"ސުލްޠާން"، "ޓައިގަރ ޒިންދާ ހޭ" އަދި "ބާރަތު"ގައި ސަލްމާން ޚާނާއެކު މަސައްކަތްކުރި ޢަލީ ޢައްބާސް ޒަފަރު އަނެއްކާވެސް ސަލްމާނާއެކު ފިލްމެއްގެ މަސައްކަތް ފަށަން އުޅޭ ކަމަށް ބޮލީވުޑްގެ ބައެއް ރިޕޯޓުތައް ބުނެފިއެވެ. 

ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުން ނަމަ މި ފިލްމަކީ 2024 ވަނަ އަހަރުގެ ފިޠުރު ޢީދުގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމެވެ. އަދި ފިލްމާ ގުޅޭ މަޝްވަރާތައް ޢަލީ ޢައްބާސްއާ ދެމެދު ކުރެވެމުންދާކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ސަލްމާން ޚާނަކީ ކޮންމެ އަހަރަކުވެސް ޢީދާ ދިމާކޮށް އޭނާގެ ބޮޑެތި ޕްރޮޖެކްޓްތައް ރިލީޒްކުރަމުންދާ އެކްޓަރެކެވެ. އެގޮތުން 2017 ވަނަ އަހަރުގެ ޢީދުގައި "ޓައިގަރ ޒިންދާ ހޭ" ރިލީޒްކޮށްފައިވާއިރު 2018 ވަނަ އަހަރު "ރޭސް-3" އަދި 2019 ވަނަ އަހަރު "ބާރަތު" ވަނީ ރިލީޒްކޮށްފައެވެ. އަދި ހަމައެހެންމެ 2021 ވަނަ އަހަރުގެ ޢީދުގައި ވަނީ "ރާދޭ:ޔުއަރ މޯސްޓް ވޯންޓެޑް ބާއީ" ރިލީޒްކޮށްފައެވެ. ސަލްމާންގެ ދެން އޮތް އެންމެ ބޮޑު ފިލްމު "ޓައިގަރ-3" ވެސް ސިނަމާތަކަށް ގެންނަން ހަމަޖަސައްސައިފައިވާ ތާރީޚަކީ 2023 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސްކަން ފާހަގަކޮށްލަންޖެހެއެވެ.

އަލި އައްބާސްއާއިއެކު ހަދަން އުޅޭ އާ ފިލްމަށް ކިޔާ ނަމެއް އަދި ޔަޤީނެއް ނުވެއެވެ. ޢަލީ މިދުވަސްކޮޅު ޝާހިދް ކަޕޫރުގެ ފިލްމެއްގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދާއިރު އަކްޝޭއާއި ޓައިގަރ ލީޑް ރޯލުތަކުން ފެނިގެންދާ ފިލްމު "ބަޅޭ މިޔާނ ޗޯޓޭ މިޔާނ" ވެސް 2023ގެ ޖަނަވަރީ މަހު ސިނަމާތަކުގައި އަޅުވަން ވަނީ ނިންމފައެވެ. އެއަށްފަހު ސަލްމާން ޚާން ފިލްމްސް (އެސް.ކޭ.އެފް)އާ ގުޅިގެން ސަލްމާނާއެކު އާ ފިލްމުގެ މަސައްކަތް ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Salman Khan (@beingsalmankhan)

ސަލްމާން ޚާން އެންމެ ފަހުން ފެނިގެންދިޔައީ "އަންތިމް: ދަ ފައިނަލް ޓްރުތު"އިންނެވެ. އަދި މިހާރު "ގޯޑްފާދަރ"ގެ މަސައްކަތުގައި އުޅެމުން ދާއިރު، ސަލްމާންގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ކިސީކީ ބާއީ ކިސީކީ ޖާން" އާއި "ޕަތާން" ހިމެނެއެވެ.