ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް ޑީ ގައި ރޭ ކްލަބް އެއާޕޯޓްސްއާ ދެކޮޅަށް ޔުނައިޓެޑް ބީއެމްއެލް ކުޅުނު މެޗުން 2-2 އިން އެއްވަރުވުމުން، މި ގްރޫޕުގައި ހިމެނޭ ފެނަކަ ދެވަނަ ބުރަށް ދަތުރުކުރިއިރު، ބީއެމްއެލް އަށް މުބާރާތުގައި ކުރިއަށްދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ.
ގްރޫޕް ޑީ ގައި ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު، އެއްވަނައިގައި އޮތް ފެނަކަ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ދެވަނައިގައި އޮތް ކްލަބް އެއާޕޯޓްސް އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ބީއެމްއެލް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ޓީމް ސިވިލް ކޯޓަށް ޕޮއިންޓެއް ނުލިބެއެވެ. މި ގްރޫޕުގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު، ކްލަބް އެއާޕޯޓްސް ފިޔަވައި އެހެން ޓީމަކަށް ހަ ޕޮއިންޓް ހަމަކުރުމުގެ ފުރުޞަތު ނެތުމާއެކު ފެނަކަ އަށް ވަނީ ދެވަނަ ބުރުގެ ޖާގައެއް ލިބިފައެވެ. ބީއެމްއެލް އަށް ދެވަނަ ބުރަށް ދަތުރުކުރެވެން އޮތީ ފަހު މެޗުގައި ބޮޑު ތަފާތަކުން ސިވިލް ކޯޓު ބަލިކޮށް، ފެނަކަ އަތުން ކްލަބް އެއާޕޯޓްސް ވެސް ބޮޑު ތަފާތަކުން ބަލިވެގެންނެވެ. މި ނޫން ނަތީޖާއެއް ނިކުމެއްޖެނަމަ ފެނަކަ އާއެކު ދެވަނަ ބުރަށް ދަތުރުކުރާނީ ކްލަބް އެއާޕޯޓްސް އެވެ.
ކްލަބް އެއާޕޯޓްސްއާ ބީއެމްއެލް ބައްދަލުކުރި މެޗުގައި އެ ޓީމުން ލީޑްނެގީ ފުރަތަމަ ހާފު ނިމެން ދަނިކޮށް އިސްމާއިލް އަލީފް ވައްދާލި ލަނޑުންނެވެ. އޭނާ މި ލަނޑުޖެހީ މެޗުގެ 19 ވަނަ މިނެޓުގައެވެ. އަދި އޭގެފަހުން، ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތްވަނަ މިނެޓުގައި ކްލަބް އެއާޕޯޓްސް އަށް އެއްވަރުކޮށްދިނީ އަލީ ހުސެއިން އެވެ. މި މެޗުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި އިބްރާހިމް ހަމްދާން ވަނީ ބީއެމްއެލް އަށް އަލުން ލީޑްނަގައިދީފައެވެ. އެކަމަކު، ބީއެމްއެލް އަށް މި ލީޑް ހިފަހައްޓާލެވުނީ މިނެޓަކަށެވެ. އޭގެ މިނެޓެއްފަހުން، ކްލަބް އެއާޕޯޓްސްގެ އަބޫބަކުރު ސިއްދީޤު ވަނީ ދެވަނަ ފަހަރަށް އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ގްރޫޕް އީ ގައި ރޭ ސްޓެލްކޯ ކްލަބުން ވަނީ 15-0 ގެ ބޮޑު ތަފާތަކުން ހޯމް އެފެއާޒް ބަލިކޮށް، މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފައެވެ. ސްޓެލްކޯ ކުޅުނު ފުރަތަމަ މެޗުގައި ޓީމު އެފްއެސްއެމްއާ 1-1 އިން ވަނީ އެއްވަރުވެފައެވެ. ރޭގެ މެޗުގައި ސްޓެލްކޯ ޓީމުން ޖެހި 15 ލަނޑުގެ ތެރެއިން، އިބްރާހިމް ރިމާހު (ރިމޭ) ވަނީ ފަސް ގޯލްޖަހާފައެވެ. އެ ޓީމުގެ ޖުމައިލް ޖަމީލް (ޖުމްބެ) އާއި ގައިސާން އަބޫބަކުރު މާހިރު އަދި ޝުއައިދު ސައީދު ކުރެން ކޮންމެ ކުޅުންތެރިއަކު ދެލަނޑުޖެހިއިރު، އަލީ މާއިސް (މައްޓު)، ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) އާއި މުއާޒް އަލީ އަދި ޔާސިރު ރަގީބު ވެސް ވަނީ ގޯލެއް ޖަހާފައެވެ.
މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ މެޗުން އެފްއެސްއެމް ވަނީ 5-2 އިން ރާއްޖެ އޮންލައިން ކްލަބު ބަލިކޮށްފައެވެ. މިއީ އެފްއެސްއެމް ވެސް މޮޅުވި ފުރަތަމަ ފަހަރެވެ. މި މެޗުގައި އެފްއެސްއެމްގެ މުހައްމަދު ތޯހިރު ދެލަނޑުޖެހިއިރު، މުހައްމަދު ޖުމާން އާއި އަބްދުﷲ ޒިޔާން އަދި އަހުމަދު ވިޖުދާން (ވިޖޫ) ކުރެން ކޮންމެ ކުޅުންތެރިއަކު ގޯލެއް ކާމިޔާބުކުރިއެވެ. ރާއްޖެ އޮންލައިންގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ މުއާޒް އާއި ނާސިފު ހުސެއިން އެވެ.
ރޭގެ މެޗުތަކަށްފަހު ގްރޫޕް އީ ގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ސްޓެލްކޯ އާއި އެފްއެސްއެމް އަދި ރާއްޖެ އޮންލައިން އަށް ވެސް ދެވަނަ ބުރުގެ ފުރުޞަތު އެބައޮތެވެ. އެއްވަނައިގައި އުޅޭ ސްޓެލްކޯ އާއި ދެވަނައިގައި އޮތް އެފްއެސްއެމް އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ސްޓެލްކޯ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ރާއްޖެ އޮންލައިން އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އުޅޭ ހޯމް އެފެއާޒަށް ޕޮއިންޓެއް ނުލިބެއެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ގްރޫޕް އެފްގައި ހިމެނޭ ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން ވަނީ 3-2 އިން ކްލަބް އާސަންދަ އަތުން މޮޅުވެފައެވެ. ފޯރިގަދަވި މި މެޗުގައި ދެވަނަ މިނެޓުގައި ލީޑްނެގީ އާސަންދަ ޓީމުންނެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ އަލީ ހަމްދާން އެވެ. އެކަމަކު، ދެވަނަ ހާފުގެ ކުރީކޮޅު ކަސްޓަމްސްގެ އަހުމަދު ޝަމާލް އެ ޓީމަށް އެއްވަރުކޮށްދީފައިވަނިކޮށް، ހަމްދާން ވަނީ އާސަންދަ ޓީމަށް ދެވަނަ ފަހަރަށް ލީޑްނަގައިދީފައެވެ. ނަމަވެސް، ދެވަނަ ހާފުގެ ފަހުވަގުތު ކޮޅުގެ ތެރޭގައި ޝަމާލް ވަނީ އިތުރު ދެލަނޑުޖަހައި ކަސްޓަމްސް އަށް މުހިއްމު މޮޅެއް ހޯދާފައެވެ.