އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް އަތުން މެންޗެސްޓާ ސިޓީ ބަލިވެ، ތާވަލްގެ އެއްވަނައިގައި އާސެނަލުން ހަތަރު ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ސިޓީ އަތުން އެ ޓީމު މޮޅުވީ 1-0 އިންނެވެ. ލީޑްސް ޔުނައިޓެޑް އަތުން ރަށުން ބޭރުގައި އާސެނަލް މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ.

މި ނަތީޖާއާއެކު އާސެނަލް އެއްވަނައިގައި އޮތީ ކުޅުނު 10 މެޗުން ލިބުނު 27 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ސިޓީ އަށް 23 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމް ހޮޓްސްޕާ ތިންވަނައިގައި އޮތީ މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުންނެވެ. ޗެލްސީ އޮތީ ނުވަ މެޗުން ލިބުނު 19 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ލިވަޕޫލް ވަނީ މި މޮޅާއެކު 13 ޕޮއިންޓް ހަމަކޮށް ތާވަލްގެ 8 ވަނަ އަށް ޖެހިލާފައެވެ.

އެލަން ރޯޑްގައި މިރޭ ކުޅުނު މެޗު ފެށިގެން 23 ވަރަކަށް ސިކުންތުގެ ތެރޭގައި ރެފްރީ ކްރިސް ކަވަނާގް ވަނީ ރެފްރީން ބޭނުންކުރާ މުވާސަލާތީ އިކުއިޕްމެންޓްސް އަށް ދިމާވީ ކަރަންޓް މައްސަލައަކާ ގުޅިގެން ކުޅުން ހުއްޓާލާފައެވެ. މި މައްސަލަ ހައްލުކޮށް ކުޅުން އަލުން ފެއްޓުމަށް ގާތްގަނޑަކަށް 40 މިނެޓު ހޭދަވެފައިވެއެވެ.

ލީޑްސް ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އަލުން ކުޅުން ފަށައިގެން ފުރަތަމަ ހާފުގައި މެޗުގެ ބޮޑުބައި އާސެނަލުން ޑޮމިނޭޓްކޮށްފައިވާއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 35 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ބުކާޔޯ ސަކާ އެވެ. މިއީ ލީޑްސްގެ ފޯވާޑް ރޮޑްރީގޯ މޮރޭނޯ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސަކާ އާއި ކެޕްޓަން މާޓިން އޮޑެގާޑް ގުޅިގެން އުފެއްދި އެޓޭކަކުން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ލީޑްސް އަށް އެއްވަރުކޮށްދޭން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން އާސެނަލްގެ ސެންޓްރަލް ޑިފެންޑަރު ވިލިއަމް ސަލީބާގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ވަނީ ވީއޭއާރް އިން ބެލުމަށްފަހު ޕެނަލްޓީއެއް ދޭން ނިންމާފައެވެ. ބެމްފޯޑް ފޮނުވާލި މި ޕެނަލްޓީ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ އިތުރުވަގުތުގައި ޕެނަލްޓީއޭރިޔާ ތެރެއިން ގެބްރިއެލްއާ ބެމްފޯޑް ދެމެދު ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން އެސިސްޓެންޓް ރެފްރީއާ މަޝްވަރާ ކުރުމަށްފަހު ގެބްރިއެލް އަށް ރަތް ކާޑު ދެއްކިއެވެ. އަދި އެއަށްފަހު، ލީޑްސް އަށް ޕެނަލްޓީއެއް ދޭން ނިންމިއެވެ. އެކަމަކު، ފަހުން ވީއޭއާރް އިން ބެލުމަށްފަހު އެ ނިންމުންތައް ބަދަލުކުރިއެވެ.

އެންފީލްޑްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ އާލިން ބްރައުޓް ހާލަންޑް އާއި ކެވިން ޑި ބްރޭނާ އަދި ޔާއޯ ކަންސޭލޯ ފޮނުވާލި ހަމަލާތައް ލިވަޕޫލްގެ ކުޅުންތެރިން ބްލޮކްކުރިއިރު، ހާލަންޑް ފޮނުވާލި ދެ ބޯޅައަކާއި އިލްކާއި ގުންޑޮގާން ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މަތަކުރިއެވެ.

މެންޗެސްޓާ ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު (ކ) އާއި ފަބިއޯ ކަވާލިއޯ އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ދެވަނަ ހާފުގެ ކުޅުން ފެށިގެން 8 ވަރަކަށް މިނެޓުގެ ތެރޭގައި ސިޓީގެ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން ގޯލެއް ކާމިޔާބުކުރިއެވެ. އެކަމަކު، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ ބޯޅަ ފޯޑެން އަށް ލިބުމުގެ ކުރީން ލިވަޕޫލްގެ މިޑްފީލްޑަރު ފަބީނިއޯ އަށް ސިޓީގެ ފޯވާޑް ހާލަންޑް ފައުލްކުރުމުންނެވެ.

މެޗު ނިމެން 14 މިނެޓަށްވެފައިވަނިކޮށް މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މިއީ ސިޓީގެ ޑި ބްރޭނާ ފޮނުވާލި ހިލޭޖެހުމަށް ލިވަޕޫލްގެ ކީޕަރު އެލިސަން މަތަކުރުމަށްފަހު އެ ބޯޅަ ސަލާހު އަށް ދިނުމުން ކަންސޭލޯ ގާތުން ވަރަށް ފަސޭހައިން ނައްޓާލުމަށްފަހު ޕެނަލްޓީއޭރިޔާ ތެރެއަށް ވަދެ، އެޑަސަން މޮރައެސް ކައިރިން ވަރަށް ހަމަޖެހިލާފައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ލީގުގައި މިރޭ އެސްޓަން ވިލާގެ ދަނޑުގައި އެ ޓީމު އަތުން ޗެލްސީ މޮޅުވީ 2-0 އިންނެވެ. މި މެޗުގައި ޗެލްސީން ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓް އެވެ. ސައުތެމްޓަންގެ ދަނޑުގައި 1-1 އިން ވެސްޓް ހޭމް ޔުނައިޓެޑާ އެއްވަރުވިއިރު، މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.