ލޭމައްޗަށް ދިއުމަކީ އަހަރެމެން އެންމެންވެސް ކަންބޮޑުވާ ކަމެކެވެ. އެކަމުގެ ސަބަބުން ދިމާވެދާނޭ އެހެން ނުރައްކާތަކާއި ޖެހިދާނޭ އެހެން ބަލިތަކުގެ ސަބަބުންނެވެ. އާންމުގޮތެއްގައި ލޭމައްޗަށް ދާ މީހުންނަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ބައެއް ކަމަށް އަހަރެމެން ގަބޫލު ކުރަމެވެ. ނަމަވެސް ހިތުގެ ކޮން ބައްޔެއްކަމެއް ނޭނގެއެވެ. ހިތުގެ ބައްޔޭ ބުނުމުން އޭގެ ތެރޭގައި ހިތުގެ ވަރަށްގިނަ ބަލިތައް ހިމެނެއެވެ. ލޭމައްޗަށް ދާ މީހުންނަށް ޖެހޭ އެންމެ އާންމު ހިތުގެ ބައްޔަކީ "ހާޓް ފެއިލިއަރ" އެވެ. ނުވަތަ ހިތް ފެއިލްވުމެވެ.

ހިތް ފެއިލްވުމޭ ކިޔަނީ ކޮން ކަމަކަށް ހެއްޔެވެ؟ ހިތް ފެއިލް ވުމަކީ ހިތް ހުއްޓުން ހެއްޔެވެ؟ ހިތް ފެއިލްވުމަކީ ހަށިގަނޑުގެ ގުނަންތަކަށް ބޭނުންވާ މިންވަރަށް ހިތުން ލޭ ފޮނުވައި ނުދިނުމެވެ. ހިތުގެ މަސައްކަތަކީ ހަށިގަނޑުގެ ގުނަންތަކަށް ބޭނުންވާ މިންވަރަށް ލޭ ފޮނުވައިދިނުން ކަމުގައި ވީ ހިނދު، އެ ގުނަންތަކަށް ބޭނުންވާ މިންވަރަށް ލޭ ފޮނުވައި ނުދެވޭނަމަ ހިތުގެ މަސައްކަތް ހިތަށް ނުކުރެވީއެވެ. ހިތުގެ މަސައްކަތް ހިތަށް ނުކުރެވުމުން، އެ މަސައްކަތުގައި ހިތް ނާކާމިޔާބުވީއެވެ. ނުވަތަ ހިތް ފެއިލްވީއެވެ. ހާޓް ފެއިލިއަރ އޭ ނުވަތަ ހިތް ފެއިލްވީއޭ ބުނެވެނީ މިހެން ވެގެންނެވެ.

ދެން ލޭމައްޗަށް ދިއުމާ ހިތް ފެއިލްވުމާއި ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟ ލޭމައްޗަށް ދިއުމަކީ ހިތުން ލޭ ފޮނުވައިދޭ ބާރުމިނާއި އެނބުރި ހިތަށް ލޭ އަންނަ ބާރުމިން މަތިވުމުން ކިޔާ ނަމެކެވެ. އެ ބާރުމިން މަތިވާނަމަ ގިނައިން ލޭ ފޮނުވައިދޭނެ ނޫންތޯއެވެ؟ އެހެން ކަމުގައި ވަނީނަމަ، އިސްވެ ބުނެވުނު ފަދައިން ހިތް ފެއިލްވާންވީ ކީއްވެތޯއެވެ؟

ލޭމައްޗަށް ދިއުމާ ހިތް ފެއިލްވުމާއި ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އަހަރެމެން އިންސާނުންގެ ހަށިގަނޑުގައިވާ ލޭ ހޮޅިތަކަކީ އޭގެ ޒާތުގައި ވާންކަމެއް އޭގައި އެކުލެވޭ ގުނަންތަކެކެވެ. އަދި އޭގެ ފާރުގެ ބޯމިން ތުނި ގުނަންތަކެކެވެ. ލޭގެ ޕުރެސަރު މަތިކަމުގައި ވަނީނަމަ، އެ ލޭ ހޮޅިތަކުން ދަތުރުކުރާ ލޭގެ ބާރުމިން އިތުރުވެދެއެވެ. މިގޮތަށް ލޭ ހޮޅީގެ ތެރެއިން ދަތުރުކުރާ ލޭގެ ބާރުމިން އިތުރުކަމުގައި ވާނަމަ، އެ ލޭ ހޮޅިތަކުގެ ވާންކަން ކެނޑެއެވެ. އަދި އެ ލޭ ހޮޅިތަކުގެ ފާރުގެ ބޯމިން އިތުރުވެ، އެ ލޭ ހޮޅިތަކުގައި ހުންނަ "މަޑު" ކަމާއި "ވަކަކަން" ފިލާ ގޮސް، "ހަރު" ވާން ފަށައެވެ. އަދި ލޭ ހޮޅިތަކުގެ އެތެރޭގެ ޖާގަ ކުޑަވާން ފަށައެެވެ. މިއާއެކު އެ ލޭ ހޮޅިތަކުން ލޭ ފޮނުވައިދޭން، ހިތުން ކުރަން ޖެހޭ މަސައްކަތް އިތުރުވެއެވެ. ހިތުގެ ތެޅުމުގެ ބާރުމިން އިތުރުވެދެއެވެ. ހިތުން ލޭ ފޮނުވަން، ހިތް ފިއްތާލާ ބާރުމިން އިތުރުވެދެއެވެ.

ލޭ މައްޗަށް ދިއުމުން، ލޭ ހޮޅިތަކަށް މި އަންނަ ޖިސްމާނީ ބަދަލުތަކުގެ ސަބަބުން ލިތުގެ މަސައްކަތަށް ލިބޭ ބުރަކަމުގެ ސަބަބުން އިސްވެ ދެންނެވި ފަދައިން ހިތުގެ ތެޅުމާއި ހިތް ފިތޭ މިންވަރު އިތުރުވެދެއެވެ. އަދި ހިތުގެ ތެރޭގައި ހުންނަ ލޭގެ ޕުރެސަރުވެސް އިތުރުވެދެއެވެ. މިއާއެކު ހިތުގެ މަސްތައް އިތުރު ހިތްވަރަކާއި އެކު މަސައްކަތް ކުރަމުން ގެންދެއެވެ. ދިގު މުއްދަކަށް މިފަދަ ބުރަ ގޮތަކަށް ހިތުގެ މަސްތަކުން މަސައްކަތް ކުރަމުން ގެންދާނަމަ، ހިތުގެ މަސްތައް ވަރުގަދަވެ، ހަރުވާން ފަށައެވެ. އަދި މަސަތައް ހެދި، ބޮޑުވެސް ވެއެވެ. (ބޮޑީ ބިލްޑް ކުރާ މީހެއްގެ ހަށިގަނޑުގެ މަސްތައް ހަރުވެ ބޮޑުވާ ފަދައިންނެވެ.) ނަތީޖާއަކަށް ވެގެން ދަނީ ހިތް ފިތެންވާ މިންވަރަށް ނުފިތުމެވެ. އަދި ހިތުގެ އެތެރޭގެ ޖާގަ ކުޑަވުމެވެ.

ހިތް ފިތެންވާ މިންވަރަށް ނުފިތުމާއި، ހިތުގެ އެތެރޭގެ ޖާގަ ކުޑަވުމާއި، ލޭ ހޮޅިތަކިގެ އެތެރޭގެ ޖާގަ ކުޑަވެ އެ ލޭ ހޮޅިތަކުގެ ވާންކަން ކެނޑި "ހަރު" ވާން ފެށުމުން، ހަށިގަނޑުގެ ލޭ ދައުރުވުމަށް އަސަރު ކުރެއެވެ. ގުނަންތަކަށް ބޭނުންވާ މިންވަރަށް ލޭ ފޮނުވައި ދިނުމުގައި ހިތް ނުކުޅެދެއެވެ. އެހާލަތުގައިވެސް ލޭގެ ޕުރެސަރު ހުންނާނީ މަތިކޮށެވެ. ލޭގެ ޕުރެސަރު މަތިކޮށް ހުރި ނަމަވެސް، ލޭ ދަތުރުކުރާ މިންވަރު މަދުވެއެވެ. އެހެނީ ލޭ ދަތުރުކުރާ ލޭ ހޮޅިތަކުގެ އެތެރޭގެ ޖާގަ ކުޑަވުމާއި ލޭ ފޮނުވައިދޭ ހިތުގެ އެތެރޭގެ ޖާގަވެސް ކުޑަވުމުންނެވެ.

މިގޮތަށް ގުނަންތަކަށް ބޭނުންވާ މިންވަރަށް ހިތުން ލޭ ފޮނުވައި ނުދިނުމުގެ ސަބަބުން ގުނަންތަކުގެ މަސައްކަތުގައި ބުރަކަމާއި ވަރުބަލިކަން އިހުސާސް ކުރެވި މުޅި މީހާ ވަރުބަލިކުރުވާ ގޮތް ވެއެވެ. މި ހާލަތަށް ހިތް ފެއިލްވުމޭ ކިޔައެވެ. މި ބަލާލެވުނީ ކުރުގޮތަކަށް ލޭމައްޗަށް ދިއުމާއި ހިތުގެ ބައްޔަކާއި ގުޅިފައިވާ އެއް ނަޒަރަކަށެވެ. މިއީ ލޭމައްޗަށް ދިއުމާއި ގުޅިގެން ދިމާވާ އެންމެ އާންމު އެއް ކަންތައްކަމަށްވާ ހިތް ފެއިލްވުމާއި ހުރި ގުޅުމުގެ ހުލާސާ ތަފްސީލެކެވެ. އަހަރެމެން އެންމެންނީ މިފަދަ ބަލިތަކުން ރައްކާތެރިވެފައިވާ ބަޔަކު ކަމުގައި ލައްވާށިއެވެ.