ސުނިލް ޝެޓީގެ ދެން އެންމެ އަވަހަށް ނެރެން ހަމަޖެހިފައިވާ ތެލުގޫ ފިލްމު "މޮސަގައްލު" ގެ ޓީޒަރ ރިލީސްކޮށްފިއެވެ. މި ފިލްމުގައި ސުނިލް ޝެޓީ ފެނިގެން ދާނީ ފުލުހުއްގެ ބައިންނެވެ. އަދި ބަޠަލާ ކާޖަލް އަގްރްވާލް ފެންނާނީ ނުބައިބައި މީހެއްގެ ރޯލުންނެވެ. ތަމަޅަ ފިލްމްތަކުން މަޝްހޫރުކަން ހޯދާފައިވާ ވިޝްނޫ މަންޗުވެސް މުހިންމު ރޯލަކުން ފެނިގެންވާ މި ފިލްމުގެ ޓީޒަރ ޓްވިޓަރގައި އާންމު ކުރީ ދެކުނު އިންޑިޔާގެ ސުޕަރސްޓަރ އައްލޫ އަރްޖުން އެވެ.
މި ޓީޒަރގައި ފެންނަނީ ކާޖަލް އާއި ވިޝްނޫ އެތައް ބަޔަކަށް އޮޅުވާލާ ލަނޑު ދޭ މަންޒަރެވެ. މި އައި.ޓީ ސްކޭމްގެ ނުރައްކާ ބޮޑު ވެގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިމީހުނަށް އިންޒާރު ދޭން މަންޒަރުވެސް ޓީޒަރގައި ފެނިގެން ދެއެވެ. ފިލްމުގައި ކާޖަލް އަދި ވިޝްނޫ އަކީ އެއްބަނޑު ދެބެންނެވެ. އަދި ދެބެން ވެގެން އެތައް ބަޔަކު އަތުން ފައިސާގެ ބޮޑެތި އަދަދުތައް ފޭރެނީ އިންޓަރނެޓް މެދުވެރިކޮށެވެ.
މި ކަންކަން ހުއްޓުވުމަށް ނިކުންނަ ވަރަށް ހައިބަތު ބޮޑު، އޭ.ސީ.ޕީ ކުމާރު ގެ ރޯލުން ސުނިލް ޝެޓީ ފެނިގެން ދާއިރު މިއީ ވަރަށް ދިގު މުއްދަތަކަށް ފަހު ސުނިލް ޝެޓީގެ ފިލްމެއް ބެލުންތެރިންނަށް ފެނިގެން ދާނެ ފަހަރެވެ.
