ސްޕެނިޝް ލީގުގައި ރޭ ކުޅެވުނު 'މެޑްރިޑް ޑާބީގައި' އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް ރެއާލް މެޑްރިޑުން ސައްތައިން ސައްތައިގެ ރެކޯޑް ދަމަހައްޓައިފިއެވެ.
މިއީ 1987/88 ވަނަ އަހަރުގެ ސީޒަނުގެ ފަހުން ލީގުގެ ފުރަތަމަ ހަ މެޗުން ރެއާލް މޮޅުވި ފުރަތަމަ ފަހަރެވެ.
ރޭގެ ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު ހަ މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި ވާދަވެރި ބާސެލޯނާ އޮތްއިރު، ތިންވަނައިގައި އޮތް ރެއާލް ބެޓިސް އަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. އެތުލެޓިކް ބިލްބާއޯ އޮތީ ހަ މެޗުން ލިބުނު 13 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
އެތުލެޓިކޯގެ ވަންޑާ މެޓްރޯޕޮލިޓާނޯގައި ރޭ ކުޅުނު މި މެޗުގައި ރެއާލުން ލީޑްނެގީ 18 ވަނަ މިނެޓުގައި ރޮޑްރީގޯ ވައްދާލި ލަނޑުންނެވެ.މިއީ އެ ޓީމުގެ ފްރާންސް މިޑްފީލްޑަރު އައުރެލިން ޗުއަމެނީ ފޮނުވާލި ހާފް ވޮލީއެއްގެ އެހީގައި ރޮޑްރީގޯ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި ކުޅުނު ފަސް މެޗުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރީން ފެޑެރީކޯ ވަލްވާޑޭ ވަނީ ރެއާލަށް ދެ ލަނޑުގެ ލީޑެއްނަގައިދީފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި ވަލްވާޑޭ މި ލަނޑުޖެހީ ވިނީޝަސް ޖޫނިއާ ފޮނުވާލި ބޯޅައެއް ގޯލްގެ އަރިމަތީދަނޑީގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް މާރިއޯ ހާމޯސޯގެ ލަނޑުން އެތުލެޓިކޯ އަށް އުއްމީދެއް ލިބުނެވެ. އެކަމަކު، މެޗުގެ އިތުރުވަގުތުގެ ކުރީކޮޅު ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމަށް މެޗުން ޕޮއިންޓެއް ހޯދުމުގައިި ވަނީ އުނދަގޫތައް ކުރިމަތިވެފައެވެ.
