އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި ބްރެންޓްފޯޑް އަތުން 3-0 އިން ހޯދީ މޮޅާއެކު އާސެނަލުން އަލުން ލީގުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
އާސެނަލުން އަލުން އެއްވަނަ އަށް އެރީ ކުޅުނު ހަތް މެޗުން ހޯދީ 18 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ސިޓީ އާއި ތިންވަނައިގައި އޮތް ޓޮޓެންހަމަށް 17 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް ބްރައިޓަން އަށް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.
މިއަދުގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް އާއި އޮލެގްސެންޑަ ޒިންޗެންކޯ އަދި އެމީލް ސްމިތު ރޯވް ނުކުޅެއެވެ. އެކަމަކު، އަނިޔާއަށްފަހު ދާދިފަހުން ކުޅުމަށް އެނބުރިއައި ގާނާގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ، އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިފައިވުމަކީ ކޯޗު މިކޭލް އާޓޭޓާ ލިބުނު ހިތްހަމަޖެހުމެކެވެ.
ބްރެންޓްފޯޑްގެ ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ 30 މިނެޓުގެ ތެރޭގައި އާސެނަލުން ވަނީ ދެލަނޑުގެ ލީޑެއްނަގާފައެވެ. މެޗުގެ 17 ވަނަ މިނެޓުގައި އާސެނަލުން ލީޑްނެގީ ބުކާޔޯ ސަކާ ނެގި ކޯނަރަކުން ވިލިއަމް ސަލީބާ ބޮލުން ވައްދާލި ލަނޑުންނެވެ. މިއީ ލީގުގައި އޭނާ ޖެހި ދެވަނަ ގޯލެވެ.
މެޗުގެ 28 ވަނަ މިނެޓުގައި އާސެނަލްގެ ދެވަނަ ލަނޑުޖެހީ ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް އެވެ. މި މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ގްރޭނިޓް ޒާކާ ނެގި ހުރަހަކުން ޖެސޫސް މި ލަނޑުޖެހީ ބޮލުންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި އާސެނަލްގެ ތިންވަނަ ލަނޑުޖަހައިދިނީ މި ފަހަރުގެ ސީޒަނަށް ޕޯޗުގަލްގެ ޕޯޓޯ އިން އެ ޓީމަށް ގެނައި މިޑްފީލްޑަރު ފަބިއޯ ވިއޭރާ އެވެ. ވިއޭރާ މި ލަނޑުޖެހީ ގޯލާއި ގާތްގަނޑަކަށް 25 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުންނެވެ. މިއީ ލީގުގައި އާސެނަލްގެ ޖާޒީގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ވިއޭރާ ކުޅުނު ފުރަތަމަ މެޗެވެ.
މި މެޗުގެ އިތުރުވަގުތުގައި ކުޅެން ނިކުތް އާސެނަލްގެ އުމުރުން 15 އަހަރުގެ އީތަން ވަނޭރީ ވަނީ އެ ޓީމުގެ ޖާޒީގެ މެޗެއް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ އިތުރުން ޕްރިމިއާ ލީގުގެ ތާރީޚުގައި މެޗެއް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އޭނާ ކުޅެން ނިކުތްއިރު އުމުރަކީ 15 އަހަރާއި 181 ދުވަހެވެ.
ލީގުގައި އާސެނަލަށް ދެން އޮތީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ވާދަވެރި ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗެވެ.
