މެލޭޝިއާގައި އޮކްޓޫބަރު 3-7 އަށް ކުރިއަށްދާ 8 ވަނަ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ކެރަމް ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފިއެވެ.
ރާއްޖޭގެ ގައުމީ ކެރަމް ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފައިވަނީ ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން އިއްޔެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފު އެވެ. މި ރަސްމިއްޔާތުގައި ކެރަމް އެސޯސިއޭޝަނުގެ އިސްވެރިން ވެސް ބައިވެރިވިއެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަހުލޫފު ވަނީ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ކެރަމް ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވައިފައެވެ.
މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ގައުމީ ކެރަމް ޓީމުން ވޯލްޑް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޅ. ހިންނަވަރާއި މ. މެދުފުށި އައިލެންޑް ރިސޯޓަށް ވަނީ ޓްރެއިނިންގ ކޭމްޕެއްގައި ގޮސްފައެވެ.
ގައުމީ ފިރިހެން ކެރަމް ޓީމުގައި ހިމެނެނީ؛ އިބްރާހިމް ހުޖާން، އިސްމާއިލް އަޒްމީން، އާދަމް އަދީލް އާއި މުހައްމަދު މުންތަސިރު އަދި ޔަމާން އަބްދުލް ޖަލީލް އެވެ. ގައުމީ އަންހެން ކެރަމް ޓީމުގައި ހިމެނެނީ؛ އާމިނަތު ވިޝާމާ، އައިމިނަތު ވިދާދު، އައިޝަތު ފައިނާޒް އާއި އައިޝަތު ނަހުފާ އަދި ފާތިމަތު ރަޔާނާ އެވެ.
މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ގާތްގަނޑަކަށް 17 ޓީމުން ވާދަކުރާއިރު، މިއީ 2019 ވަނަ އަހަރުގެ ފަހުން ބައިނަލްއަގުވާމީ ކެރަމް މުބާރާތެއްގައި ރާއްޖޭން ކުޅޭ ފުރަތަމަ ފަހަރެވެ.
މި އަހަރުގެ މުބާރާތަށް ނިކުންނައިރު، ދިވެހި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ އުއްމީދަކީ ވެސް ގައުމަށް ފަޚުރުވެރި ރަންވަނައެއް ހާސިލްކޮށްދިނުން ކަމަށް ތީރު މީޑިއާ އިން ކުޅުންތެރިންނާ ކުރި އިންޓަވިއުތަކުގައި ބުނެފައިވެއެވެ.
މެލޭޝިއާގެ ލަންކާވީގައި ކުރިއަށްދާ ވޯލްޑް ޗެމްޕިއަންޝިޕަށް ދިއުމަށްޓަކައި ގައުމީ ޓީމު މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 1 ވާ ހޮނިހިރު ދުވަހު އެވެ.
