އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިކޮށް އާސެނަލުން އަލުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން އާސެނަލް މޮޅުވީ 3-2 އިންނެވެ.
މި ނަތީޖާއާއެކު އާސެނަލް އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ނުވަ މެޗުން 24 ޕޮއިންޓް ހޯދއިގެންނެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. ތިންވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް 20 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ އޮތީ އެއް މެޗު މަދުން ކުޅެގެން 16 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް އާސެނަލުންނެވެ. މެޗު ފެށިތާ 58 ވަރަކަށް ސިކުންތުގެ ތެރޭގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ގެބްރިއެލް މާޓިނެއްލީ އެވެ.
ލިވަޕޫލުން އެއްވަރުކުރި ލަނޑު، 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒް އެވެ. މިއީ އެ ޓީމުގެ ކޮލަމްބިއާ ވިންގާ ލުއިސް ޑިއާޒް ނަގައިދިން ހުރަހަކުން ނޫނޭޒް ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން، އާސެނަލަށް އަލުން ލީޑް ދަމަހައްޓައިދިނީ އިނގިރޭސި ވިންގާ ބުކާޔޯ ސަކާ އެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ސަކާ މި ލަނޑުޖެހީ މާޓިނެއްލީ ދިން ޕާހަކުންނެވެ.
މި މެޗުގައި ލިވަޕޫލުން ދެވަނަ ފަހަރަށް އެއްވަރުކުރީ މެޗުގެ 53 ވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ވައްދާލި ލަނޑުންނެވެ. މިއީ އާސެނަލް ކޮޅަށް އޭނާ ވައްދާލި 10 ވަނަ ގޯލެވެ.
މެޗު ނިމެން 14 މިނެޓަށްވެފައިވަނިކޮށް އާސެނަލް މޮޅުވި ލަނޑުޖަހައިދިނީ ވެސް ސަކާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އާސެނަލްގެ ބްރެޒިލް ފޯވާޑް ގެބްރިއެލް ޖެސޫސް އަށް ލިވަޕޫލްގެ މިޑްފީލްޑަރު ތިއާގޯ އަލްކަންތާރާ ފައުލް ކުރުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
މެންޗެސްޓާ ޔުނައިޓެޑުން މިރޭ ރަށުން ބޭރުގައި އެވަޓަންއާ ދެކޮޅަށް ކުޅުުނު މެޗުން މޮޅުވީ 2-1 އިންނެވެ.
ގުޑިސަން ޕާކްގައި މިރޭ ކުޅުނު މެޗު ފެށިގެން 6 ވަނަ މިނެޓުގައި އެވަޓަން އަށް ލީޑްނަގައިދިނީ ނައިޖީރިއާގެ ވިންގާ އަލެކްސް އިވޯބީ އެވެ. އޭގެފަހުން، މެޗުގެ 15 ވަނަ މިނެޓުގައި ޔުނައިޓެޑަށް އެއްވަރުކޮށްދިނީ އެންތަނީ އެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑްނަގައިދީފަ އެވެ.
މި ގޯލަކީ ރޮނާލްޑޯގެ ކްލަބު ކެރިއަރުގައި ޖެހި 700 ވަނަ ލަނޑެވެ. މީގެތެރެއިން، 450 ލަނޑުޖަހާފައިވަނީ ރެއާލް މެޑްރިޑްގެ ޖާޒީގައެވެ. އޭނާގެ މިހާރުގެ ކްލަބު ޔުނައިޓެޑަށް 144 ލަނޑުޖަހައިދިންއިރު، ޔުވެންޓަސްގައި ހޭދަކުރީ މުއްދަތުގައި 101 ގޯލް ޖެހިއެވެ. ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރު ފެށި ސްޕޯޓިން ލިޒްބަން އަށް 5 ގޯލްޖަހައިދިނެވެ.
