މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުގައި ކްލަބު ޔޫތު މިނިސްޓްރީ ބަލިކޮށް އެމްޕީއެލް ދެވަނަ ބުރަށް ދަތުރުކުރިއިރު، ފެނަކައިން މުބާރާތުގެ ދެވަނަ މޮޅު ހޯދައިފިއެވެ.

ގްރޫޕް އެފްގައި ހިމެނޭ އެމްޕީއެލް އިން ވަނީ 4-0 ގެ ނަތީޖާއަކުން ޔޫތު މިނިސްޓްރީ ބަލިކޮށް، ބާކީ އެއް މެޗު އޮއްވާ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެ ޓީމުން ވަނީ މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދާފައެވެ. ދެވަނައިގައި އޮތް ކްލަބު އާސަންދަ އާއި ޔޫތު މިނިސްޓްރީ އަށް ޕޮއިންޓެއް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ކަސްޓަމްސް އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

އެމްޕީއެލްގެ ފުރަތަމަ ލަނޑު، ނުވަވަނަ މިނެޓުގައި އަހުމަދު ހުސެއިން ކާމިޔާބުކޮށްދިންއިރު، އޭގެ ހަ މިނެޓުފަހުން އެ ޓީމުގެ ސާޖިދު ރަޝީދު ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އަދި މެޗު ނިމެންދަނިކޮށް، ފަހު ދެ މިނެޓުގެ ތެރޭގައި އަލީ ހައިޝަމް (ޗުމްޕު) އާއި މުހައްމަދު ޔަފާއު (ޔާ) ވަނީ އިތުރު ދެލަނޑުޖަހައި، އެމްޕީއެލް އަށް ފުރިހަމަ މޮޅެއް ހޯދައިދީފައެވެ.

މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ ފެނަކައިން ވަނީ 8-2 އިން ޓީމް ސިވިލް ކޯޓް ބަލިކޮށް، ދެވަނަ މޮޅާއެކު އަނެއް ބުރުގެ އުއްމީދު ބޮޑުކޮށްފައެވެ. މި ގްރޫޕުގައި ހިމެނޭ ޔުނައިޓެޑް ބީއެމްއެލްއާ ކްލަބު އެއާޕޯޓްސް ބައްދަލުކުރާ މެޗަށްފަހު ދެވަނަ ބުރަށް ދަތުރުކުރާނެ ޓީމުތައް ގާތްގަނޑަކަށް ކަށަވަރުވެގެންދާނެއެވެ.

އެމްއޭސީއެލްގެ އިބްރާހިމް ފުރުގާން (ވ) އަތުން ބޯޅަ ހޯދަން ޓީމް އޭވިއޭޝަން ސެކިއުރިޓީގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. --ފޮޓޯ: ކްލަބް މޯލްޑިވްސް ކަޕް

މިހާތަނަށް ކުޅުނު ދެ މެޗުން ހޯދީ ހަ ޕޮއިންޓާއެކު ފެނަކަ އޮތީ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ކްލަބު އެއާޕޯޓްސް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ބީއެމްއެލް އާއި ސިވިލް ކޯޓަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ރޭގެ މެޗުގައި ފެނަކައިން ކާމިޔާބުކުރި 8 ލަނޑުގެ ތެރެއިން ހަ ގޯލްޖަހައިދިނީ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އެވެ. އަނެއް ދެލަނޑުޖަހައިދިނީ އަޔާޒް އަހުމަދު (އަޔާ) އާއި ހާޒިމް ފައުޒީ އެވެ. ސިވިލް ކޯޓްގެ ދެލަނޑުވެސް ޖަހައިދިނީ އަންސަރު އިބްރާހިމް (އަންކޮ) އެވެ.

މި މުބާރާތުގެ ގްރޫޕް ސީ ގައި ހިމެނޭ އެއާޕޯޓުގެ ދެ ޓީމުގެ މެދުގައި ކުޅެވުނު މެޗުގައި އެމްއޭސީއެލްއާ ޓީމު އޭވިއޭޝަން ސެކިއުރިޓީ ވަނީ 1-1 އިން އެއްވަރުވެފައެވެ. މި މެޗުގެ 25 ވަނަ މިނެޓުގައި އެމްއޭސީއެލްގެ އަޒްޔާން އިބްރާހިމްގެ ގޯލުން އެ ޓީމު ލީޑްނަގާފައިވަނިކޮށް، އޭގެ މިނެޓެއްގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީން އެއްވަރުކުރީ ތައުމީން ނޫހު ވައްދާލި ލަނޑުންނެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ މެޗުގައި ޓީމު ޑީޖޭއޭ އިން ވަނީ 5-1 އިން ޓްރޭޑް ކްލަބު ބަލިކޮށްފައެވެ. މި މެޗުގައި ޓީމު ޑީޖޭއޭގެ މުހައްމަދު އަޖުވަދު ދެ ގޯލްޖެހިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ ހަސަން އިހްސާން އާއި އަބްދުﷲ ފާރިޝް އަދި ސައުދުﷲ އަހުމަދު އެވެ.

ކްލަބު ޔޫތު މިނިސްޓްރީއާ ދެކޮޅަށް ކުޅުނު މެޗުގައި ދިވެހި ސިފައިންގެ ކްލަބުގެ ސަބީނާ ހަތުން ބޯޅަ ހިފައިގެންދަނީ. --ފޮޓޯ: ކްލަބު މޯލްޑިވްސް ކަޕް

ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، 18/30 ފުޓްސަލް ފިއެސްޓާގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކްލަބު ވެމްކޯ އަތުން 3-2 އިން ޓީމު ފެނަކަ މޮޅުވިއިރު، ދިވެހި ސިފައިންގެ ކްލަބުން ވަނީ ޔޫތު މިނިސްޓްރީ ކޮޅަށް 26 ލަނޑުޖަހާފައެވެ.

ފެނަކައާ ދެކޮޅަށް ވެމްކޯ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ވެމްކޯގެ ކެޕްޓަން ޑަރިކާ މި ލަނޑުޖަހައިދިންއިރު، ފެނަކަ މޮޅުކޮށްދިނީ ރާނީ މުލްޔާ ސާރީ އާއި އައިޝަތު ސަމާ ކާމިޔާބުކުރި ގޯލުންނެވެ.

ޔޫތު މިނިސްޓްރީ ކޮޅަށް ސިފައިން ވައްދާލި 26 ލަނޑުގެ ތެރެއިން އެ ޓީމުގެ ސަބީނާ ހަތުން 11 ގޯލް ކާމިޔާބުކުރިއިރު، މަޓްސުޝީމާ ސުމަޔާ ހަ ލަނޑުޖެހިއެވެ. އަނެއް ލަނޑުތައްޖެހީ، މަރިޔަމް ރިފާ ހަތަރު ގޯލާއި، ފާތިމަތު ތީބާ ތިން ގޯލާއި، މައިޝާ ދެ ގޯލެވެ.