އެސްޓީއޯއިން ޓީޗަރސް ޑޭ އާ ދިމާކޮށް، މުދައްރިސުންގެ އަގު ވަޒަންކުރުމަށް ހަދިޔާއެއްގެ ގޮތުން، މުދައްރިސުންނަށް ޚާއްސަ ޑިސްކައުންޓެއް ތަޢާރަފްކޮށްފިއެވެ. އެގޮތުން، އެސްޓީއޯއިން ވިއްކާ ބައެއް ބާވަތްތަކުގެ މުދަލުން މުދައްރިސުންނަށް ޑިސްކައުންޓް ލިބޭނެގޮތްވަނީ މިހާރު ހަމަޖައްސާފައެވެ. މި ޑިސްކައުންޓަކީ މުޅި ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ލިބިގެންދާނެ ޑިސްކައުންޓެއްކަމަށާ އަދި މިއީ އެއް ދުވަހަށް ކަނޑައެޅިފައިވާ ޑިސްކައުންޓެއް ނޫންކަމަށްވެސް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.
ރާއްޖޭގެ ސަރުކާރު އަދި ޕްރައިވެޓް ހުރިހާ ސްކޫލްތަކެއްގެ މުދައްރިސުންނަށް އެސްޓީއޯގެ މި ޑިސްކައުންޓް ލިބިގެންދާނެއެވެ. މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގައި ވަރަށް މަތިވެރި ދަޢުރެއް އަދާކުރާ ފަރާތްތަކެއްކަން އެސްޓީއޯއިން އަބަދުވެސް ޤަބޫލުކުރާ ކަމަށާ އަދި އެސްޓީއޯއިން އަބަދުވެސް މުދައްރިސުންގެ އަގު ވަޒަންކުރުމަށް އިސްކަންދޭކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މުދައްރިސުން ކުރައްވާ ބުރަ މަސައްކަތަކީ އަގުނުކުރެވޭނެ މަސައްކަތެއް ނަމަވެސް އެސްޓީއޯގެ މި ހަދިޔާ، ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ކަމުދާނެކަމަށް އުންމީދުކުރާކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.
