ސުޝާންތު ސިންގުގެ މަރަށް 3 މަހަށްވުރެ ގިނަ ދުވަސްވެގެން ދިޔަ އިރު ކިތަންމެ ބާރަށް ތަހުގީގު ދިޔަ ނަމަވެސް މަރުގެ ހަގީގަތް ހާމަވެފައި ނުވުމުގެ ސަބަބުން ސުޝާންތުގެ ގާތް މީހުން ބަނޑުގައި ހޫނުކަމުގެ ހަޅުތާލު ފަށައިފިއެވެ. އިންޑިޔާގެ މިނިވަންކަމުގެ ބަޠަލު ކަމަށްވާ މަހާތުމާ ގާނދީގެ އުފަން ދުވަހު އިންޑިޔާގެ ދިއްލީގެ ޖަންތަރު މަންތަރު މައިދާނުގައި އޮންނަ ބޮޑު އެއްވުމުގައި މި ހަޅުތާލު ފެށީ މިއަދު އެވެ. މި ކަމުގައި އެންމެ އިސްކޮށް ތިބީ ސުޝާންތުގެ ގާތް ރަޙްމަތްތެރިޔާ އަދި ކްރިއޮގްރާފަރ ގަނޭޝް ހިވާރްކަރް އަދި ސުޝާންތުގެ ސްޕޮޓް ބޯއީ އަކަށް ކުރިން އުޅުނު އަންކިތު އަޗާރިޔާ އެވެ. މި ދެމީހުން ވަނީ، ސުޝާންތު އަށް އިންސާފު ހޯދައިދިނުމަށް ހަދާފައިވާ ބެނަރ އެއް ހިފައިގެން ރޭ މުމްބައި އިން ދިއްލީއަށް ދަތުރު ކޮށްފައެވެ. ދިއްލީ އެއަރ ޕޯޓުން އަންކިތު ހައްޔަރު ކުރުމާ ގުޅިގެން، މީޑިޔާއަށް މަޢުލޫމާތު ދެމުން ގަނޭޝް ބުނީ، އޭނާ އެކަނި ވިޔަސް މައިދާނަށް ދާނެ ކަމާ، ދާނީ ވެސް ފައިމަގުގައި ކަމަށެވެ.

ފަހުން އަންކިތު ވަނީ ދޫކޮށްލާފައެވެ. އަދި މި ހަޅުތާލަށް ދުނިޔޭގެ އެކި ހިސާބުގައި ތިބި ގިނަ ބަޔަކު އަންނަނީ އެއްބާރުލުން ދެމުންނެވެ. ސުޝާންތުގެ ގާތިލުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލާ މި ހައިހޫނުކަމުގެ ހަޅުތާލު 3 ދުވަހަށް ދެމިގެން ދާނެއެވެ. މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ، މިކަމުގެ ސަބަބުން ޖަލަށް ދާން ޖެހުނަސް ފަހަތަށް ނުޖެހޭނެ ކަމަށާ މިކަން ހުއްޓާލާނީ އިންސާފު ލިބުމުން ކަމަށެވެ. މުޒާހަރާގެ ބައިވެރިން އިތުރަށް ހާމަ ކުރި ގޮތުގައި، ގެތަކުގައި ތިބެގެން އަޑު އުފުލި ކަމަށާ ބޭރަށް ނިކުނަންނަން މަޖުބޫރު ވީ އެކަމަށް ޙައްލެއް ނުލިބުމުން ކަމަށެވެ.

ސުޝާންތުގެ މަރަށް އިންސާފު ހޯދުމަށް އޭނާގެ ސަޕޯޓަރުން ގޮވާލަމުން ދިޔަ ނަމަވެސް ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ ތެރެއިން ދެތިން މީހަކު ފިޔަވާ އެހެން މީހަކު ސުޝާންތުގެ ދިފާޢުގައި އެއްޗެއް ނުބުނެއެވެ. އަދި މީގެ ތެރެއިން ގިނަ ބައެއްގެ ނަން މިހާރު ވަނީ މަސްތުވާ ތަކެތި ވިއްކާ އަދި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓަށް އަރާފާއެވެ. އެއް ބަޔަކާ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ވަނީ ސުވާލު ކޮށްފައެވެ.