8 ވަނަ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގެ ޓީމް އިވެންޓްގެ ސެމީ ފައިނަލްގައި 3-0 އިން އިންޑިއާ އަތުން ބަލިވެ، ރާއްޖޭގެ ފިރިހެން ޓީމު ތިންވަނަ ހޮވާ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނިކުންނަން ޖެހިއްޖެއެވެ.

މިފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ނިންމާލީ ގްރޫޕް ސީ ގެ އެއްވަނައިގައި އޮވެގެންނެވެ. ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމަށް ސީދާ ސެމީގެ ޖާގަ ލިބޭއިރު، ރާއްޖެ ހިމެނޭ ފަޅީގައި އޮތް އަނެއް ގްރޫޕުގެ އެއްވަނައިގައި ގޮތުގައި އިންޑިއާ ހޮވުނުއިރު ސެމީގައި ކުޅުނީ އެ ޓީމާ ދެކޮޅަށެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ފިރިހެން ޓީމު ކުޅުނު ފުރަތަމަ މެޗުގައި ސިންގަޕޫރު އަތުން މޮޅުވީ 2-1 އިންނެވެ. އޭގެފަހުން، ދެން އިޓަލީ އާއި ނޭޕާލްއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރީ 3-0 އިންނެވެ.

ފިރިހެނުންގެ ޓީމް އިވެންޓްގެ ސެމީގައި ސިންގަލްސް ބައިގައި އިންޑިއާގެ އަބްދުއްރަހުމާންއާ ދެކޮޅަށް ރާއްްޖޭގެ އިސްމާއިލް އަޒްމީން ނިކުތްއިރު، އެންމެ ފަހުގެ ޗެމްޕިއަން ޕްރަޝާންތު މޯރޭއާ ވާދަކުރަންޖެހުނީ އާދަމް އަދީލް އެވެ. ޑަބަލްސް މެޗުގައި ރާއްޖޭގެ އިބްރާހިމް ހުޖާން އާއި މުހައްމަދު މުންތަސިރު އަތުން އިންޑިއާގެ ސްރިނިވާސް އާއި ސަންދީޕްގެ ޕެއާ މޮޅުވީ ވެސް ސީދާ ދެ ގޭމުންނެވެ.

ރާއްޖޭގެ ގައުމީ ފިރިހެން ޓީމުގެ އިސްމާއިލް އަޒްމީން ކުޅުނު މެޗެއްގެ ތެރެއިން. --

ޓީމް އިވެންޓްގެ ސިންގަލްސް ބައިގައި ރާއްޖޭގެ އަޒްމީންއާ ދެކޮޅަށް އިންޑިއާގެ އަބްދުއްރަހުމާން ކުޅުނު މެޗު އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަނުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްސްޓްރީމްކުރިއިރު، މި މެޗުގެ ގޭމްތައް އަބްދުއްރަހުމާން ގެންދިޔައީ 8-25، 14-25 އިންނެވެ. މި މެޗުގައި އަބްދުއްރަހުމާން ވަނީ ސްލޭމްއެއް ހަދާފައެވެ.

ސިންގަލްސްގެ އަނެއް މެޗުގައި ޕްރަޝާންތު އަތުން 8-25، 12-25 އިން އަދީލް ބަލިވިއިރު، ޑަބަލްސް މެޗުގައި ރާއްޖޭގެ ހުޖާން އާއި މުންތަސިރުގެ ޕެއާ އަތުން އިންޑިއާގެ ސްރިނިވާސް އާއި ސަންދީޕްގެ ޕެއާ މޮޅުވީ 6-25، 14-25 އިންނެވެ.

މި އިވެންޓްގެ ސެމީގެ ދެވަނަ މެޗުގައި ބަންގްލަދޭޝް ބަލިކޮށް ފައިނަލްގެ އަނެއް ޖާގަ ހޯދީ ސްރީ ލަންކާ އެވެ. ފައިނަލްގައި އިންޑިއާ އާ ދެކޮޅަށް ލަންކާ ނިކުންނައިރު، ތިންވަނަ ހޮވާ މެޗުގައި ރާއްޖެ ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

މި އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި މިއަދު ކުރިއަށްދާނީ ސްވިސް ލީގުގެ މެޗުތަކެވެ. އެގޮތުން، މި ބުރުގައި ގާތްގަނޑަކަށް 130 އެއްހާ ކުޅުންތެރިން ވާދަކުރާނެ އެވެ. މި ބުރުގައި ރާއްޖޭގެ ހުރިހާ ކުޅުންތެރިން ކުޅޭނެ އެވެ.