ފީފާ ވޯލްޑްކަޕް ޤަތަރު 2022 ބެލުންތެރިންނަށް ގެނެސްދިނުމަށްވަނީ ހަމަ ޖެހިފައިވާއިރު މިއަހަރުގެ ކަވަރެޖް ޓައިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މީޑިއާނެޓުން މިއަހަރު ރާއްޖެ ޓީވީ އަދި އައިސް ޕްލަސްއާއި ގުޅިގެން ގެނެސްދޭ މި ކަވަރޭޖުގެ ޓައިޓަލް ގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިކަމަށްޓަކައި ސޮލައިޓް ރެސްޓޯރެންޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ، އުރީދޫގެ ސީއީއޯ އަދި އެމްޑީ ޙާލިދް އަލް-ހަމަދީ އަދި ސީސީއޯ ހުސެން ނިޔާޒް އެވެ. މީޑިއާނެޓްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެ ކުރެއްވީ މީޑިއާނެޓްގެ ސީއީއޯ އަދި އެމްޑީ އަހްމަދް ޝަފީއު އަދި ސީއޯއޯ އަހްމަދް ނަބާހް އެވެ.
މިއާއެކު އައިސް ޕްލަސް އަދި ރާއްޖެ ޓީވީގެ ފަރާތުން ވެސް ވަނީ މިހަފްލާގައި އުރީދޫއާއި އެކު އެއްބަސްވުމުގަ ސޮއި ކޮށްފަ އެވެ.
ޚާލިދް ވިދާޅުވީ، ފުޓްބޯޅައަކީ ދިވެހިންގެ ހިތްތަކުގައި ޙައްސަ ލޯތްބެއް އުފެދިފައިވާ ކުޅިވަރެއް ކަމަށާއި ހަމަ އެގޮތުން އުރީދޫ ގްރޫޕާއިވެސް ވަރަށް ގާތްކަމެއް އޮންނަ ކުޅިވަރެއް ކަމަށެވެ.
“މި އަހަރުގެ ވޯލްޑްކަޕަށް އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ސަޕޯޓަރުންނަށް ކުލަގަދަ، އަދި ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ކަސްޓަމަރުންނަށް މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މީޑިއާނެޓް އާއި މިއަދު މި ޕާޓްނަރޝިޕް ގާއިމް މިކުރީ ނުހަނު އުފަލާއެކު” އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމާބެހޭ ގޮތުން މީޑިއާނެޓްއިން ނަބާހް ވިދާޅުވީ، މިއަހަރު ރާއްޖޭގެ ތާރީހުގައިވެސް އަލަށް، ވޯލްޑްކަޕް ހަމަ އެކަނި ސައްތައިން ސައްތަ ދިވެހި ޗެނަލް ތަކަކުން ފެނިގެންދާނެ ކަމަށެވެ. މިގޮތުން މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރް 2022 ފެނިގެންދާނީ އައިސް ޕްލަސް އަދި ރާއްޖެ ޓީވީ އިން ކަމަށާއި އަދި މި މުނާސަބަތުގައި އުރީދޫގެ އެއްބާރުލުން ލިބިގެން ދިއުމަކީ މީޑިއާނެޓަށް ވެސް ލިބިގެންދާ ޝަރަފެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ފޯރިގަދަ މެޗުތަކަކާއެކު މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ފެށުމަށް ހަމަޖެހިފައިވަނީ 20 ނޮވެންބަރުގައެވެ. މީގެއިތުރުން، މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، އެކި އެކި ޕްރޮގްރާމްތަކާއި، ބެލުންތެރިންނަށް ފޭންޒޯންސް އަދި ރޯޑް ޝޯ ފަދަ ކުލަގަދަ ހަރާކާތްތަށް ރޭވިފައިވާކަމުގައި މީޑިއާނެޓުން ބުނެއެވެ.
