ފްރެންޗް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ނީސް ކޮޅަށް ކިލިއަން އެމްބާޕޭ ފަހުވަގުތު ވައްދާލި ލަނޑުން ޕީއެސްޖީ މޮޅުވެ، އަލުން ލީގުގެ އެއްވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން ޕީއެސްޖީ މޮޅުވީ 2-1 އިންނެވެ.

މިއީ މި ފަހަރުގެ ސީޒަނުގައި ޕީއެސްޖީ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ޖެހިޖެހިގެން މޮޅުވި ހަތްވަނަ ފަހަރެވެ. އެ ޓީމުގެ އައު ކޯޗު ކްރިސްޓޯފް ގާލްޓިއޭގެ އިރުޝާދުގެ ދަށުން މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

ޕާކް ޑެ ޕްރިންސަސްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ޕީއެސްޖީން ލީޑްނެގީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވައްދާލި ހިތްގައިމު ހިލޭޖެހުމަކުންނެވެ. މިއީ ގޯލާއި ގާތްގަނޑަކަށް 20 ޔާޑު ދުރުން ފޮނުވާލި ހިލޭޖެހުމަކުން މެސީ ކާމިޔާބުކުރި ގޯލެކެވެ.

އެކަމަކު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ގައެޓަން ލަބޯޑޭ ވަނީ ނީސް އަށް އެއްވަރުކޮށްދީފައެވެ.

އޭގެފަހުން، މެޗުގެ 83 ވަނަ މިނެޓުގައި ޕީއެސްޖީ މޮޅުކޮށްދިނީ އެމްބާޕޭ އެވެ. އޭނާ މި ލަނޑުޖެހީ ނޯޑީ މުކިއޭލޭ ދިން ބޯޅައަކުންނެވެ. އެމްބާޕޭ ކުޅެން ނިކުތީ ހޫގޯ އެކިޓީކޭގެ ބަދަލުގައި ފަހު 30 އަށް މިނެޓަށެވެ.

ޕީއެސްޖީ އަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މި މަހުގެ 5 ވާ ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށްފަހު އަންނަ ހޮނިހިރު ދުވަހުގެ ރޭ ލީގުގައި ރަށުން ބޭރުގައި އެ ޓީމު ނިކުންނާނީ ރެއިމްސްއާ ދެކޮޅަށެވެ.