މިހާރު މެލޭޝިއާގައި ކުރިއަށްދާ 8 ވަނަ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަމްޕަޔަރުން ގިނަ މެޗުތަކެއްގައި އިންސާފުކޮށްފިއެވެ.

ވޯލްޑް ޗެމްޕިއަންޝިޕަކީ ދުނިޔޭގެ ކެރަމްގައި އެންމެ ހައިބަތު ހުރި މުބާރާތެވެ. އެއަށްފަހު ދެން އޮތް އެންމެ މަތީ ފަންތީގެ މުބާރާތަކީ ކެރަމް ވޯލްޑް ކަޕެވެ.

މިފަހަރުގެ މުބާރާތުގައި 18 ގައުމަކުން ވާދަކުރެއެވެ. އެއީ މުބާރާތް ބާއްވާ ގައުމު މެލޭޝިއާގެ އިތުރުން، އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ޔޫއޭއީ، ގަތަރު، އެމެރިކާ، ފްރާންސް، ޖާމަނީ، އިޓަލީ، ދެކުނު ކޮރެއާ، ނޭޕާލް، ސާބިއާ، ސްވިޒަލެންޑް، ޕޮލެންޑް، ސިންގަޕޫރު، ރާއްޖެ އަދި އިނގިރޭސިވިލާތެވެ.

މި އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި އިންސާފުކުރަމުން އަންނަ ރާއްޖޭގެ އަމްޕަޔަރުންނަކީ؛ މުހައްމަދު އަލޫފް، ހައިޝަމް މުހައްމަދު އާއި އާމިނަތު ޒައިނަތު އާޒިމް އަދި މުހައްމަދު ނާއިމް ނާހިދު ހަސަން އެވެ.

މިފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ މެޗެއްގައި އާމިނަތު ޒައިނަތު އާޒިމް (ވ) އަމްޕަޔަރުކަން ކުރަނީ. -- 

މީގެތެރެއިން، އުމުރުން 15 އަހަރުގެ އަލޫފް އަކީ މި ފަހަރުގެ މުބާރާތުގައި އިންސާފުކުރަމުން އަންނަ އެންމެ ހަގު އަމްޕަޔަރެވެ. އޭނާ އަކީ ރާއްޖޭގެ ތާރީޚުގައި ވޯލްޑް ޗެމްޕިއަންޝިޕްގައި އިންސާފުކުރަމުން އަންނަ އެންމެ ޒުވާން އަމްޕަޔަރެވެ.

2019 ވަނަ އަހަރުގެ ފެށިގެން ކެރަމް އެސޯސިއޭޝަނުން ބާއްވަމުން އަންނަ ގިނަ މުބާރާތްތަކުގައި އިންސާފުކުރަމުން އަންނަ އަލޫފް ވަނީ އެންމެ ފަހުން ކުޅެވުނު ގައުމީ މުބާރާތުގެ އެއްވަނަ އަދި ދެވަނަ ޑިވިޝަނުގެ ގިނަ މެޗުތަކެއްގައި އިންސާފުކޮށްފައެވެ.

އަލޫފް އަމްޕަޔަރުކަން ކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ކެރަމް މެޗުތަކުގެ ތެރޭގައި؛ 2019 ވަނަ އަހަރު ރާއްޖޭގައި އިންޑިއާ އާ ދެކޮޅަށް ކުޅެވުނު ޓެސްޓް ސީރީޒްގެ ފިރިހެނުންގެ ފައިނަލް މެޗާއި، އެ މުބާރާތުގެ އަންހެނުންގެ ތިންވަނަ ހޮވާ މެޗު އަދި 2019 އާއި 2022 ވަނަ އަހަރުގެ ގައުމީ މުބާރާތް ހިމެނެއެވެ.

މިފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ކުޅުނު މެޗެއްގައި މުހައްމަދު އަލޫފް އަމްޕަޔަރުކަން ކުރަނީ. -- 

ރާއްޖޭގެ އަމްޕަޔަރުންގެ ތެރޭގައި ދެން ހިމެނެނީ؛ އުމުރުން 17 އަހަރުގެ ހައިޝަމް އެވެ. އޭނާ އަމްޕަޔަރުކަން ކޮށްފައިވާ މުބާރާތްތަކުގެ ތެރޭގައި އެންމެ ފަހުގެ އިންޓަ އޮފީސް ކެރަމް މުބާރާތާއި، މި އަހަރުގެ ބޭއްވި ގައުމީ މުބާރާތުގެ އެއްވަނަ އަދި ދެވަނަ ޑިވިޝަން ހިމެނެއެވެ.

މިހާރު އުމުރުން 20 އަހަރުގެ ޒައިނަތުގެ މަސައްކަތްތަކަށް ބަލާއިރު، 2017 އާއި 2018 ވަނަ އަހަރުގެ ގައުމީ ކެރަމް މުބާރާތާއި، 2018 ވަނަ އަހަރުގެ އިންޓަ އޮފީސް ކެރަމް މުބާރާތް ހިމެނެއެވެ.

ނާއިމް އަމްޕަޔަރުކަން ކޮށްފައިވާ ފާހަގަކޮށްލެވޭ މުބާރާތްތަކުގެ ތެރޭގައި، 2019 އާއި 2022 ވަނަ އަހަރުގެ ސިލެކްޝަން މުބާރާތާއި، 2019 ވަނަ އަހަރު އިންޑިއާ އާ ދެކޮޅަށް ރާއްޖެ ކުޅުނު ޓެސްޓް ސީރީޒް ހިމެނެއެވެ.

މި ފަހަކަށްއައިސް ރާއްޖޭގެ އަމްޕަޔަރުންނާއި/ރެފްރީން އަންނަނީ ބައިނަލްއަގުވާމީ އެކި ފެންވަރުގެ މުބާރާތްތަކުގައި އިންސާފުކުރަމުންނެވެ.