ވޯލްޑް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން މ. މެދުފުށި އައިލެންޑް ރިސޯޓްގައި ކުރިއަށްދާ ގައުމީ ކެރަމް ޓީމުގެ ފަރިތަކުރުންތައް ކާމިޔާބުކަމަށް ކެރަމް އެސޯސިއޭޝަން (ސީއޭއެމް) އިން ބުނެފިއެވެ.
އަންނަ މަހު 3-7 އަށް މެލޭޝިއާގެ ލަންކާވީގައި ފަށާ 8 ވަނަ ވޯލްޑް ޗެމްޕިއަންޝިޕްގެ ކުރިން މެދުފުށި ރިސޯޓްގައި ގައުމީ ޓީމު ކޭމްޕްކުރީ މި މަހުގެ 19 ގައެވެ.
މިހާރު މެދުފުށި ރިސޯޓްގައި ކުރިއަށްދާ ގައުމީ ކެރަމް ޓީމުގެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ކެރަމް އެސޯސިއޭޝަނުގެ ނައިބު ރައީސް އަލީ ނަދީމް (ނަޑޭ) ވިދާޅުވީ، ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ވޯލްޑް ޗެމްޕިއަންޝިޕަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ.
މިފަހަރުގެ ގައުމީ ފިރިހެން ކެރަމް ޓީމުގައި ހިމެނެނީ؛ އިބްރާހިމް ހުޖާން، އިސްމާއިލް އަޒްމީން، އާދަމް އަދީލް އާއި މުހައްމަދު މުންތަސިރު އަދި ޔަމާން އަބްދުލް ޖަލީލް އެވެ. ގައުމީ އަންހެން ކެރަމް ޓީމުގައި ހިމެނެނީ؛ އާމިނަތު ވިޝާމާ، އައިމިނަތު ވިދާދު، އައިޝަތު ފައިނާޒް އާއި އައިޝަތު ނަހުފާ އަދި ފާތިމަތު ރަޔާނާ އެވެ.
މީގެކުރިން، ގައުމީ ޓީމުގެ ކޯޗު އަލީ ނިޔާޒު އާއި މެނޭޖަރުން ކަމަށްވާ ހުސެއިން އަލީ އަދި ނާޒިމް ހަސަން ތީރު މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ފާހަގަކުރެއްވި ގޮތަށް ސީއޭއެމްގެ ނައިބު ރައީސް ނަދީމް ވަނީ މިފަހަރުގެ މުބާރާތުގައި މުޅި ގައުމު ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް ހާސިލްކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ނަދީމް ވަނީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، ގައުމީ ޓީމާމެދު ބަހައްޓަވާ ގާތްކަމަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި މި ފުރުޞަތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށް ނަދީމް ވިދާޅުވިއެވެ.
މީގެއިތުރުން، ނަދީމް ވަނީ ގައުމީ ޓީމަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާތީވެ، ތްރީއޭ ހޮޓެލްސް އެންޑް ރިޒޯޓްސްގެ ޗެއަރމަން އަބްދުﷲ އަލީ އާއި މެދުފުށި އައިލެންޑް ރިސޯޓްގެ މޫސާ ޝިޔާމް އަށް ޝުކުރު އަދާކޮށްފައެވެ.
އިންޓަވިއު ނިންމާލަމުން ނަދީމް ވަނީ ގައުމީ ޓީމަށް އެންމެންގެ ފުރިހަމަ ތާއީދާއި ސަޕޯޓް އަދި ހެޔޮ ދުޢާ ކޮށްދެއްވުމަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
މި ޓްރެއިނިންގ ކޭމްޕް ނިންމާލުމަށްފަހު މިއަދުގެ ވަގުތެއްގައި ގައުމީ ޓީމު މާލެ އައުމަށް ހަމަޖެހިފައިވާއިރު، ވޯލްޑް ޗެމްޕިއަންޝިޕަށް ދިއުމަށްޓަކައި މާލެއިން ފުރާނީ އޮކްޓޫބަރު 1 ގައެވެ.
