ވަރުބަލިވުމަކީ ވަރު ނުވަތަ ބާރު ނުވަތަ ހަކަތަ ނެތުމުގެ އިހުސާސެކެވެ. މާގިނައިން މަސައްކަތް ކުރުމާއި، ނިދި މަދުވުމާއި، ކަންބޮޑުވެ ހާސްވުމާއި، ފޫހިވުމާއި، ނުވަތަ ހެލިފެލިވެ ނޫޅޭ މީހަކު، ހެލިފެލިވެ އުޅެން ޖެހުމުން ވަރުބަލިކަން އިހުސާސް ކުރެވިދާނެއެވެ. އާދަޔާ ހިލާފަށް ބުރަ މަސައްކަތެއް ކުރުމުން ނުވަތަ ވަރުބަލިކަން އިހުސާސްކުރެވޭފަދަ ކުޅިވަރެއް ކުޅުމަކީވެސް ވަރުބަލިވެދާ ކަމެކެވެ. ހުން އައުމާ އަރިދަފުސް ރޯގާ ފަދަ އެއްވެސް ބައްޔަކުން ވަރުބަލިކަން ކުރިމަތިވެދާ ނަމަ، އާންމުކޮށް އެ ބަލި ސާފުވުމުން އެ ވަރުބަލިކަން ފިލައިގެން ދާނެއެވެ. ގިނަ ފަހަރަށް ކުޑަކޮށް ވަރުބަލިވާނަމަ ގޭގައި ފަރުވާ ދިނުމުން ރަނގަޅުވާނެ ހާލަތްތަކުގައި ކޮންމެހެން ޑަކްޓަރަށް ދެއްކުމެއް ނެތެވެ.
ހާސްވެ ނުތަނަވަސްވެދާ ހާލަތެއްގައި ވެސް ވަރުބަލިވެދާނެ އެވެ. މިބާވަތުގެ ވަރުބަލިކަން އެ ހާސްކަމެއް ފިލާދިއުމުން ފިލައިގެން ދެއެވެ.
ވަރުބަލިވުމުން ޑޮކްޓަރަށް ދައްކަން ޖެހެނީ ނޭވާލާން އުނދަގޫވެ، ނޭވާ ކުރުވެ، ސީރިއަސް ބައްޔެއްގެ އަލާމާތްތައް ފެނުމާއި، އާދަޔާ ހިލާފަށް ތަނަކުން ލޭއައުން ނުވަތަ ސަބަބެއް ނެތި ވަރުބަލިކަން ކުރިމަތިވުމުންނެވެ.
ދެ ހަފްތާއަށްވުރެ ގިނަ ދުވަހަށް ދެމިގެންދާ ވަރުބަލިކަމުގައި އާންމުކޮށް ޑޮކްޓަރަށް ދައްކަން ޖެހެއެވެ. މި ބާވަތުގެ ވަރުބަލިވުމަކީ ސިއްހީ ގޮތުން ކުރިމަތިވާ މިއަށްވުރެ ހައްސާސް މައްސަލައެއްގެ ސަބަބުން ދިމާވާ ކަމެއް ކަމުގައި ވެދާނެއެވެ.
ރަތުލޭ ހަތާތަކުގައި ހުންނަ އޮކްސިޖަން ގެންގުޅޭ މާއްދާ (ހީމޯގްލޯބިން) މަދުވުން އެނީމިއާ ކިޔާ ހާލަތެއް ކުރިމަތިވެއެވެ. އާންމުގޮތެއްގައި މިހާލަތަށް ނިސްބަތްކޮށް ދިވެހި ބަހުން ބުނެ އުޅެނީ ލޭ މަދުވުމެވެ. މިއީ އިންސާނާ ވަރަށްބޮޑަށް ވަރުބަލި ކުރުވާ ކަމެކެވެ.
ހިތަށް ދިމާވާ މައްސަލަތައް ކަމަށްވާ ކޮރޮނަރީ އާޓާރީ ޑިޒީޒް ނުވަތަ ހިތް ފެއިލްވުން ފަދަ ކަންކަމުން ހިތުގެ މަސްގަނޑަށް ނުވަތަ ހަށިގަނޑުގެ އެހެން ތަންތަނަށް އޮކްސިޖަނުން މުއްސަނދިވެފައިވާ ލޭ ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެއެވެ. ނަތީޖާއަކަށް ވަނީ ހިތުގެ މަސްތައް ބަލިވުމެވެ. ހިތުގެ މަސްތައް ބަލިވެފައިވާ ކަމުގައިވާނަމަ އެމީހެއްގެ ހިތް މަސައްކަތް ކުރަންވާ މިންވަރަކަށް ނުކުރާނެއެވެ. ނަތީޖާއަކަށް ވަނީ ވަރުބަލިކަން އިހުސާސް ކުރެވުމެވެ.
ހަކުރުބަލި ފަދަ މެޓަބޮލިކް ޑިސްއޯޑަރސް ގެ ސަބަބުން ލޭގައި ހުންނަ ގުލްކޯޒުތައް ހަތާތަކުގެ ތެރެއަށް ވަދެ ހަކަތަ އުފެއްދުން މަދުވާނެއެވެ. ހަތާތަކާއި ލޭގެ ތެރޭގައި ހުންނަ "އޮސްމޮޓިކް" ޕްރެސަރެއްގެ ސަބަބުން، ހަކުރު މަތި މީހުންގެ ލޭގައި ހުންނަ ގުލްކޯޒު، ހަތާތަކުގެ ތެރެއަކަށް ނުވަދެއެވެ. ނަތީކާއަކަށް ވަނީ ގުލްކޯޒުން އެ ލިއްބައިދޭ ހަކަލަ ނުލިބުމެވެ. ފަސޭހައިން ވަރުބަލި ވުމެވެ.
ހަށިގަނޑުގައި ހަކަތަ ބޭނުންކުރާ ގޮތް ބަލަހައްޓާ ތައިރޮއިޑް ގްލޭންޑް އަށް ދިމާވާ މައްސަލަތަކަކީވެސް މީހާ ވަރުބަލި ކުރުވާ ކަމެކެވެ. ތައިރޮއިޑްގެ މިންވަރު މަތިވުމަކީވެސް އަދި ދަށްވުމަކީވެސް ވަރުބަލިކަން އިހުސާސްކުރެވިދާނޭ ކަންކަމެވެ.
ކިޑްނީ ނުވަތަ ގުރުދާގެ ބަލިތަކާއި ފުރަމޭގެ ބަލިތަކުގެ ސަބަބުން ލޭގައި ހުންނަ ވަކި ކެމިކަލްތަކެއްގެ މިންވަރު، ވިހަކަން އެކުލެވޭ މިންވަރަށް ޖަމާވެ ގިނަވެއްޖެނަމަ ވަރުބަލިވުން ފަދަ ކަންކަން މެދުވެރިވެއެވެ.
ވަރުބަލިކަން ފާހަގަކުރެވޭ ޖިސްމާނީ ހަރަކާތެއްގެ ސަބަބެއް ނެތި ވަރުބަލިވާނަމަ ނަފްސާނީ ދުޅަހެޔޮކަން ވަޒަންކުރުން މުހިންމެވެ. ވަރުބަލިވުމަކީ ހާސްކަން ނުވަތަ ނުތަނަވަސްކަން ފަދަ ނަފްސާނީ ގޮތުން ދިމާވާ މައްސަލަތަކުގެ އާންމު އަލާމާތެކެވެ. ހާސްކަމާއި ނުތަނަވަސްކަން ބޮޑުވެ، އަމިއްލައަށް މަރުވުމަކީ ތިމާގެ ވޭން ނިމުމަކަށް ގެނައުމަށް ކުރެވޭނެ ކަމެއް ކަމަށް އެހާލުގައިވާ މީހާއަށް ބެލެވިދާނެ އެވެ. ނަފްސާނީ ސިއްހަތުގެ މައްސަލައެއްގެ ސަބަބުން ވަރުބަލިވުން ދިމާވެދާނެ ކަމަށް ހީވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާށެވެ. އަދި އެނޫން ގޮތަކަށް ނަމަވެސް ސާފު ސަބަބެއް އެނގުމަކާއި ނުލާ ވަރުބަލިވެފައި ހުންނަ ނަމަވެސް ޑަކްޓަރަށް ދައްކަން ވާނެއެވެ. ސަބަބު އެނގުނު ކަމުގައިވީނަމަވެސް، ކަންބޮޑުވާކަމުގައި ވާނަމަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދަން ވާނެއެވެ.
