މި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު މެލޭޝިއާގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ކެރަމް ޓީމު މިއަދު ހެނދުނު ފުރައިފިއެވެ.

8 ވަނަ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ކެރަމް ޓީމު ފުރީ ގްރޭޓަރ މާލޭ ބަސް ޓާމިނަލް އިންނެވެ.

މިފަހަރުގެ މުބާރާތަށްދާ ގައުމީ ފިރިހެން ކެރަމް ޓީމުގައި ހިމެނެނީ؛ އިބްރާހިމް ހުޖާން، އިސްމާއިލް އަޒްމީން، އާދަމް އަދީލް އާއި މުހައްމަދު މުންތަސިރު އަދި ޔަމާން އަބްދުލް ޖަލީލް އެވެ. ގައުމީ އަންހެން ކެރަމް ޓީމުގައި ހިމެނެނީ؛ އައިޝަތު ވިޝާމާ، އައިމިނަތު ވިދާދު، އައިޝަތު ފައިނާޒް އާއި އައިޝަތު ނަހުފާ އަދި ފާތިމަތު ރަޔާނާ އެވެ.

މުބާރާތުގެ ކުރީން ގައުމީ ޓީމު ޅ. ހިންނަވަރާއި މ. މެދުފުށްޓަށް ޓްރެއިނިންގ ކޭމްޕެއްގައި ގޮސްފައިވެއެވެ. މި ދެ ދަތުރަށްފަހު ޓީމުގެ މެނޭޖަރު ނާޒިމް ހަސަން އާއި ކޯޗު އަލީ ނިޔާޒު ވަނީ ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ. 

އަދި މުޅި ގައުމު ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް ހާސިލްކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކެރަމް އެސޯސިއޭޝަންގެ ނައިބު ރައީސް އަލީ ނަދީމް ވަނީ ވިދާޅުވެފައެވެ.

މި މަހުގެ 3-7 އަށް މެލޭޝިއާގެ ލަންކާވީގައި ކުރިއަށްދާ ވޯލްޑް ޗެމްޕިއަންޝިޕްގައި ގައުމީ އަންހެން ޓީމު އަމާޒުހިފާފައިވަނީ ސީދާ ގޯލްޑް އަށެވެ.