޯޔޫގެ ދަށުން ހަދިޔާކުރި މި ޓީވީތައް މެދުވެރިކޮށް، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމުގެ މުހިއްމުކަން ވިސްނައިދީ ޕަބްލިކް ހެލްތުގެ ދާއިރާއިން އާއްމުން ހޭލުންތެރިކުރުމަށްވެސް މަސައްކަތްކުރެވިގެންދާނެކަން ރަޝީދު ފާހަގަކުރެއްވިއެވެ. އަދި ދުޅަހެޔޮ ރައްޔިތެއް ބިނާކުރުމަކީ އާސަންދަ ސްކީމަށް ދައުލަތުން ކުރާ ޚަރަދު ކުޑަކުރެވި، އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކަށް ހޭދަކުރާނެ ފައިސާ އިތުރުވެގެންދާނެ ކަމެއްކަންވެސް ރަޝީދު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤް ދެއްކެވި ވާހަކަފުޅުގައިވަނީ މި ޕްރޮގްރާމް ފެށިގެންދިޔުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަމަށް ވިދާޅުވެފައެވެ. އަދި އާއްމުންގެ ހޭލުންތެރިކަން އިތުރުކޮށް ސްކީމްގެ ދަށުން އާއްމުން ނުހޯދާ ޚިދުމަތްތަކަށްވެސް، ޚިދުމަތްދޭ ބައެއް ތަންތަނުން ބިލް ކުރުން ފަދަ ކަންކަން ހުއްޓުވުމަށް ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މަރިޔަމް ވިދާޅުވިއެވެ.
އެގޮތުން، ފާއިތުވީ އަހަރު އާސަންދައިން ތަޢާރަފްކުރި އާސަންދަ މޮބައިލް އެޕްލިކޭޝަނާއި އެސްއެމްއެސް ނޮޓިފިކޭޝަން ޚިދުމަތުގެ ބޭނުމަކީވެސް މި ފަދަ ނޭދެވޭ ކަންކަން ހުއްޓުވާ ސްކީމްގެ ތެރެއިން ކުރެވޭ ޚަރަދުތައް އާއްމުންނަށް ފަސޭހައިން ބެލޭނެ ގޮތް ހެދުންކަމުގައި މަރިޔަމް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އާސަންދަ ކުންފުނީގެ އިސްނެގުމުގެ މަތިން ފެއްޓި މި ޕްރޮގްރާމަށް އެއްބާރުލުން ދެއްވާ، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އަތޮޅުތެރެއިން ވަޑައިގެންނެވި ހޮސްޕިޓަލުތަކުގެ އިސްވެރިންނަށް މަރިޔަމް ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ރަސްމިއްޔާތަށްފަހު، އާސަންދަ ސްކީމާ ގުޅުންހުރި ޚިދުމަތްތައް ދިނުމުގައި ހޮސްޕިޓަލުތަކަށް ދިމާވާ ދަތިތަކާއި، އަދި ޚިދުމަތް ލިބިދިނުމުގައި ރައޔިތުންނަށް މިހާރަށްވުރެ ކަންކަން ފަސޭހަކޮށްދެވޭނެ ގޮތްތަކާމެދު، އާސަންދަ ކުންފުނީގެ މެނޭޖްމަންޓާއި ހޮސްޕިޓަލުތަކުގެ އިސްވެރިންނާ ދެމެދު ވަނީ މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްފައެވެ.
