ވޯލްޑް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ތައްޔާރީތަކަށް ރާއްޖޭގެ ގައުމީ ކެރަމް ޓީމު މިއަދު ފުރައިފިއެވެ.

އަންނަ މަހުގެ 3-7 އަށް މެލޭޝިއާގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ކެރަމް ޓީމު ފުރީ މ. މެދުފުށި އައިލެންޑް ރިސޯޓަށެވެ.

މިއަދު ހެނދުނު މެދުފުއްޓަށް ފުރި ގައުމީ ފިރިހެން ކެރަމް ޓީމުގައި ހިމެނެނީ؛ އިބްރާހިމް ހުޖާން، އިސްމާއިލް އަޒްމީން، މުހައްމަދު މުންތަސިރު އާއި އާދަމް އަދީލް އަދި ޔަމާން އަބްދުލް ޖަލީލް އެވެ. ގައުމީ އަންހެން ކެރަމް ޓީމުގައި ހިމެނެނީ؛ އައިޝަތު ނަހުފާ، އައިމިނަތު ވިދާދު، އައިޝަތު ފައިނާޒް އާއި އާމިނަތު ވިޝާމާ އަދި ފާތިމަތު ރަޔާނާ އެވެ.

މި ގޮތަށް ކޭމްޕްކުރުމުގެ މައިގަނޑު ބޭނުމަކީ ކުޅުންތެރިން މުބާރާތަށް ފޯކަސް ކުރާ މިންވަރު އިތުރުކުރުން ކަމަށް ގައުމީ ކެރަމް ޓީމުގެ ކޯޗު އަލީ ނިޔާޒު ބުންޏެވެ. އެގޮތުން، މުބާރާތުގެ މެޗުތައް ކުރިއަށްދާ ގޮތާއި އެއް ކަހަލަ މާހައުލެއްގައި ކުދި ބްރޭކްތައް ނަގައިގެން ޓީމުގެ ކުޅުންތެރިންގެ މެދުގައި ވާދަވެރި މެޗުތަކެއް ކުޅުމުން އޭގެ ފައިދާ ނުހަނު ބޮޑަށް ކުރާނެ ކަމަށް ކޯޗު ނިޔާޒުގެ އިތުރުން މެނޭޖަރު ނާޒިމް ހަސަން ވެސް ފާހަގަކުރެއްވިއެވެ.

މީގެކުރީން، މިދިޔަ އޯގަސްޓް މަހުގެ މެދުތެރޭގައި ގައުމީ ކެރަމް ޓީމުން ވަނީ ޅ. ހިންނަވަރަށް 7 ދުވަހުގެ ޓްރެއިނިންގ ކޭމްޕެއްގައި ގޮސްފައެވެ. އަދި މި ޓްރެއިނިންގ ކޭމްޕްގެ ސަބަބުން ކުޅުންތެރިންގެ ކުޅުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ކޯޗު ނިޔާޒު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެންމެ ފަހުން ހިންނަވަރުގައި ފުރިހަމަކުރި ޓްރެއިނިންގ ކޭމްޕަކީ ވަރަށް ކާމިޔާބު ދަތުރެއް. އެ ކޭމްޕަށްފަހު ކުޅުންތެރިންގެ ކުޅުމަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވޭ،" ނިޔާޒު ބުންޏެވެ.

މީގެއިތުރުން، ހިންނަވަރުގައި ކުރިއަށްދިޔަ ކޭމްޕްގައި ގައުމީ ކެރަމް ޓީމުގެ ކޯޗެއްގެ ގޮތުގައި ފެނިގެންދިޔަ 2012 ވަނަ އަހަރުގެ ދުނިޔޭގެ ކެރަމް ޗެމްޕިއަން ސްރީ ލަންކާގެ ނިޝާންތަ ފެނާންޑޯގެ އެހީތެރިކަމާއެކު ހުރިހާ ކުޅުންތެރިން ވެސް ކުރިއެރުންތައް ހޯދާފައިވާ ކަމަށް މެނޭޖަރު ހުސައިން އަލީ ބުންޏެވެ.

އެހެންކަމުން، މެދުފުށި އައިލެންޑް ރިސޯޓްގައި ކުރިއަށްދާ ޓްރެއިނިންގ ކޭމްޕްގެ އެހީގައި ވޯލްޑް ޗެމްޕިއަންޝިޕަށް ފުރުމުގެ ކުރީން ގައުމީ ޓީމު އެންމެ ފުރިހަމަ އަށް ތައްޔާރުވެވޭނެ ކަމަށް ކެރަމް އެސޯސިއޭޝަންގެ އިސްވެރިން ގަބޫލުކުރެއެވެ.

މި ޓްރެއިނިންގ ކޭމްޕް ނިންމާލުމަށްފަހު ގައުމީ ކެރަމް ޓީމު މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.