މެލޭޝިއާގެ ލަންކާވީގައި މިހާރު ކުރިއަށްދާ 8 ވަނަ ވޯލްޑް ޗެމްޕިއަންޝިޕްގެ އަންހެން ޑަބަލްސް އިވެންޓްގެ ތިންވަނަ މަގާމު ރާއްޖޭގެ ގައުމީ އަންހެން ކެރަމް ޓީމުގެ އައިޝަތު ފައިނާޒު އާއި އައިމިނަތު ވިދާދުގެ ޕެއާ ހޯދައިފިއެވެ.

އަންހެން ޑަބަލްސް އިވެންޓްގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ސްރީ ލަންކާގެ ރިބެކާ ޑީ އާއި މަދުވަންތީ ޖީ އަތުން ރާއްޖޭގެ ޕެއާ ފައިނާޒާއި ވިދާދު މޮޅުވީ ތިން ގޭމް ކުޅެގެންނެވެ. ރާއްޖޭގެ ޕެއާ މޮޅުވީ 2-1 އިންނެވެ.

މި މެޗުގެ ފުރަތަމަ ގޭމް ސްރީ ލަންކާގެ ރިބެކާ އާއި މަދުވަންތީ ގެންދިޔައީ 25-3 ގެ ތަފާތަކުންނެވެ. އެކަމަކު، ދެން ޖެހިގެން ދެވަނަ ގޭމްގައި ފައިނާޒާއި ވިދާދުގެ ޕެއާ ވަނީ 25-4 އިން ކުރިހޯދައި، ނަތީޖާ ނެރުމަށްޓަކައި ތިންވަނަ ގޭމަކަށް ގެންގޮސްފައެވެ.

އަންހެން ޑަބަލްސް އިވެންޓްގައި އައިމިނަތު ވިދާދު ކުޅެނީ. --

ތިންވަނަ ގޭމްގެ 4 އާއި 5 ވަނަ ބޯޑުގައި ހޯދި ޕޮއިންޓްތަކާއެކު ސްރީ ލަންކާ އިން 21-3 ގެ ބޮޑު ތަފާތެއްގައި އޮއްވާ ރާއްޖޭގެ ފައިނާޒާއި ވިދާދުގެ ޕެއާ އިން މެޗު ކާމިޔާބުކުރި އާދަޔާ ހިލާފު ހިތްވަރެއް ދައްކައިގެންނެވެ. އެގޮތުން، ފައިނާޒާއި ވިދާދު ވަނީ 6، 7 އާއި 8 ވަނަ ބޯޑުގައި މުޅި ޖުމްލަ 22 ޕޮއިންޓް ހޯދައި، ތިންވަނަ މަގާމް ހާސިލްކޮށްފައެވެ.

ސެމީގައި ރާއްޖޭގެ ޕެއާ ފައިނާޒާއި ވިދާދު އަށް ނާކާމިޔާބުވީ، އިންޑިއާގެ ރަޝްމީ ކުމާރީ އާއި ނީލަމް ޖީ އަތުން 1-25 އާއި 13-25 އިން ބަލިވުމުންނެވެ. ދެވަނަ ސެމީގައި އިންޑިއާގެ އަނެއް ޕެއާ ކަމަށްވާ ކާޖަލް ކުމާރީ އާއި ދެބަޖާނީ ޓީ ވަނީ ލަންކާގެ ރިބެކާ އާއި މަދުވަންތީ އަތުން މޮޅުވެ، ފައިނަލަށް ދަތުރުކޮށްފައެވެ.

މިއަދުގެ ޑަބަލްސް އިވެންޓްގައި ފައިނާޒާއި ވިދާދު ވާދަކުރި ފުރަތަމަ މެޗުގައި ގަދަ 16 ގެ ބުރުގައި އިނގިރޭސި ވިލާތުގެ ޕެއާ ޖެއިން ޕްރިސްކީލާ ޑިކްޒް އާއި ފަވާ އެން އަތުން މޮޅުވީ 25-0 އާއި 25-0 އިންނެވެ. އޭގެފަހުން، ކުއާޓާ ފައިނަލްގައި ސިންގަޕޫރުގެ ސިރީޝާ ގޯވިންދް އާއި މަހާތީ އަސޫރީ އަތުން ފައިނާޒާއި ވިދާދުގެ ޕެއާ މޮޅުވީ 25-5 އާއި 25-2 އިންނެވެ.

އަންހެން ޑަބަލްސް އިވެންޓްގައި އައިޝަތު ނަހުފާ ކުޅުނު މެޗެއްގެ ތެރެއިން. --

އަންހެން ޑަބަލްސް އިވެންޓްގައި ވާދަކުރި ރާއްޖޭގެ އަނެއް ޕެއާ ކަމަށްވާ އާމިނަތު ވިޝާމާ އާއި އައިޝަތު ނަހުފާ އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ކުއާޓާ ފައިނަލުންނެވެ. ވިޝާމާ އާއި ނަހުފާގެ ޕެއާ އަތުން އިންޑިއާގެ ކާޖަލް ކުމާރީ އާއި ދެބަޖަނީ ޓީ މޮޅުވީ 25-18 އާއި 25-13 އިންނެވެ.

ރާއްޖޭގެ ގައުމީ އަންހެން ކެރަމް ޓީމުގެ ކެޕްޓަން ވިޝާމާ އާއި ނަހުފާގެ ޕެއާ ކުޅުނު ފުރަތަމަ މެޗުގައި ގަދަ 16 ގެ ބުރުގައި ސިންގަޕޫރުގެ ބަގްޔާޝްރީ މޯރ އާއި ސްރިވިދިޔާ ކޭ އަތުން 25-8 އާއި 25-12 އިން ވަނީ މޮޅުވެފައެވެ.

މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ނަހުފާ ކުޅުނު ފުރަތަމަ ފަހަރެވެ. އެގޮތުން، މިއަދު ކުޅުނު ހުރިހާ މެޗެއްގައި ވެސް ނަހުފާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ.

ފިރިހެން ޑަބަލްސް އިވެންޓްގައި އިޓަލީއާ ދެކޮޅަށް ރާއްޖޭގެ ކުޅުންތެރިން ކުޅެނީ. --

ފިރިހެން ޑަބަލްސް އިވެންޓްގައި ރާއްޖޭގެ އެއްވަނަ ޕެއާ ކަމަށްވާ އިސްމާއިލް އަޒްމީން އާއި އާދަމް އަދީލް އަށް ވަނީ ގަދަ 16ގެ ބުރުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.

އަޒްމީން އާއި އަދިލް ވަނީ ޑަބަލްސް އިވެންޓްގެ ފުރަތަމަ ބުރުގައި އިޓަލީގެ އަޔޭޝް ވެންޑަލެއިން އާއި ނިކޯލް އަތުން 25-6 އާއި 25-0 އިން މޮޅުވެފައެވެ. އެކަމަކު، ގަދަ 16 ބުރުގައި އަޒްމީން އާއި އަދީލް ކުޅެން ޖެހުނީ ސްރީ ލަންކާގެ އުދޭޝް ޕެރޭރާ އާއި ސުރާޖް އެފްއާ އެވެ. ލަންކާގެ ޕެރޭރާ އާއި ސުރާޖްގެ ޕެއާ އާ ވާދަކޮށް ރާއްޖޭގެ އަޒްމީން އާއި އަދީލްގެ ޕެއާ ބަލިވީ 25-9، 25-6 އިންނެވެ.

މި އިވެންޓްގައި ވާދަކުރި ރާއްޖޭގެ އަނެއް ޕެއާ ކަމަށްވާ އިބްރާޙިމް ހުޖާން އާއި މުހައްމަދު މުންތަސިރު ވަކިވާން ޖެހުނީ ކުއާޓާ ފައިނަލާ ހިސާބުންނެވެ. ހުޖާން އާއި މުންތަސިރުގެ ޕެއާ ވަނީ ގަދަ 16 ގެ ބުރުގައި 17-15 އާއި 17-16 އިން ފްރާންސްގެ އަންޖުލާ ޑަބްލިއު އެފް އާއި ކުގަތަސް އެސް ބަލިކޮށްފައެވެ. އެކަމަކު، ކުއާޓާގައި އިންޑިއާގެ ކޭ ސްރިނިވާސް އާއި ސަންދީޕް ޑީވޭ އަތުން ބަލިވީ 25-0 އާއި 25-0 އިންނެވެ. މި މެޗުގައި އިންޑިއާގެ ސްރީނިވާސް ވަނީ ބްލެކް ސްލޭމްއެއް ހަދާފައެވެ.