އެސްޓީއޯއިން ޖީއީ ހެލްތްކެއަރ އާއި ގުޅިގެން ކުރިއަށް ގެންދާ، ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯސް، އިފްތިތާޙުކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ރާއްޖޭގެ ޞިއްޙަތާ ބެހޭ ވަޒީރު އަޙްމަދު ނަސީމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު މުޙައްމަދު ރަޝާދުވެސް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯއިން ވަނީ 'ޑިޕްލޮމާ އިން ރޭޑިއޮގްރަފީ' ކޯހުގެ ފުރަތަމަ ބުރުގައި ބައިވެރިވާ ދަރިވަރުންނަށް ކޮންމެ މަހަކަށް ޕޮކެޓް މަނީއާއެކު ފުލް ސްކޮލަރޝިޕް ދީފައެވެ.
ފޮޓޯ: ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހުގެ ފުރަތަމަ 25 ބައިވެރިންގެ ތެރެއިން ބައިވެރިއަކަށް ނައިބްރައީސް ފައިސަލް ނަސީމް ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ
މީގެއިތުރުން އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގެ ރަސްމީ ލޯގޯވެސް ރޭގެ ރަސްމިއްޔާޓުގައި ވަނީ ދައްކާލާފައެވެ. ލޯގޯ ފަރުމާކުރުމަށް އެސްޓީއޯގެ މުވައްޒަފުންގެ މެދުގައި ބޭއްވި މުބާރާތުން ހޮވުނީ، އެސްޓީއޯގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގައި އިންޓަރން އެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ރީޝާ ރަޝީދު ފަރުމާކުރި ލޯގޯއެވެ. ރޭގެ ރަސްމިއްޔާތުގައި ލޯގޯ ދައްކާލުމަށްފަހު ވަނީ ރީޝާއަށް ފައިސާގެ އިނާމާއި ހަނދާނީލިޔުން ހަވާލުކޮށްފައެވެ.
އެސްޓީއޯއިން ބުނީ ޖީއީ ހެލްތްކެއަރ އާއި ގުޅިގެން، ރާއްޖޭގައި ފުރަތަމަ ފަހަރަށް 'ޑިޕްލޮމާ އިން ރޭޑިއޯގްރަފީ' ކޯސް ފެށުމަކީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ފަޚުރެއްކަމަށެވެ.
ރޭޑިއޯގްރަފީ އަކީ ރޭޑިއޭޝަން ބޭނުންކޮށްގެން އެތެރެހަށީގެ ގުނަވަންތަކުގެ ސްކޭންކުރުމެވެ. މީގެ ތެރޭގައި އެކްސް-ރޭ، ސީ.ޓީ ސްކޭން، އެމް.އާރް.އައި، އަލްޓްރާ-ސައުންޑް ސްކޭން އަދި މެމޯގްރާމް ހިމެނެއެވެ. ރޭޑިއޯގްރަފީގެ އެންމެ މުހިންމު ބޭނުމަކީ މީހާގެ އެތެރެހަށީގެ ގުނަވަންތަކުގެ ޙާލަތު ބަލާ، ހުރީ ކޮން ބައްޔެއްތޯ ދެނެގަތުމެވެ.
ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ފަދަ ކޯހެއް އެސްޓީއޯއިން ފެށުމަށް ނިންމި ސަބަބާގުޅޭ ގޮތުން އެސްޓީއޯއިން ބުނީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއާ ބެހޭ ގޮތުން ހެދި ދިރާސާއަކުން ރާއްޖޭގައި ރޭޑިއޯގްރާފަރުން މަދުކަމަށް ފާހަގަކުރެވުނުކަމަށާއި އެ މަދު ރޭޑިއޯގްރާފަރުންވެސް މަސައްކަތް ކުރަނީ މާލޭގެ އިތުރުން އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގައި އެކަނިކަމަށް ފާހަގަކުރެވުނުކަމަށެވެ. އެހެންވެ އެސްޓީއޯ އާއި ޖީއީ ހެލްތްކެއަރ ކުންފުންޏާއި ގުޅިގެން، ދިވެހިރާއްޖޭގައި މިފަދަ ކޯހެއް ތަޢާރަފުކޮށް، ރާއްޖޭގައި ހުރެގެން ރޭޑިއޯގްރާފަރުންގެ ގޮތުގައި ތަމްރީންވުމުގެ މަގު ފަހިކޮށްދޭން ނިންމީކަމަށް އެސްޓީއޯއިން ބުންޏެވެ.
ފޮޓޯ: ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހުގެ ފުރަތަމަ 25 ބައިވެރިންގެ ތެރެއިން ބައިވެރިއަކަށް ނައިބްރައީސް ފައިސަލް ނަސީމް ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ
އެސްޓީއޯއިން ކޯހަށް ހުޅުވާލުމުން 94 ކުދިން ކޯހަށް ކުރިމަތިލާފައިވެއެވެ. އެ 94 ކުދިންގެ ތަޢުލީމީ ފެންވަރު ޗެކްކޮށް، ކޯހަށް ޝަރުތު ހަމަވާ (އޭލެވެލް ނުވަތަ އޭލެވެލް އާ އެއް ފެންވަރުކަމަށް އެމް.ކިއު.އޭ އިން ޤަބޫލުކުރާ ސެޓްފިކެޓް 4 ގެ ސަނަދެއް އޮތް) އެޕްލިކެންޓުން ބެލުމަށްފަހު ޝޯޓްލިސްޓްކުރެވުނީ 36 ކުދިންނެވެ. ދެން އެ 36 ކުދިންގެ އިންޓަވިއުއެއް ކުރިއަށް ގެންދިޔުމަށްފަހު އެކުދިންގެ މިހާރުގެ ފެންވަރު ބެލުމަށް އެންޓްރެންސް އެގްޒާމެއް ބޭއްވިފައިވެއެވެ. އެ އެގްޒާމަށްފަހު އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓްގެ އެކެޑެމިކް ކޮމިޓީއިން، އެންމެ ގާބިލް 25 ކުދިން ހޮވީކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. މި ކޯސްވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރިޑޭޓްކޮށްފައިކަމަށާއި މި ކޯސް ފުރިހަމަ ކުރާ ހުރިހާ ދަރިވަރުންނަށް މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުގައި ރޭޑިއޯގްރާފަރެއްގެ ގޮތުގައި ރަޖިސްޓަރ ވެވޭނެކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.
ފޮޓޯ: ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހުގެ ފުރަތަމަ 25 ބައިވެރިންގެ ތެރެއިން ބައިވެރިއަކަށް ނައިބްރައީސް ފައިސަލް ނަސީމް ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ
2 އަހަރު ދުވަހުގެ ކިޔެވުމާއި 6 މަހުގެ ޢަމަލީ ތަޖުރިބާ އެކުލެވޭ މި ކޯހުގައި ކިޔަވައިދޭނީ ފޭސް-ޓު-ފޭސް ކްލާސްތައް ނަގައިގެންކަމަށާ ޓިއުޓޯރިއަލް އަދި ޕްރެކްޓިކަލް ސެޝަންތައްވެސް ހިންގާނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. ދެ އަހަރުގެ ކިޔެވުމަށް ފަހު، 6 މަހުގެ ޢަމަލީ ތަޖުރިބާ ހޯދުމަށް ދަރިވަރުން އިންޓަރންޝިޕެއް ހަދާނެކަމަށާއި އެ އިންޓަރންޝިޕް ހެދުމަށް ހަމަޖެހިފައިވަނީ އައި.ޖީ.އެމް ހޮސްޕިޓަލް، އޭ.ޑީ.ކޭ ހޮސްޕިޓަލް، ސެނަހިޔާ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށްވެސް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.
ފޮޓޯ: ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހުގެ ފުރަތަމަ 25 ބައިވެރިންގެ ތެރެއިން ބައިވެރިއަކަށް ނައިބްރައީސް ފައިސަލް ނަސީމް ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ
މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މާލޭގަ، އެސްޓީއޯ ޓްރޭޑް ސެންޓަރުގެ 4 ވަނަ ފަންގިފިލާގައި ހުންނަ އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓްގެ ކްލާސްރޫމްތަކާއި، އޮޑިޓޯރިއަމް އަދި ޖީ.އީ. އެސްޓީއޯ ސްކިލް ލެބްގައެވެ. ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯސް މި އަހަރު ފަށާ ކުދިންނަށް މި ލިބުނު ސްކޮލަރޝިޕްގެ ދަށުން ކޯސް ފީ މުޅިން ހިލޭވާނެކަމަށާއި ކޮންމެ މަހަކު 2300 (ދެހާސް ތިންސަތޭކަ) ރުފިޔާގެ ޕޮކެޓް މަނީ ކޮންމެ ބައިވެރިއަކަށްވެސް ލިބޭނެކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ ކޮންމެ ހޮސްޕިޓަލެއް، ކްލިނިކެއް ނުވަތަ ހެލްތް ސެންޓަރެއްގައިވެސް ރޭޑިއޮގްރަފީ މެޝިންތައް އޮޕަރޭޓްކޮށް، އެ މެޝިންތައް ބަލަހައްޓާ މުވައްޒަފަކަށް ވުމުގެ ޤާބިލުކަން، މި ކޯސް ފުރިހަމަކުރާ ކުދިންގެ ކިބައިގައި ހުންނާނެކަމށްވެސް އެސްޓީއޯއިން ބުނެއެވެ.
ފޮޓޯ: ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހުގެ ފުރަތަމަ 25 ބައިވެރިންގެ ތެރެއިން ބައިވެރިއަކަށް ނައިބްރައީސް ފައިސަލް ނަސީމް ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވަނީ
ރޭޑިއޯގްރަފީ ކޯހަކީ ވަރަށް ގިނަ ބައެއްގެ ފޮނި އުންމީދުތަކަކާއެކު ރާއްޖޭގައި ފެށޭ ކޯހެއްކަމަށާއި މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ޞިއްޙީ ދާއިރާއެއްކަމުން، މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާ، މި ކޯސް ފުރިހަމަކޮށް އަދި މުސްތަޤްބަލުގައި ޤައުމު ފަޚުރުވެރިވާ ޞިއްޙީ ޚިދުމަތްތެރިއަކަށް ވުމަށް އަޒުމުކަނޑައަޅާ ހިތްވަރާއެކު މަސައްކަތްކުރުމަށް، މި ކޯހުގެ ބައިވެރިންނަށް އެސްޓީއޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ފޮޓޯ: ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހުގެ ފުރަތަމަ ބުރުގެ ބައިވެރިން
