އިންސާނާގެ ހިތާއި އެ ހިތުގެ ފަރުމާ އާއި އެ ހިތް މަސައްކަތް ކުރާ ގޮތަކީ އަޖައިބެއްކަހަލަ ގޮތެކެވެ. މި ލިޔުމުގައި މި ބަލާލަނީ އިންސާނާގެ ހިތް އިންނަ ގޮތާއި އެ ހިތުގެ މަސައްކަތް ފައްކާވެފައިވާ ގޮތުގެ މައްޗަށެވެ.
އިންސާނާގެ ހިތް އިންނަނީ އިންސާނާގެ މޭ ކަށިތަކުގެ ފަހަތުގައެވެ. ހިތުގެ ފެށުން މޭ ކަށިގަނޑުގެ މެދާ ދިމާލުން ފެށުނު ނަމަވެސް ހިތުގެ ބުޑު ނުވަތަ ފޫ އިންނަނީ ވާތް ފަޅިއަށް ވާ ގޮތަކަށެވެ. މިއީ އާންމު ހާލަތެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ބައެއްމީހުން އުފަންވާއިރު ހިތުގެ ބުޑު ނުވަތަ ފޫ ކަނާތްފަޅިއަށް ވާ ގޮތަށްވެސް ހުރެއެވެ. މޭކަށިގަނޑުގެ ހިމާޔަތުގައި ހިތާއި ފުއްޕާމޭ ވާއިރު، ފުއްޕާމެއަކީ އިންސާނާގެ ކަނާތްފަޅިއަށް އަދި ވާތްފަޅިއަށްވެސް އިންނަ ގުނަވަނެކެވެ. އެހެންކަމުން ހިތްވެސް ވާތް ފަޅީގައި އިންނަ އިރު، އެ ހިތަށް އޭގެ މަސައްކަތް ފަސޭހަކަމާއެކު ކުރެވުމަށްޓަކައި، މާތް ﷲ ވަނީ އަހަރެމެންގެ ފުއްޕާމޭގެ ކަނާތްފަޅިއަށްވުރެ، ވާތްފަޅި ކުޑަކޮށް އުފައްދަވާފައެވެ. ފުއްޕާމޭގެ ކަނާތްފަޅިއަށް ވުރެ ވާތް ފަޅި ކުޑަވުމުން މޭކަށިތަކުގެ ފަހަތުގައި އިންނަ ހިތަށް، އޭގެ މަސައްކަތް ކުރުމަށް ތަނަވަސް ޖާގައެއް ލިބިދެއެވެ.
ހިތުގެ ބައެއް ބައިތަކުގެ ތެރޭގައި ހިތުގެ ފާރުތަކާއި ލޭ ހޮޅިތަކާއި ވޭލު ނުވަތަ ދޮރުތަކާއި ކަލިވަތްތަކާއި އަދި ހިތުގެ "ކަރަންޓު" ހިނގާ ނިޒާމުގެ ބައިތައް ހިމެނެއެވެ. އިންސާނާގެ ހިތުގައި ހަތަރު ކަލިވަތް ނުވަތަ ހަތަރު ބައި ވެއެވެ. މިއިން ކޮންމެ ބަޔަކާއި ގުޅިފައިވާ މައި ލޭހޮޅިތަކެއް ވެއެވެ.
އެގޮތުން މަތީ ކަނާތު ކަލިވަތާއި ގުޅިފައި ވަނީ ވިނަކަވާ ނަމަކަށް ލޭ ހޮޅި އެކެވެ. މިއީ ހަށިގަނޑުގައި ހުންނަ ކާބަންޑައިއޮކްސައިޑުން މުއްސަނދި ވެފައިވާ ލޭތައް ހިތަށް ގެނެސްދޭ ލޭ ހޮޅިއެވެ. މަތީ ކަނާތު ކަލިވަތަށް އެޅޭ ލޭތައް ދެން ދާނީ ތިރީ ކަނާތު ކަލިވަތަށެވެ. މި ކަލިވަތާއި ގުޅިވައި ވަނީ ޕަލްމޮނޮރީ އާޓަރީ ނަމަކަށް ކިޔާ ލޭހޮޅިއެކެވެ. ކާބަންޑައިއޮކްސައިޑުން މުއްސަނދިވެފައިވާ ލޭތައް ހިތުގެ ތިރީ ކަނާތު ކަލިވަތުން، ޕަލްމޮނޮރީ އާޓަރީއިން އަނެއްކާ ހިތުން ބޭރަށް ފޮނުވައިދެއެވެ. ދެން މި ލޭތައް ދާނީ ފުއްޕާމެއަށެވެ. ފުއްޕާގެ ތެރެއިން މި ލޭތައް އެނބުރި އަނެއްކާ ހިތާއި ދިމާލަށް އާދެއެވެ. ފުއްޕާމެއިން ކޮށްދޭ ކަމަކީ ކާބަންޑައިއޮކްސައިޑުން މުއްސަނދި ވެފައިވާ ލޭތައް، އޮކްސިޖަނުން މުއްސަނދި ކޮށްދިނުމެވެ. އެކަމަށް މަގުފަހިވަނީ އަހަރެމެން ލާ ނޭވާތަކެވެ.
އޮކްސިޖަނުން މުއްސަނދިވެފައިވާ ލޭތައް އަނބުރާ ހިތަށް އެޅެނީ ޕަލްމޮނޮރީ ވެއިން ނަމަކަށް ކިޔާ ލޭ ހޮޅިއަކުންނެވެ. މި ލޭ ހޮޅި ގުޅިފައިވަނީ ހިތުގެ މަތީ ވާތު ކަލިވަތާއެވެ. ހިތުގެ މަތީ ވާތު ކަލިވަތުން، އޮކްސިޖަނުން މުއްސަނދިވެފައިވާ ލޭތައް ދެން ދަނީ ހިތުގެ ތިރީ ވާތު ކަލިވަތަށެވެ. މި ކަލިވަތަށް މި ލޭތައް ދިއުމަށްފަހު، މި ކަލިވަތާއި ގުޅިފައިވާ މައި ލޭ ހޮޅި ކަމުގައިވާ އައޯޓާ މެދުވެރިކޮށް މުޅި ހަށިގަނޑަށް މި ލޭތައް ފޮނުވައިދެއެވެ.
ހިތުގެ ކަނާތްފަޅިއާއި ވާތްފަޅި ހުންނާނީ މުޅިންހެން ވަކިވެފައެވެ. ނަމަވެސް މަތީ ކަނާތު ކަލިވަތާއި ތިރީ ކަނާތު ކަލިވަތް ގުޅުވައިދެނީ ވޭލަކުން ނުވަތަ ދޮރަކުންނެވެ. ހަމަ އެގޮތަށް މަތީ ވާތު ކަލިވަތާއި ތިރީ ވާތު ކަލިވަތް ގުޅުވައިދެނީ ވޭލެއް ނުވަތަ ދޮރަކުންނެވެ. އަދި ހިތާ ސީދާ ގުޅިފައިވާ ހަތަރު ލޭހޮޅި، އެ ހޭލޮޅިއެއް ގުޅޭ ކަލިވަތަކާއި ގުޅުވައިދެނީވެސް ވޭލެއް ނުވަތަ ދޮރެއް މެދުވެރިވެގެންނެވެ.
ހިތުގެ ވިންދު ޖަހާ ކޮންމެ ފަހަރަކު މި ވޭލުތައް ނުވަތަ ދޮރުތައް ހުޅުވި ލެއްޕޭ ގޮތްވެއެވެ. އެއީ ބައިން އަނެއްބަޔަށް ލޭ ފޮނުވައިދިނުމަށެވެ. ވޭލުތައް މަސައްކަތް ކުރަނީ ލޭތަކަށް އެނބުރި ނާދެވޭފަދަ ގޮތަކަށެވެ. ހިތުގައިވާ ހިތުގެ ކަރަންޓު އުފައްދާ ނިޒާމުން ފޮނުވައިދޭ ކަރަންޓު ސިގުނަލްތަކަކީ ހިތް ތެޅިގަންނަ ސަބަބެވެ. މި ސިގުނަލް ހިތުގެ އެ ކި ބައިބަޔަށް ނުވަތަ މަސްތަކަށް ވަކިވަކިން ފޮނުވެއެވެ.
މި ބަލާލެވުނީ ހުލާސާކޮށް އިންސާނާގެ ހިތާއި އެ ހިތް މަސައްކަތް ކުރާ ގޮތުގެ ހުލާސާ ތަފްސީލަކަށެވެ. މިކަމުން އަހަރެމެންނަށް އެނގި ހާމަވަނީ މާތް ﷲ ގެ ކުޅަދުންވަންތަކަމެވެ. އެ އިލާހު އިންސާނާ ހައްދަވާ މި އިންސާނާގެ ހަށިގަނޑު ފަރުމާކުރައްވާފައިވާލެއް ފުރިހަމަކަމެވެ. ނެތުމުގެ ތެރެއިން މިފަދަ ފުރިހަމަ މަހުލޫޤެއް އުފެއްދެވި މާތް ﷲ އަށް ހަމްދާއި ޝުކުރު ކުރަމެވެ.
