މެލޭޝިއާގެ ލަންކާވީގައި މިހާރު ކުރިއަށްދާ 8 ވަނަ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގައި ސިންގަލްސް އިވެންޓްގެ ފިރިހެން ކެޓަގަރީގައި ރާއްޖޭގެ އިސްމާއިލް އަޒްމީން އާއި އާދަމް އަދީލް އަށް ޕްރީ-ކުއާޓާ (ގަދަ 16)ގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނުއިރު، އިބްރާހިމް ހުޖާން އާއި މުހައްމަދު މުންތަސިރު (މުންކޮ) ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.
ވޯލްޑް ޗެމްޕިއަންޝިޕްގެ ސިންގަލްސް އިވެންޓްގައި އަޒްމީން ކުޅުނު ފުރަތަމަ މެޗުގައި ފްރާންސްގެ ކުގަތާސް އެސް އަތުން މޮޅުވީ 2-0 އިންނެވެ. ދެން ކުޅެވުނު މެޗުގައި އިޓަލީގެ ނިކޮލޯ ގެލޯ ބަލިކުރީ ވެސް 2-0 އިންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މެލޭޝިއާގެ މުހައްމަދު ކަރީ އަތުން މޮޅުވީ ވެސް ހަމަ 2-0 އިންނެވެ.
ފިރިހެނުންގެ ޓީމް އިވެންޓްގައި ބަންގްލަދޭޝް ބަލިކޮށް ތިންވަނަ ހޯދައިދިނުމަށްފަހު ރަނގަޅު ފޯމެއްގައި ހުރެ ޕްރީ-ކުއާޓާ (ގަދަ 16) ގެ ބުރުގެ މެޗަށް ނިކުތް ރާއްޖޭގެ އަޒްމީން ބަލިވީ އިންޑިއާގެ އަބްދުއްރަހުމާން އަތުންނެވެ. އެ މެޗުން އަޒްމީން ބަލިވީ 2-1 އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި 0-15 އިން އަބްދުއްރަހުމާން ކުރީގައި އޮއްވާ، އަޒްމީން ވަނީ ފަހު ހަ ބޯޑުގައި ދެއްކި އާދަޔާ ހިލާފު ހިތްވަރާއި ތަފާތު މޮޅު ކުޅުމާއެކު އެ ގޭމް ކާމިޔާބުކޮށްފައެވެ. އެކަމަކު، ދެން ކުޅެވުނު ދެވަނަ ގޭމް އިންޑިއާގެ އަބްދުއްރަހުމާން ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށް، ތިންވަނަ ގޭމަކަށް ގެންގޮސްފައެވެ.
މެޗުގެ ނަތީޖާ ނެރުމަށް ކުޅެވުނު ތިންވަނަ ގޭމުގައި ފުރަތަމަ ހަ ބޯޑަށްފަހު 10-9 އިން އަޒްމީން ލީޑް ކުރަމުންދަނިކޮށް އަބްދުއްރަހުމާން ވަނީ ހަތްވަނަ ބޯޑުގައި 11 ޕޮއިންޓް ހޯދައި، ނަތީޖާ 10-20 އަށް އަނބުރާލައިފައެވެ. އަދި އޭގެފަހުން، ދެން ކުޅެވުނު ފަހު ބޯޑުގައި އަޒްމީން މޮޅުވުމަށްޓަކައި ސްލޭމެއް ހެދުން ނޫން ގޮތެއް ނެތްއިރު، އަބްދުއްރަހުމާން މެޗު ކާމިޔާބުކުރީ ފަހު ބޯޑުން ވެސް ހަތަރު ޕޮއިންޓް ހޯދައިގެން 10-24 އިންނެވެ.
ސިންގަލްސްގައި ރާއްޖޭގެ ދެން އެންމެ މަތިން ސީޑް ކުރެވުނު އަދީލް ކުޅުނު ފުރަތަމަ މެޗުގައި އިޓަލީގެ އަމިތު ވެންޑަލެން އަތުން 2-0 އިން މޮޅުވިއިރު، އެމެރިކާގެ ޕަރާގް ޕަންޑިތު އަތުން މޮޅުވީ 2-1 އިންނެވެ. ގްރޫޕުގެ ފަހު މެޗުގައި ސިންގަޕޫރުގެ ސާއިދު ތާހިރު ޕީޕީ އަތުން މޮޅުވީ 2-0 އިންނެވެ.
އަދީލް އަށް ޕްރީ-ކުއާޓާގައި ކުރިމަތިލާންޖެހުނީ ޓީމް އިވެންޓްގެ ގްރޫޕް ސްޓޭޖުގެ ސިންގަލްސްގައި ބަލިވި ސިންގަޕޫރުގެ ލީނަސް ޕޯލްއާ އެވެ. އެފަހަރުގެ މެޗުން ސީދާ ދެ ގޭމުން ޕޯލް މޮޅުވިއެވެ. އެކަމަކު، މިރޭ ކުޅެވުނު ސިންގަލްސް މެޗުގައި އަދީލް ބަލިވީ 1-2 އިންނެވެ.
ރާއްޖޭ ޓީމުގެ ކެޕްޓަން ހުޖާން ސިންގަލްސް އިވެންޓްގައި ކުޅުނު ފުރަތަމަ މެޗުތަކުން ސްރީ ލަންކާގެ އުދޭޝް ޕެރޭރާ އާއި މެލޭޝިއާގެ އަބްދުއް އިސްމާއިލް އަދި ޕޮލެންޑްގެ ޕަވެލް ރޮކްޒިންސްކީ އަތުން މޮޅުވީ 2-0 އިންނެވެ.
ޕްރީ-ކުއާޓާގައި ބަންގްލަދޭޝްގެ ހެއްމަތު މޮއްލާ އަތުން ރާއްޖޭގެ ހުޖާން މޮޅުވީ 2-0 އިންނެވެ.
މުންތަސިރު (މުންކޮ) ސިންގަލްސް އިވެންޓްގައި ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާ ވަން މުހައްމަދު އާރިފު އަތުން 2-0 އިން މޮޅުވިއިރު، ރަފެލް ޑިކްޒް އަދި ފްރޭންކް ފެހްރު އަތުން މޮޅުވީ ވެސް 2-0 އިންނެވެ.
މުންކޮ އަށް ޕްރީ-ކުއާޓާގައި ނިކުންނަން ޖެހުނީ ރާއްޖޭގެ ޓީމަށް ދާދިފަހުން އިރުޝާދު ދިން ސްރީ ލަންކާގެ ނިޝާންތަ ފެނާންޑޯއާ ދެކޮޅަށެވެ. 2012 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަން ހޯދި ނިޝާންތަ އަތުން މުންކޮ މޮޅުވީ 2-0 އިންނެވެ.
މި އަހަރުގެ މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ހާސިލްކުރަން އެންމެ ބޭނުންވި ޓާގެޓަށް ވާސިލްނުވެވުނު ނަމަވެސް، ވަކި ވަކި ކުޅުންތެރިންނަށް ބަލާއިރު ގިނަ ކުރިއެރުންތަކެއް ހޯދާފައިވެއެވެ. އެގޮތުން، އަޒްމީން އާއި އަދީލް ކުރެން ކޮންމެ ކުޅުންތެރިއަކ 1 ބްލެކް ސްލޭމް އަދި 1 ވައިޓް ސްލޭމް ހެދިއިރު، ހުޖާން ވަނީ އެއް ބްލެކް ސްލޭމް ހަދާފައެވެ. އަދި މި ފަހަރު މުޅިން އަލަށް ބައިނަލްއަގުވާމީ މުބާރާތަކަށް ނިކުތް ރާއްޖޭގެ ގައުމީ އަންހެން ކެރަމް ޓީމުގެ އައިޝަތު ނަހުފާ ވަނީ 1 ބްލެކް ސްލޭމް ހަދާފައެވެ.
