މިހާރު މެލޭޝިއާގެ ލަންކާވީގައި ކުރިއަށްދާ 8 ވަނަ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގެ އަންހެން ޓީމް އިވެންޓްގައި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ސްރީ ލަންކާ އަތުން ބަލިވެ، ރާއްޖޭގެ އަންހެން ޓީމަށް ތިންވަނަ ހޯދުމުގެ ފުރުޞަތު ގެއްލިއްޖެއެވެ.
މިފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ އަންހެނުންގެ ޓީމް އިވެންޓްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ގޭމުން ވަނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ މެލޭޝިއާ ބަލިކޮށްފައެވެ. ދެން ކުޅެވުނު ދެވަނަ މެޗުގައި އެމެރިކާ އަތުން ބަލިވީ 2-1 އިންނެވެ.
އޭގެފަހުން، ކުޅެވުނު މެޗުގައި ސިންގަޕޫރު އަތުން 3-0 އިން މޮޅުވިނަމަވެސް، ގްރޫޕުގެ ފަހު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ލަންކާ އަތުން ބަލިވީ 2-1 އިންނެވެ. މިއާއެކު، ރާއްޖޭގެ އަންހެން ޓީމަށް ގްރޫޕުގެ ދެވަނައިގެ ގޮތުގައި ތިންވަނަ ހޮވާ މެޗުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލުނެވެ.
އިއްޔެ ހަވީރު ކުޅެވުނު ގްރޫޕްގެ ފަހު މެޗުގައި ޓީމް އިވެންޓްގެ ސިންގަލްސް ބައިން ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ އައިމިނަތު ވިދާދު މޮޅުވިއިރު، ސިންގަލްސްގެ އަނެއް މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ލަންކާގެ ރިބެކާ އަތުން އައިޝަތު ފައިނާޒް ބަލިވީ 2-1 އިންނެވެ. މި މެޗުގެ ޑަބަލްސް ބައިން ލަންކާގެ ޕެއާ އަތުން ރާއްޖޭގެ އާމިނަތު ވިޝާމާ އާއި އައިޝަތު ނަހުފާގެ ޕެއާ ބަލިވީ ސީދާ ދެ ގޭމުންނެވެ.
ރާއްޖޭގެ އަންހެން ޓީމު ހިމެނުނު ގްރޫޕް ބީ ގައި އެ ޓީމު ނިންމާލީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ލިބުނު 4 ޕޮއިންޓާއެކު ތިންވަނައިގައި އޮވެގެންނެވެ. މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސީދާ ފައިނަލްގެ ޖާގައެއް ހޯދީ ހުރިހާ މެޗަކުން މޮޅުވި އެމެރިކާ އެވެ. އެ ޓީމަށް ހަތަރު މެޗުން 8 ޕޮއިންޓް ލިބުނުއިރު، ދެވަނަ އަށް ދިޔައީ 6 ޕޮއިންޓާއެކު ލަންކާ އެވެ.
މި އަހަރުގެ މުބާރާތުގެ އަންހެން ޓީމް އިވެންޓްގެ ފައިނަލްގައި އެމެރިކާ ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ.
