"އޮސްލޯ މެރަތަން" ގައި ވާދަކުރި ދިވެހި ދުވުންތެރިން ގައުމީ އަދި އަމިއްލަ ރެކޯޑްތަކެއް ޤާއިމްކޮށްފިއެވެ.
ނޯވޭގެ ވެރިރަށް އޮސްލޯގައި އިއްޔެ ކުރިއަށްދިޔަ މި އިވެންޓްގެ، ހާފް މެރެތަން ކެޓަގަރީގައި ވާދަކޮށް ޝަމްހާ އަހުމަދު ގައުމީ ރެކޯޑްތަކެއް މުގުރާލިއިރު، އަހުމަދު ނަޞީރު އަބްދުﷲ އާއި އައިޝަތު ރިޝްމީ ވަނީ އަމިއްލަ ރެކޯޑްތަކެއް މުގުރާލައިފައެވެ.
އެގޮތުން، ހާފް މެރެތަން ކެޓަގަރީގައި ވާދަކޮށް، ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް އަންހެން ދުވުންތެރިޔާ ކަމަށްވާ ޝަމްހާ ގައުމީ ރެކޯޑް މުގުރާލީ 1 ގަޑިއިރާއި 27 މިނެޓު 23 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ ރޭސް ނިންމީ އަންހެނުންގެ އުމުރު ފުރައިގެ ކެޓަގަރީގެ ދެވަނައިގައި އޮވެގެންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް ކުރިން އޮތީ މަރްޔަމް އަބްދުލް ކަރީމް (މަރީ) އަތުގައެވެ.
މި އިވެންޓްގެ ހާފް މެރެތަންގައި ވާދަކުރި ރާއްޖޭގެ ތަޖުރިބާކާރު މެރެތަން ދުވުންތެރިޔާ އަހުމަދު ނަޞީރު ވަނީ 1 ގަޑިއިރާއި 43 މިނެޓު 56 ސިކުންތުން ރޭސް ނިންމައިގެން އަމިއްލަ ރެކޯޑެއް މުގުރާލައިފައެވެ.
ޝަމްހާ އާއެކު ކުރިއަރަމުން އަންނަ އަންހެން މެރެތަން ދުވުންތެރިޔާ ރިޝްމީ ވެސް ވަނީ އިއްޔެގެ މެރެތަންގައި ހާފް މެރެތަންގެ އަމިއްލަ ރެކޯޑެއް މުގުރާލައިފައެވެ. ރިޝްމީ ރޭސް ނިންމީ 1 ގަޑިއިރާއި 33 މިނެޓު 58 ސިކުންތުންނެވެ. އޭނާ ރޭސް ނިންމީ އަންހެނުންގެ އުމުރު ފުރައިގެ ކެޓަގަރީގެ ފަސްވަނައިގައި އޮވެގެންނެވެ.
ޝަމްހާ އާއި ރިޝްމީގެ ކޯޗު ނަސްރުﷲ އަހުމަދު ވެސް އިއްޔެގެ މެރެތަންގައި ވާދަކުރިއެވެ. އޮސްލޯގައި އިއްޔެ ފުލް މެރެތަން ދުވި ނަސްރު ރޭސް ނިންމީ 3 ގަޑިއިރާއި 30 މިނެޓު 58 ސިކުންތުންނެވެ. މިއީ ނަސްރުގެ 83 ވަނަ މެރެތަން އެވެ.
ދިވެހި ދުވުންތެރިންނަށް ދެން ކުރިއަށް އޮތީ މި މަހުގެ 25 ގައި އޮންނަ ބާލިން މެރެތަން އެވެ. ބާލިން މެރެތަންގައި ދިވެހި ހަތަރު ދުވުންތެރިން ވެސް ވާދަކުރާނީ ފުލް މެރެތަން ގައެވެ.
