މިހާރު މެލޭޝިއާގެ ލަންކާވީގައި ކުރިއަށްދާ 8 ވަނަ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލްގައި ރާއްޖޭގެ ގައުމީ އަންހެން ކެރަމް ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ އައިމިނަތު ވިދާދު އާއި އައިޝަތު ނަހުފާ އަދި އާމިނަތު ވިޝާމާ ވާދަކޮށްފިއެވެ.
މިއީ ފަހަކަށްއައިސް ރާއްޖޭގެ އަންހެން ތިން ކުޅުންތެރިއަކު ވޯލްޑް ޗެމްޕިއަންޝިޕްގެ ގަދަ 8 ގައި ހިމެނުނު ފުރަތަމަ ފަހަރެވެ.
މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އަންހެނުންގެ ސިންގަލްސް އިވެންޓްގައި އިއްޔެ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ރާއްޖޭގެ ވިދާދު ޕްރީ-ކުއާޓާ އަށް ދަތުރުކޮށް، އެ މެޗު ކާމިޔާބުކޮށް ކުއާޓާ އިން ޖާގަ ހޯދިއެވެ.
ގްރޫޕް ސްޓޭޖުގައި ވިދާދު ކުޅުނު މެޗުތަކުގައި ސިންގަޕޫރުގެ ސްރިވިދްޔާ ކަރީ އަތުން 2-0 އިން މޮޅުވިއިރު، ނޭޕާލްގެ އެސްތާ ކާރްކީ އަތުން މޮޅުވީ ވެސް 2-0 އިންނެވެ. އޭގެފަހުން، ބަންގްލަދޭޝްގެ ފަރްޒާނާ ބާނޫ އަތުން ވެސް 2-0 އިން މޮޅުވިއެވެ. ގްރޫޕުގެ އެންމެ ފަހު މެޗުގައި ސްރީ ލަންކާގެ އީޕީއެން މަދޫވަންތީ ބަލިކުރީ 2-1 އިންނެވެ.
ރާއްޖޭގެ ގައުމީ އަންހެން ކެރަމް ޓީމުގެ ކެޕްޓަން ވިޝާމާ ވަނީ ސިންގަލްސް އިވެންޓްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައެވެ. އޭނާ ބަލިވީ އިންޑިއާގެ ޑެބަޖާނީ ޓަމޫލީ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި އިނގިރޭސިވިލާތުގެ ރޭޗަލް ޑިކްޒް އަތުން 2-0 އިން މޮޅުވިއިރު، ދެން ކުޅުނު މެޗުތަކުގައި ބަންގްލަދޭޝްގެ ސަބީނާ އަޙްތަރު 2-0 އިން ބަލިކުރިއިރު، އެމެރިކާގެ ޕޫޖާ ރާތީ އަތުން މޮޅުވީ ވެސް 2-0 އިންނެވެ.
ވިޝާމާ ވަނީ ޕްރީ-ކުއާޓާގައި ސްރީ ލަންކާގެ ޖޯސެފް ރޮޝީތާ ބަލިކޮށްފައެވެ. އެކަމަކު، ކުއާޓާގައި އަނެއްކާވެސް ކުރިމަތިލާންޖެހުނީ އޭނާ އާއެކު އެއް ގްރޫޕެއްގައި ހިމެނުނު އިންޑިއާގެ ޑެބަޖާނީއާ އެވެ.
ބައިނަލްއަގުވާމީ މުބާރާތަކަށް މުޅިން އަލަށް ނިކުތް ނަހުފާ ވަނީ ސިންގަލްސް އިވެންޓްގައި އޭނާ ހިމެނުނު ގްރޫޕުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފައެވެ. ގްރޫޕް ސްޓޭޖުގައި ނަހުފާ ކުޅުނު ފުރަތަމަ މެޗުގައި ދެކުނު ކޮރެއާގެ ޓައެ-ޔެއޮން ކިމް އަތުން 2-0 އިން މޮޅުވިއެވެ. އެކަމަކު، ދެން ކުޅުނު މެޗުގައި އިންޑިއާގެ ކާޖަލް ކުމާރީ އަތުން ބަލިވީ 2-0 އިންނެވެ. އޭނާ ވަނީ މި މެޗުގެ ދެވަނަ ގޭމުގައި ބްލެކް ސްލޭމްއެއް ހަދާފައެވެ. މިއީ މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އަންހެން ކުޅުންތެރިއަކު ސްލޭމް ހެދި ފުރަތަމަ ފަހަރެވެ. ގްރޫޕުގެ އެންމެ ފަހު މެޗުގައި އެމެރިކާގެ ތޭޖަސްވީ ޑުޑުކާ އަތުން މޮޅުވީ 2-0 އިންނެވެ.
ޕްރީ-ކުއާޓާގައި ނަހުފާ ވަނީ ލަންކާގެ ރިބެކާ ބަލިކޮށްފައެވެ. އެކަމަކު، ކުއާޓާގައި އިންޑިއާގެ ކާޖަލް އަތުން ބަލިވިއެވެ. އެހެންކަމުން، ކުއާޓާގައި ރާއްޖޭގެ ތިން ކުޅުންތެރިންނަށް ނާކާމިޔާބުުވުމުން ދެން ޖެހުނީ 5-8 ދެމެދުގެ ވަނަތައް ހޮވުމަށް ކުޅޭ ބުރުގައި ވާދަކުރާ މެޗުތަކެވެ.
މި މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގައި ރާއްޖޭން ދެން ވާދަކުރި އައިޝަތު ފައިނާޒް ވަނީ ގްރޫޕް ސްޓޭޖުގައި ކޮރެއާގެ ސަން-ހީ ހޯ އަތުން 2-0 އިން މޮޅުވިއިރު، ސިންގަޕޫރުގެ ބަގްޔާޝްރީ މޯރޭ ވެސް 2-0 އިން ބަލިކޮށްފައެވެ. އޭގެފަހުން، ދެން ކުޅުނު މެޗުގައި ބަންގްލަދޭޝްގެ ނަހާރް މަކްޝޫދާ އަތުން 2-1 އިން މޮޅުވިއެވެ. އެކަމަކު، ފަހު މެޗުގައި އިންޑިއާގެ ނިލާމް ގޯޑްކޭ އަތުން ބަލިވީ 2-0 އިންނެވެ.
ޕްރީ-ކުއާޓާގައި ވާދަކޮށް އެމެރިކާގެ ޕްރިތީ ޖަކޯޓިއާ އަތުން 2-1 އިން ބަލިވުމުން ފައިނާޒް ވަނީ ކުއާޓާ އަށް ނުގޮސް ކަޓާފައެވެ. ފައިނާޒަށް ދެން އޮތީ 9-16 އާ ދެމެދުގެ ވަނަތައް ހޮވުމަށް ކުޅޭ ބުރުގެ މެޗުތަކެވެ.
