ބޭންކް އޮފް މޯލްޑިވްސް އިން 30 އަށް ވުރެގިނަ ބައިވެރިންނާއެކު އިނޮވޭޝަން ލެބް ހެކަތަން ހޮޓެލް ޖެންގައި ފަށައިފި އެވެ.

މި ހެކަތަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ  'ބޭންކިންގ ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމަރ އެކްސްޕީރިއެންސް' ތީމްގެދަށުންނެވެ. 48 ގަޑިއިރަށް ދެމިގެންދާނެ މި ހެކަތަން ގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންނާއި ޓީމްތަކަށް ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހުށަހެޅުމަށް ވަނީ ހުޅުވާލެވިފަ އެވެ.

މި ހެކަތަންގައި 3 ޓީމު ހޮވައި މި ޓީމްތަކުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް 6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. ހޮވޭ ޓީމުތަކާއެކު އެ ފަރާތްތަކުން ހުށަހަޅާ ސޮލިއުޝަން ބޭންކާއެކު އެއްބަސްވެވޭ އަގެއްގައި ގަތުމަށްވަނީ ހަމަޖެހިފަ އެވެ. އަދި މަސައްކަތްކުރުމަށް ހާއްސަ އޮފީހެއް (ތަނެއް) ހަމަޖައްސައިދިނުމާއި ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް ވެސް ހެދުމަށް ވަނީ ނިންމާފަ އެވެ.

މި ހެކަތަން ކާމިޔާބު ކުރާ ޓީމުތައް ހޮވުމަށް ހަމަޖެހިފައިވަނީ 16 އޮކްޓޯބަރު 2022 ގަ އެވެ.