8 ވަނަ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޮވާ މެޗުގައި ބަންގްލަދޭޝް ބަލިކޮށް ރާއްޖޭގެ ފިރިހެން ޓީމުން ޓީމް އިވެންޓްގެ ތިންވަނަ މަގާމު ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދައިފިއެވެ.
އެންމެފަހުން 2016 ވަނަ އަހަރު ބޭއްވުނު ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ފިރިހެން ޓީމުން ވަނީ ތިންވަނަ ހޯދާފައެވެ. އަދި އޭގެކުރީން، 2005 ވަނަ އަހަރުގެ މުބާރާތުގައި ވެސް ފިރިހެން ޓީމުން ވަނީ ޓީމް އިވެންޓްގެ ތިންވަނަ މަގާމް ހާސިލްކޮށްފައެވެ. މީގެއިތުރުން، މި ފަހަރުގެ މުބާރާތުގައި ފިރިހެން ޓީމުގައި ހިމެނުނު މުހައްމަދު މުންތަސިރު އަކީ އެންމެ ފަހުގެ ވޯލްޑް ޗެމްޕިއަންޝިގެ ތިންވަނަ މަގާމު ހާސިލްކުރިއިރު ޓީމުގައި ހިމެނުނު ހަމައެކަނި ކުޅުންތެރިޔާ އެވެ.
މި ފަހަރުގެ މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި ބަންގްލަދޭޝްގެ ޓީމު އަތުން ރާއްޖޭގެ ގައުމީ ފިރިހެން ކެރަމް ޓީމު މޮޅުވީ 2-1 އިންނެވެ.
މިއަދު ހަވީރު ކުޅުނު ޓީމް އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި ސިންގަލްސް ބައިން ބަންގްލަދޭޝްގެ މޮއްލާ ހެއްމަތު އަތުން ރާއްޖޭގެ އާދަމް އަދީލް ބަލިވީ ސީދާ ދެ ގޭމުންނެވެ.
އެކަމަކު، ދެން ކުޅެވުނު ސިންގަލްސްގެ އަނެއް މެޗުގައި ފޯރިގަދަ ކުޅުމަކަށްފަހު ބަންގްލަދޭޝްގެ ހަފީޒުއްރަހުމާންގެ މައްޗަށް ރާއްޖޭގެ އިސްމާއިލް އަޒްމީން ވަނީ ކުރިހޯދާފައެވެ. މިއާއެކު، ރާއްޖެއާ ބަންގްލަދޭޝް 1-1 އިން އެއްވަރުވުމުން، ތިންވަނަ ހޯދުމަށްޓަކައި ޑަބަލްސް މެޗުގައި ބަންގްލަދޭޝް ބަލިކުރުން ނޫން ގޮތެއް ނެތެވެ.
ޓީމް އިވެންޓްގެ ޑަބަލްސް މެޗުގައި ރާއްޖޭގެ ޕެއާ ކަމަށްވާ އިބްރާހިމް ހުޖާން އާއި މުހައްމަދު މުންތަސިރު ވަނީ ސީދާ ދެ ގޭމުން ބަންގްލަދޭޝްގެ އަބްދުލް ކަލާކް އާއި އެމްޑީ އަލީ ރޮބިންގެ ޕެއާ ބަލިކޮށް ތާރީޚީ ކާމިޔާބު ހޯދައިދީފައެވެ.
މި އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ފައިނަލްގައި ސްރީ ލަންކާ ބަލިކޮށް ޗެމްޕިއަންކަން އިންޑިއާ އިން ހޯދިއިރު އަންހެނުންގެ ފައިނަލްގައި އެމެރިކާގެ މައްޗަށް ކުރިހޯދީވެސް އިންޑިއާގެ އަންހެން ކެރަމް ޓީމެވެ.
