ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ޕީއެސްޖީން މުބާރާތުގެ ދެވަނަ މޮޅު ހޯދިއިރު، ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑްގެ ލަނޑާއެކު މެންޗެސްޓާ ސިޓީ އިން އޭނާގެ ކުރީގެ ޓީމު ކަމަށްވާ ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ޖަރުމަނުގެ އާރްބީ ލިޕްޒިގު އަތުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މޮޅުވީ 2-0 އިންނެވެ. ޕީއެސްޖީން ރަށުން ބޭރުގައި އިޒްރޭލްގެ މެކަބީ ހައިފާ އަތުން 3-1 އިން މޮޅުވިއިރު، ސިޓީ އިން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ޑޯޓްމަންޑް ބަލިކޮށްފައެވެ.
ރެއާލްގެ ދަނޑުގައި ލީޕްޒިގު ކޮޅަށް ލަނޑެއްޖެހުމަށް ކުރި މަސައްކަތްތައް ކާމިޔާބުވާގޮތްވީ މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް އުރުގުއޭގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ ވައްދާލި ލަނޑުންނެވެ. ވަލްވާޑޭ މި ލަނޑުޖެހީ އެ ޓީމުގެ ބްރެޒިލްގެ ވިންގާ ވިނީޝަސް ޖޫނިއާ ދިން ޕާހަކުންނެވެ.
ލީޕްޒިގަށް ލަނޑެއްޖަހައިދޭން ފްރާންސްގެ ވިންގާ ކްރިސްޓޮފާ ކުންކޫ އަށް ރަނގަޅު ފުރުޞަތުތަކެއްލިބި ވަނީ ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާތައް ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ ވަނީ މަތަކޮށްފައެވެ. މި މެޗުގައި ރެއާލްގެ ދެވަނަ ލަނޑު، އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯ އެވެ. މިއީ ޓޯނީ ކްރޫސް ފޮނުވާލި ހިލޭޖެހުމަކުން ލިބުނު ބޯޅައަކުން ޕެނަލްޓީއޭރިޔާގެ ބޭރު ހުރެ އަސެންސިއޯ ކާމިޔާބުކުރި ގޯލެކެވެ.
ރޭގެ މެޗުން ހޯދީ މޮޅާއެކު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި 100 މެޗުން މޮޅުވި ދެވަނަ ކޯޗުގެ ޝަރަފު ހޯދާފައެވެ. މި މުބާރާތުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ މޮޅު ހޯދައިދިން ކޯޗަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އަލެކްސް ފާގަސަން އެވެ. ފާގަސަން ވަނީ ޔުނައިޓެޑްގައި ހޭދަކުރީ މުއްދަތުގައި 102 މެޗުން މޮޅުކޮށްދީފައެވެ.
މެކަބީ ހައިފާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖާރޮން ޗެރީ އެވެ. ޕީއެސްޖީން އެއްވަރުކުރި ލަނޑު، ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އެވެ. މިއީ އެ ޓީމުގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ނެގި ހުރަހެއް މެކަބީ ހައިފާގެ ކުޅުންތެރިއަކު ދިފާއުކުރަން އުޅުމުގެ ތެރޭގައި އެ ބޯޅަ މެސީ އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 69 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. މިއީ މެސީ ދިން ޕާހަކުން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ. އަދި އޭގެފަހުން، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް މާކޯ ވެރާޓީ ދިން ބޯޅައަކުން މެކަބީ ހައިފާގެ ކުޅުންތެރިން ކައިރިން އޮފްސައިޑް މަޅިން ސަލާމަތްވެ، ނޭމާ ވަނީ ޕީއެސްޖީ އަށް މޮޅު ކަށަވަރުކޮށްދީފައެވެ.
މި މެޗުގައި ޖެހި ގޯލާއެކު މެސީ ވަނީ ޖެހިޖެހިގެން 18 ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ގޯލު ޖެހުމުގެ އިތުރުން އެ މުބާރާތުގައި ތަފާތު 39 ޓީމެއް ކޮޅަށް ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ. ކުރިން މި ރެކޯޑް އޮތީ ތަފާތު 38 ޓީމު ކޮޅަށް ލަނޑުޖަހައިގެން ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައެވެ.
ސިޓީގެ އެތިހާދުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، މި ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ 11 ވަރަކަށް މިނެޓުގެ ތެރޭގައި ޑޯޓްމަންޑުން ލީޑްނެގީ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ކާމިޔާބުކުރި ގޯލުންނެވެ.
މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ސިޓީ އަށް އެއްވަރުކޮށްދިނީ ޖޯން ސްޓޯންސް އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން ސްޓޯންސް ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. ސްޓޯންސް މި ބޯޅަ ފޮނުވާލިއިރު ޑޯޓްމަންޑްގެ ކީޕަރު އަލެކްސެންޑާ މެޔާ ހުރީ ހަރަކާތްކުރަން ވެސް ނޭނގިފައެވެ. އޭގެ ހަތަރު މިނެޓުފަހުން، ސިޓީ މޮޅުކޮށްދިނީ ކުރިން ޑޯޓްމަންޑަށް ކުޅުނު ހާލަންޑް އެވެ. މިއީ އެ ޓީމުގެ ޕޯޒުގީޒް ފުލްބެކް ޔާއޯ ކަންސޭލޯ ނެގި ހުރަހަކުން ހާލަންޑް ކާމިޔާބުކުރި ރީތި ގޯލެކެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އިޓަލީގެ އޭސި މިލާނުން ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ޑިނަމޯ ޒަގްރެބް ބަލިކޮށްފައެވެ. 2020/21 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޗެލްސީން މި ފަހަރުގެ މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި 1-1 އިން އޮސްޓްރިއާގެ އާރްބީ ސަލްޒްބާގާ އެއްވަރުވިއިރު، ނަޕޯލީން ވަނީ ރަށުން ބޭރުގައި ރޭންޖާސް އަތުން 3-0 އިން މޮޅުވެފައެވެ.
ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި 2-1 އިން ޕޯޗުގަލްގެ ބެންފީކާ އަތުން ބަލިވިއިރު، ޝަހުތަރު ޑޮނެސްކްގެ ދަނޑުގައި ސެލްޓިކާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޑެންމާކުގައި އެފްސީ ކޯޕަންހޭގަންއާ ސެވިއްޔާ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
