ބޮލީވުޑް ސިނަމާގައި މިހާތަނަށް އުފެދުނު އެންމެ މަޤްބޫލް އަދި އެފަދަ ދެވަނައެއް ނުވާ ލެޖެންޑަރީ އެކްޓަރު އަމީތާބް ބައްޗަންއަށް 80 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޮޑު ފިލްމް ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ. 

އިންޑިއާގެ ފިލްމް ހެރިޓޭޖް ފައުންޑޭޝަނުން މިދިޔަ ހުކުރު ދުވަހު ވަނީ މިކަން އިޢުލާންކޮށްފައެވެ. "ބައްޗަން ބެކް ޓު ދަ ބިގިނިންގ"ގެ ނަމުގައި އިޢުލާންކުރި މި ފެސްޓިވަލް 04 ދުވަހަށް ދެމިގެން ދާނެ ކަމަށްވެއެވެ. މި އިވެންޓު ނުވަތަ ފެސްޓިވަލް މިމަހުގެ 08 ވަނަ ދުވަހު ފަށާނެއެވެ. އަދި ނިންމާނީ އަމީތާބަށް 80 އަހަރު ފުރޭ ދުވަހުއެވެ. އެއީ 11 އޮކްޓޫބަރު ވާ އަންގާރަ ދުވަހެވެ. 

މި ފެސްޓިވަލްގައި އަމީތާބްގެ ބްލޮކްބަސްޓަރ 11 ފިލްމެއް އިންޑިއާގެ 17 ސިޓީއެއްގައި އަޅުވަން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި މުމްބާއި، ދިއްލީ، ބެންގަލޫރު، ހައިދްރާބާދް، އަޙްމަދާބާދް، ސޫރަތު، ބަރޯޑާ، ރާއީޕޫރް، ކާންޕޫރް، ކޮޅާޕޫރް، އަދި އިންދޯރް ގެ އިތުރުން އަމީތާބް އުފަންވި ސިޓީ ކަމަށްވާ އުއްތަރު ޕްރަދޭޝް ހިމެނެއެވެ. 

އަމީތާބްގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަން ވެސް ވަނީ މިކަން އިޢުލާންކޮށް އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށްފައެވެ. 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by S (@shwetabachchan)

"އަހަރެންގެ އެ ފިލްމުތައް އަލުން ސްކްރީންތަކުން ބަލައިލުމުގެ ފުރުޞަޠު މިގޮތަށް ލިބޭނެ ކަމަކަށް އަހަރެން އުއްމީދެއް ވެސް ނުކުރަން" އަމީތާބް ބުންޏެވެ. 

މި ފެސްޓިވަލްގައި އަޅުވަން ހަމަޖެހިފައިވާ 11 ފިލްމް ތިރީގައި އެވަނީއެވެ.

01. ކާލާ ޕައްތަރް

02. ކާލިއާ

03. ޑޮން

04. ކަބީ ކަބީ

05. އަމަރް އަކްބަރް އެންތަނީ

06. ނަމަކް ޙަލާލް

07. އަބީމާން

08. ދީވާރް

09. މިލީ

10. ސައްތޭ ޕޭ ސައްތާ

11. ޗުޕްކޭ ޗުޕްކޭ

1969ގައި ފިލްމީ ކެރިއަރު ފެށި އަމީތާބް މި ދާއިރާގައި މެދުކެނޑުމެއްނެތި މަސައްކަތް ކުރާތާ 53 އަހަރު ވެފައިވާއިރު އަދިވެސް އެތައް ފިލްމުތަކެއްގައި އަމީތާބް ދަނީ ފެނަންމުންނެވެ. އެގޮތުން ދާދި ފަހުން ރިލީޒްކުރި އަޖޭ ދޭވްގަންގެ "ރަންވޭ 34"އާއި "ބްރަމަސްތުރާ"ގެ އިތުރުން "ޗުޕް"ގައި ވެސް އަމީތާބް ފެނިގެންދެއެވެ. އަދި މިހިސާބުން ނިމުނީކީ ނޫނެވެ. ކުރިއަށް ވެސް 05 ވަރަކަށް ފިލްމެއް އެބައޮތެވެ. އޭގެ ތެރޭގައި ޓައިގަރ ޝްރޮފްގެ "ގަނާޕަތު"އާއި "އޫނޗާއީ"ގެ އިތުރުން "ގުޑްބާއީ" ހިމެނެއެވެ.