ސުޕަރސްޓަރ ސަލްމާން ޚާންގެ ކުރިއަށް އޮތް 2 ފިލްމެއް ކަމަށް ވާ "ޓައިގަރ 3" އާއި "ކިސީކީ ބާއީ ކިސީކީ ޖާން" ރިލީޒްކުރަން ނިންމި ތާރީޚް ބަަދަލުވެއްޖެއެވެ. ސަލްމާން ވަނީ ސޯޝަލް މީޑިއާގައި އިއްޔެ މިކަން އިޢުލާންކޮށްފައެވެ. 

އިއްޔެ މެންދުރުކުރީގެ ވަޤުތެއްގައި ސަލްމާން ޚާން ޖަހައިފައިވާ ޕޯސްޓެއްގައި ވަނީ "ޓައިގަރ 3" ރިލީޒްކުރާނީ 2023 ވަނަ އަހަރުގެ ދިވާލީގައި ކަމަށެވެ. އެހެނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިއީ އެންމެ ފުރަތަމަ 2023 ވަނަ އަހަރުގެ ފިޠުރު ޢީދާ ދިމާކޮށް ރިލީޒްކުރަން ނިންމި ފިލްމެވެ. 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Salman Khan (@beingsalmankhan)

މަނީޝް ޝަރުމާ ޑައިރެކްޓްކޮށް ގެނެސްދޭ މިފިލްމުގެ އިތުރުން އެހެން ފިލްމެއް ވެސް ރިލީޒްކުރުން ލަސްވެއްޖެ ކަމަށް ސަލްމާން ވަނީ އިޢުލާންކޮށްފައެވެ. "ޓައިގަރ 3"ލަސްވެއްޖެ ކަމުގެ މަޢުލޫމާތު ހާމަކުރުމަށްފަހު 06 ގަޑިއިރު ނުވަނީސް އޭނާ ވަނީ މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރަން ނިންމައިފައިވާ ފިލްމު "ކިސީކީ ބާއީ ކިސީކީ ޖާން" އަންނަ އަހަރުގެ އެޕްރީލް 23އަށް ލަސްވެފައިވާ ވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައެވެ. އެހެނީ 2023ގެ ފިޠުރު ޢީދުގައި ކުރިން ރިލީޒްކުރަން އޮތް ފިލްމު "ޓައިގަރ 3" އެއަހަރުގެ ނޮވެމްބަރަށް ލަސްކުރުމަށްފަހު މިވަނީ މިއަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރަން އޮތް ފިލްމު އަންނަ އަހަރުގެ ފިޠުރު ޢީދަށް ބަދަލުކޮށްފައެވެ. 

މިކަން މިގޮތަށް ނިންމަން ޖެހުނު ސަބަބެއް ސަލްމާން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި މި 2 ފިލްމު ލަސްކުރަން ޖެހުނު ސަބަބަކީ މިއަހަރުގެ ކްރިސްމަސްއާ ދިމާކޮށް ރިލީޒްކުރާ ރޯހިތު ޝޭޓީގެ "ސާކަސް"އާ ކްލޭޝް ވެދާނެތީއެވެ. 

ސަލްމާން ޚާންގެ އިތުރުން ޕޫޖާ ހެގްޅޭއާއި ޕަލަކް ތިވާރީ އަދި ސިދާތު ނިޣަމްގެ އިތުރުން ޝެހްނާޒް ގިލް ވެސް މައިގަނޑު ރޯލުތަލުން ފެނިގެންދާ މިފިލްމަކީ ފަރުހާދު ސަމްޖީ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. 

2009ވަނަ އަހަރުން ފެށިގެން ސަލްމާނަކީ ކޮންމެ އަހަރެއްގެ ވެސް ފިޠުރު ޢީދާ ދިމާކޮށް އޭނާގެ ބްލޮކްބަސްޓަރ ފިލްމުތަކެއް ރިލީޒްކުރަމުން އަންނަ އެކްޓަރެކެވެ. އޭގެ ތެރޭގައި "ވޯންޓެޑް"، "ދަބަންގ"، "ކިކް"، "ބަޖްރަންގީ ބައިޖާން"، އަދި "ސުލްޠާން"ގެ އިތުރުން "ޓިއުބްލައިޓް" އާއި "ރޭސް 3" ހިމެނެއެވެ. އަދި 2019 ވަނައަހަރު "ބާރަތު" ރިލީޒްކުރުމަށްފަހު 2020 ވަނަ އަހަރުގެ ޢީދަށް "ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއީ" ދިޔައީ ތައްޔާރުކުރަމުންނެވެ. ނަމަވެސް ކޯވިޑް-19ގެ ޕެންޑަމިކާއި ލޮކްޑައުންތައް ދިމާވުމުން އެފިލްމު ރިލީޒްކުރެވުނީ 2021 ވަނަ އަހަރުގެ ފިޠުރު ޢީދުގައެވެ. 

2023 ވަނަ އަހަރުގެ އެޕްރީލް 23ގައި ރިލީޒްކުރަން މިހާރު ހަމަޖެހިފައިވާ ފިލްމު "ކިސީކީ ބާއީ ކިސީކީ ޖާން" ވެގެން ދާނީ 2019 ވަނަ އަހަރު ރިލީޒްކުރި އޭނާގެ ފިލްމު "ދަބަންގ 3"އަށް ފަހު ސަލްމާންގެ ބިގް-ސްކޭލް ފުރަތަމަ ރިލީޒަށެވެ. ސަލްމާން އެންމެ ފަހުން ފެނިގެންދިޔައީ "ގޯޑްފާދަރ"އިންނެވެ. މިއަހަރު ދެން އިތުރު ފިލްމަކުން ސަލްމާން ފެންނާނެކަމާ މެދު ޝައްކެވެ.