މި މަހުގެ ކުރީކޮޅު، ދެ ކޮއްކޮއަކާއެކު މެންދުރު ކެއުމަށް، ބީއެމްއެލް ޑޮލަރު އޭޓީއެމް ގޯޅިތެރޭގައި ހުންނަ، ދަ ގާރޑެން ރެސްޓޯރަންޓަށް ވަދެލީމެވެ. ތިރީގައި ހުރި އޭސީ ބަޔަށް ވަންނަން އުޅެފަވެސް، ފިނި ދުވަހަކަށް ވާތީވެ، މަތީގައި ހުރި އޯޕަން ޓެރަސް ބަޔަށް އެރީމެވެ. އިށީނުމާއެކު ފުރަތަމަވެސް ވެއިޓަރު މެނޫއާއި ފެން ގެނެސްދިނުމަށްފަހު، އިރުކޮޅަކުން ޓީ ޕޮޓަކާއި ތިން ޖޯޑު ގެނެސްދީފިއެވެ. އޭރު އަދި މިއުޅެނީ އޯޑަރުވެސް ނުދެވިގެންނެވެ. އަލުގަނޑުމެން ޓީ އަށް އޯޑަރެއް ނުދެމޭ ވެއިޓަރު ގާތު ބުނީމާ ޖަވާބަކަށް އައީ، އެއީ "ކޮމްޕްލިމެންޓަރީ ގްރީން ޓީ" ކަމަށެވެ. އެހެން ބުނީމާ، އަޅުގަނޑުވެސް އަދި ދެން ތިބި ދެ ކޮއްކޮވެސް ވަރަށް ހެވިލާފަ ތިބެ އޯޑަރު ދިނުމަށް ފަހު، ގްރީން ޓީ ޕޮޓު ހުސްކުރުމަށް އަވަސްވެގަތީމެވެ.
ޓީ ޕޮޓާއެކު ފޮޓޯ ނަގާ އިންސްޓަގްރާމް ކުރުމުގައި އުޅެނިކޮށް، ދާދި އަވަހަށް އޯޑަރުކުރި ކާތަކެތި ގެނެސްފިއެވެ. އަޅުގަނޑު އޯޑަރު ކުރި 'އިންޑިއަން ތާލީ މީލް' ވަރަށްވެސް ފުރިހަމަވެފައި ރަހަމީރެވެ. ކޮއްކޮމެން އޯޑަރުކުރި 'ކާބޮނާރާ' އާއި 'ޗިކަން ސްޕެގެޓީ' ވެސް އެހާމެ މީރެވެ. ވެއިޓަރުންގެ ސަރވިސްވެސް ވަރަށް ރަނގަޅުކަން ފާހަގަކޮށްލަން ޖެހެއެވެ.
މިއީ އަޅުގަނޑާ އަޅުގަނޑުގެ ދެ ކޮއްކޮގެ ތަޖުރިބާއެވެ. އަޅުގަނޑު އެތަނަށް ދިޔައީ ކެއުމަށްފަހު، މި އާޓިކަލް ލިޔަން ރެސްޓޯރަންޓުގެ ޓީމާ ބައްދަލުކުރަންކަމެއް ހަމަގައިމުވެސް އޭރަކު އެތަނުން އެކަކަށްވެސް ނޭނގޭނެއެވެ.
ކެއުމަށްފަހު ހަމަޖެހިލައިގެން ހުރެ ރެސްޓޯރެންޓްގެ މެނޭޖްމަންޓް ޓީމާ ބައްދަލުކޮށް ރެސްޓޯރެންޓާ ބެހޭ މަޢުލޫމާތުތައް ހޯދާލީމެވެ.
ދަ ގަރޑަން ރެސްޓޯރެންޓް ހުޅުވީ މި އަހަރުގެ ޖޫން 25 ގައެވެ. އަލަށް ހުޅުވި މި ރެސްޓޯރެންޓުގެ މެނޭޖްމެންޓުގެ މަގްސަދަކީ، ހިތްގައިމު މާހައުލެއްގަ މީރު، ކޮލިޓީ ކެއުންތައް، އެކަށީގެންވާ އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ. ފުރަތަމަ ވަންނަ އިރުވެސް ލޮލުގައި އަޅައިގަންނާނީ ތަނުގެ ފެހިކަމެވެ. ތަނުގެ ނަމާއި އެއްގޮތަށް، މުޅި ރެސްޓޯރަންޓުގެ ހުރިހާ ދިމާއެއްގަ މިހާރަށްވުރެވެސް ބޮޑަށް، 'ގާރޑެން ފީލް' ގެނައުމަކީ މެނޭޖްމަންޓުގެ ވަރަށް ބޮޑު ޓާގެޓެކެވެ.
ތަނުގެ މެނޫއަށް ބަލާލާއިރު، ކޮންމެ ކެއުމަކާއެކު ލިބޭ 'ކޮމްޕްލިމެންޓަރީ ގްރީން ޓީ' ގެ އިތުރުން، ކޮފީ އާއި އެކި ވައްތަރު ވައްތަރުގެ ބުއިންތައް ލިބެން އެބަހުއްޓެވެ. ޚާއްސަކޮށް މި ތަނުގެ 'ކަށިކެޔޮ މިލްކްޝޭކް' ކޮންމެހެންވެސް ޓްރައިކޮށްލުމަށް އަޅުގަނޑު ރެކޮމެންޑްކުރަމެވެ.
ކެއުމަށް ޖެހިލާއިރު، އޮތެންޓިކް މޯލްޑިވިއަން، އިންޑިއަން، ޗައިނީޒް، އިޓާލިއަން، ތައި އަދި ކޮންޓިނެންޓަލް ކެއުންތައްވެސް ލިބެން އެބަހުއްޓެވެ. އެންމެ ޑިމާންޑް ބޮޑު ކެއުންތަކުގެ ގޮތުގައި މެނޭޖްމަންޓުން ފާހަގަކުރަނީ، 'ދޯސާ ތާލީ މީލް'، 'ގާރޑެން ރައިސް'، 'މޮންގޯލިއަން ރައިސް' އަދި 'މެލޭޝިއަން ސްޓައިލް ޗިކަން/ފިޝް' ފަދަ ޑިޝްތަކެވެ.
'ދަ ގާރޑެން ރެސްޓޯރެންޓް' ގެ ކެއުންތައް މީރުވެފަ ތަން އެހާމެ ހިތްގައިމެވެ. އޯޕަން-ޓެރަސް އޭރިއާ ޑިޒައިންކޮށްފަ ހުރީ އަވި ނުދެންޏާ ނުވަތަ ވާރޭ ނުވެހެންޏާ ކަހާލާފަ ބެހެއްޓޭނެ 'ރީޓްރެކްޓެބަލް-ރޫފް' އަކާ އެކުއެވެ. ތަންކޮޅެއް ޕްރައިވެޓްކޮށް ފިނިކޮޓަރީގައި ތިބެ ކާލަން ބޭނުން ފަރާތްތަކަށް ތިރީގައި ހިތްގައިމު އޭސީ ޖާގައެއް ވަނީ ޑިޒައިންކުރެވިފައެވެ. އޭސީ އޭރިއާ ބޭރުގަ، ޗާލު ގަސްތަކާއެކު، ކޮފީ ބޯލެވޭނެހެން ވަރަށް ވެސް ފެހި، 'ޕެޓިއޯ' އޭރިއާއެއް ހުންނާނެއެވެ.
މިއިން ކޮންމެ އޭރިއާއަކީވެސް ތަފާތު އިވެންޓްތަކާއި ސެލެބްރޭޝަންތަކަށް ބުކްކުރެވޭނެ ތަންތަނެވެ. ބުކް ކުރެއްވުމަށް 7342422 ނުވަތަ 3314222 ނަންބަރަށް ގުޅާލައްވާށެވެ.
ރެސްޓޯރެންޓަށް ވަޑައިނުގެން ގޭގަ ތިއްބަވައިގެންވެސް 'ދަ ގަރޑެން ރެސްޓޯރަންޓް'ގެ ޑިޝްތަކަށް އިންސާފުކޮށްލެވިދާނެއެވެ. ޑެލިވަރީ މެނޫއިން އޯޑަރުކޮށްލެއްވުމުން ސީދާ ގެއަށް ގެންގޮސްދޭނެއެވެ. އިސްވެ ދެންނެވުނު ނަންބަރުތަކަށް ގުޅުއްވައިގެން ޑެލިވަރީ އޯޑަރުތައްވެސް ދެއްވޭނެއެވެ.
ދެން ފަހަރަކުން، ރެސްޓޯރަންޓަކުން ކެއުމަށް ވިސްނަވާއިރު، 'ދަ ގަރޑެން ރެސްޓޯރަންޓް' ޓްރައިކޮށްލައްވަން ހަނދުމަފުޅު ބަހައްޓަވައްޗެވެ. އާއިލާއާއެކު ނުވަތަ ރައްޓެހިންނާއެކު ވަޑައިގަތްނަމަވެސް، އަޅުގަނޑާއި އަޅުގަނޑުގެ ދެ ކޮއްކޮއަށް ކުރެވުނު އުފާވެރި ތަޖުރިބާ ތިބޭފުޅާއަށްވެސް، ދަ ގަރޑެން ރެސްޓޯރެންޓުން، ކުރެއްވޭނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ.
