ނަފްސާނީ ބަލިތަކަކީ އަހަރެމެންގެ ތެރޭގައި މާ ބޮޑު ސަމާލުކަމެއް ދެވިގެން އެފަދަ ބަލި މީހުންނަށް ހާއްސަ އަޅާލުންތަކެއް ދެވިގެން ބެލެހެއްޓޭ ބަލިތަކަކަށް ނުވެއެވެ. ނަމަވެސް މި ފަހުން ރާއްޖޭގައިވެސް ނަފްސާނީ ބަލިތަކަށް ވަރަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން އެކަންކަމަށް ފަރުވާ ކުރެވި އާންމު ހޭލުންތެރި ކުރެވިގެން ކަންކަން ކުރިއަށް އެބަ ދެއެވެ. މި ލިޔުމުގައި މި ބަލާލަނި ޕައިކާ ނަމަކަށް ކިޔާ ނަފްސާނީ ބައްޔެއް ތަހައްމަލު ކުރި އިނގިރޭސި ވިލާތުގެ އުމުރުން 43 އަހަރުގެ އަންހެނެއްގެ ވާހަކައެވެ.
އުޅޭ އުޅުމުގައި މީހާގެ މިޒާޖާ އަހުލާގާ ކުރާ ކަންކަމުގައި އެހެން މީހުންނެކޭ މާ ބޮޑު ތަފާތެއް ފާހަގައެއް ނުކުރެވެއެވެ. އާދައިގެ ދިރިއުޅުމެއް އުޅެމުން އައި އެ އަންހެންމީހާ އަށް ނަފްސާނީ ބައްޔެއް ޖެހިފާ ހުރިކަން ދެނެހުރި މީހަކު ނެތެވެ. ނަމަވެސް ބައެއްފަހަރު އެ މީހާގެ އުޅުމުގައި ހުންނަ އާދަޔާ ހިލާފު ބައެއް ކަންކަމުގެ ސަބަބުން ކޮންމެވެސް ނަފްސާނީ މައްސަލައެއް ހުންނަކަން ފާހަގ ކުރެވެއެވެ. އާއިލާ މީހުން ދެކެމުން އައީ އެ އަންހެން މީހާ ގަސްތުގާ ކުރާ ޖެއްސުމެއް ނުވަތަ މަލާމާތެއް ކަމަށެވެ. މިފަދަ ކުދި ކުދި ކަންކަން އަހަރެމެންނަށް ވެސް ނެގޭނީ އާދައިގެ ނަޒަރަކުންނެވެ.
ޕައިކާ އަކީ ކާނާ އަށް ނުވާ ތަކެތި ކާހިތްވުން ފަދަ ކަންކަން ކުރިމަތި ވާ ނަފްސާނީ ބައްޔެކެވެ. ނުވަތަ އެއަށްވުރެ ބޮޑު ނަފްސާނީ ބައްޔެއްގެ އަލާމާތެކެވެ. އެ އަންހެންމީހާ އަށްވެސް ވަނީ އެފަދައިންނެވެ. އުމުރުން 43 އަހަރުގައި އެފަދައިން ގަލަން ފަންސޫރު ފަދަ ތަކެތި އަނގައަށް ލައިގެން އުޅޭތަން އާއިލާ މީހުންނަށް ފެނުމުން އެއީ އެހާ ބޮޑު ކަމަކަށް ނުހެދިއެވެ. ހެދޭނީވެސް ކިހނެއްތޯއެވެ. އާދޭހެވެ! އޭނާ ގިނަ ފަހަރަށް އެކަންކަން ކުރަނީވެސް ސިއްރުންނެވެ. ކަންކަން ގޯސްވާން ފެށީ ގާތްގަނޑަކަށް ހަ މަހެއްހާ ދުވަސް ފަހުންނެވެ.
އުމުރުން 43 އަހަރުގެ އެ އަންހެން މީހާ ބަނޑުގައި ރިއްސާ ކަމުގެ ޝަކުވާ ކުރަން ފެށިއެވެ. އެއާއި އެކު ކައިރީގައި ހުރި ހޮސްޕިޓަލަކަށް ދެއްކިއެވެ. ވައި ކަމަށް ބަލާ ވަޔަށް ބޭސްދީ ފޮނުވާލިއެވެ. އޭގެ ދެތިން ހަފްތާ ފަހެވެ. އަނެއްކާވެސް އެ ރިހުން ގަދަވިއެވެ. އެއްޗެއް ނުއެއް ކެވެއެވެ. ފާހާނާއެއް ނުކުރެވެއެވެ. މުޅި މީހާ އެއްކޮށް ވަރުބަލިކޮށް ވަރު ނެތިއްޖެއެވެ.
އަވަސް ފަރުވާދޭ ތަނަކަށް އެ އަންހެން މީހާ ގެންދެވުނެވެ. އެ ހޮސްޕިޓަކުގައި ތިބި ޑަކްޓަރުން އެ އަންހެން މީހާގެ ބަނޑުގެ ސްކޭނެއް ހެދިއެވެ. ހުރިހާ ކަމެއް ހާމަ ވީ އެ ހިސާބުންނެވެ. އެ އަންހެންމީހާގެ ބަނޑުގައި އާދަޔާ ހިލާފު އެއްޗެހި ތަކެއް ހުރިކަން ޑަކްޓަރުންނަށް ފާހަގަ ކުރެވުނެވެ. އެ ހިސާބުން އިމަޖެންސީ އޮޕަރޭޝަނަކަށް އެ އަންހެން މީހާ ގެންދިޔައެވެ.
އޮޕަރޭޝަނަށް ފަހު، ޑަކްޓަރުން ވަނީ އެ އަންހެން މީހާގެ ބަނޑުން ނެގި ތަކެތި ދައްކާލާފައެވެ. އޭގެ ތެރޭގައި ގަލަމާ ފަންސޫރާ، ދަތް އުނގުޅާ ބުރުހާ، ކުޑަކުދިން ކުޅޭ ކުދި ކުދި ތަކެއްޗާއި ފައިސާ ފޮތި ތަކަކާ ފަންސޫރު ކޮޅުޖަހާ ދައްޗާއި އަދި އިސްތަށިވެސް ހިމެނެއެވެ.
މިއީ ޕައިކާ ނަމަކަށް ކިޔާ ނަފްސާނީ ބައްޔަކަށް ހުށަހެޅުނު އަންހެނެއްގެ ވާހަކައެވެ. ހިތާމަ އަކީ ބޮޑުވަރު ވުމުގެ ކުރިން ދެނެ ނުގަނެވުނު ކަމެވެ. އާދަޔާ ހިލާފު ބައެއްކަން ކަން މަދު މަދުން ފާހަގަ ވިޔަސް، އެއީ ސަމާލުކަން ދޭންވީ ކަމެއްކަން ނޭނގުމުން ދިމައިވި ހިތި ނަތީޖާ އެކެވެ. ނަމަވެސް ފަރުވާ އާއި އެކު މިއަދު އެ އަންހެން މީހާ އަންނަނީ އެ ބަލިން ސަލާމަތްވުމަށް މަސައްކަތް ކުރަމުންނެވެ.
ނަފްސާނީ ބަލިތަކާއި ދެނެގަންނަންވީ އަލާމާތަކަށް އަހަރެމެން ލޯ ހުޅުވާން އެބަ ޖެހެއެވެ. އެފަދަ މައުލޫމާތު އާންމުންނަށް ފޯރުކޮށްލީ ހޭލުންތެރިކަން އިތުރު ކުރާން އެބަ ޖެހެއެވެ.
