ރިތިކް ރޯޝަން އަދި އެކްޓްރެސް/ލަވަކިޔުންތެރިޔާ ސަބާ އާޒާދް އުޅެނީ ލޯބީގެ ގޮތުން ގުޅިގެންކަން ރަސްމީކޮށް އަންގާލީ ކަރަން ޖޯހަރްގެ 50 ވަނަ އުފަންދުވަހު ބޭއްވި ޕާޓީއަށް ދެމީހުން އެކީގަ ގޮސްގެންނެވެ. ރޭގެ ވަގުތެއްގައި މުމްބާއީގައި، އެކްޓަރ އަލީ ފަޒާލް އާއި އެކްޓްރެސް ރީޗާ ޗައްޑާގެ ވެޑިން ރިސެޕްޗަން ބާއްވާފައިވާއިރު އެ ފަންކްޝަނަށްވެސް ރިތިކް ދިޔައީ ލޯބިވެރިޔާ ސަބާ އާއެކީގައެވެ. އަދި ރެޑް ކާޕެޓްމަތީ ދެމީހުން އެކީ ވަނީ ފޮޓޯތަކަށް ޕޯސްކޮށްފަކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

އުމުރުން 48 އަހަރުގެ ރިތިކް ރޯޝަންއާއި އުމުރުން 36 އަހަރުގެ ސަބާ އާޒާދް ފުރަތަމަ އެކީގައި ފެނިގެން ދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރުގައެވެ. ދެ މީހުން އެކީގަ ޑިނަރ ޑޭޓެއް ނިންމާފަ ނިކުތަތަނުން ފޮޓޯގްރާފަރުންގެ ކެމެރާތަކަށް އެރުމާއެކު ދެމީހުން އުޅެނީ ރައްޓެހިވެގެންކަމުގެ އަޑުތައް ފެތުރިގެން ދިޔައެވެ. ސަބާ މިހާރު ރިތިކްގެ އާއިލީ ފަންކްޝަންތަކުގައިވެސް ބައިވެރިވައިރު، ދެ ތަރިން ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ އަރާފައެވެ.
ރިތިކް ކުރިން އުޅުނީ އިންޓީރިއަރ ޑިޒައިނަރ ސުޒާން ޚާންއާއި ކައިވެނިކޮށްގެންނެވެ. ދެމީހުންގެ ކައިވެންޏަށް ދެ ދަރިންވެސް ލިބި، ކައިވެންޏަށް 13 އަހަރުގައި ދެމީހުންވަނީ ވަރިވެފައެވެ. ވަރިވިޔަސް ކުރީގެ އަންހެނުންނާ ރިތިކްއާ ދެމީހުންނަކީ މިހާރުވެސް ގާތް ދެ ރައްޓެހިންނެވެ. މިހާރުވެސް ރިތިކް، ސަބާ، ސުޒާން އަދި ސުޒާންގެ މިހާރުގެ ލޯބިވެރިޔާ އާރސިއަން އެކީގައި ގިނަ ޕާޓީތަކުންނާ އެކި ފެމިލީ އިވެންޓްތަކުންވެސް ފެނިގެންދާކަން ފާހަގަކޮށްލަން ޖެހެއެވެ. ރޭގެ ޕާޓީށްވެސް ސުޒާންއާއި އާރސިއަންވެސް ދިޔައެވެ.
ރޭގެ ޕާޓީއަކީ އެކްޓަރ އަލީ ފަޒާލާއި އެކްޓްރެސް ރީޗާ ޗައްޑާ ރައްޓެހިވެގެން އުޅޭތާ ހަތް އަހަރުފަހުން، 2020 ގެ ކުރީ ކޮޅު ކުރި ކައިވެނީގެ ރަސްމި ޕާޓީއެވެ. ކައިވެނި ކުރިތަނުން ކޮވިޑްގެ ބަލިމަޑުކަން އައުމާ ގުޅިގެން އެއްވެސް ސެލެބްރޭޝަނެއް ނުބޭއްވި އޮތުމަށްފަހު މި ދެމީހުންގެ ކައިވެނީގެ ސެލެބްރޭޝަންތަކާއި ޕާޓީ މި ބޭއްވީ އަދި ކިރިޔާއެވެ. މި ދެމީހުން ރައްޓެހިވީ ދެމީހުންގެ ވެސް ފުރަތަމަ ފިލްމު، 2012 ވަނަ އަހަރުގެ ފުކްރޭގެ ޝޫޓިން ތެރެއިން ދިމާވެގެންނެވެ. އަލީ ފަޒާލް ރީޗާ ގާތު އިންނަން އެހީ 2019 ވަނަ އަހަރުއެވެ.

