މިއަދަކީ ސުޝާންތުގެ ސަޕޯޓަރުންނަށް ވަރަށް ވެސް ހިތާމަވެރި ދުވަހެކެވެ. ސުޝާންތު ސިންގު ރާޖްޕޫތުގެ މަރުގެ ޕޯސްޓް މޯޓަމް އަދި ވިސޭރާ ރިޕޯޓް ދިރާސާ ކުރި އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ޑޮކްޓަރ ސުދީރު ގުޕްތާ ހާމަ ކުރި ގޮތުގައި ޕޯސްޓް މޯޓަމް އަދި ވިސޭރާ ރިޕޯޓް ދިރާސާ ކުރުމުން، މީހަކު ސުޝާންތު މަރާލިކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުފެނުނެވެ. އެހެން ކަމުން މިހާރު ތަހުގީގު ކުރިއަށް ގެންދަނީ ހަމައެކަނި، އަމިއްލަ އަށް މަރުވި މައްސަލައެއްގެ ގޮތުގައެވެ. މި މަރުގައި ދެވަނަ މީހެއްގެ އަތެއް ވެދާނެ ކަމަށް ބަލާ ސީ.ބީ.އައި އިންވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގު ހިންގާފައެވެ. އަދި މިހާރުވެސް އެކަން ދަނީ ކުރިއަށެވެ.

އެއިމްސްގެ ދިރާސާއަށް ބޭނުން ކުރެވުނީ 20 އިންސައްތަ ވިސެރާ ސާމްޕަލް އާއި އޭގެ ރިޕޯޓް އަދި ކޫޕަރ ހޮސްޕިޓަލުން ހަދާފައިވާ ޕޯސްޓް މޯޓަމް ރިޕޯޓެވެ. ވިސެރާއަކީ، ޕޯސްޓް މޯޓަމް ރިޕޯޓުން މީހަކު މަރުވި ގޮތް ޔަގީން ނުވެއްޖެ ނަމަ އިތުރަށް ބެލުމަށްޓަކައި މަރުވި މީހާގެ ހަށިގަނޑުން ނަގާ ރައްކާ ކުރެވޭ ސާމްޕަލްއެވެ. މީގެ ބޭނުންކޮށްގެން ވިހަ އާއި ޒަހަރު ގެ ސަބަބުން މީހަކު މަރުވިތޯވެސް ބެލޭނެއެވެ.

މި ދިޔަ ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހު އެއިމްސްގެ ރިޕޯޓް ނިކުންނާނެކަމަށް ބެލެވިގެން ގިނަ ބަޔަކު އެކަމަށް އިންތިޒާރު ކުރިއެވެ. އަދި އެއިމްސްގެ އެއް ޑޮކްޓަރަކު ސުޝާންތުގެ އާއިލާ އަށް މަޢުލޫމާތު ދިން ގޮތުގައި ގޮތުގައި، އޭނާގެ ތަޖުރިބާ އާއި އިލްމުގެ މައްޗަށް ބުރަވެ ބުނާނަމަ، މީހަކު ސުޝާންތު މަރާލި ކަމުގެ 200 އިންސައްތަ ޔަގީންކަން އޭނާއަށް އޮތެވެ. ނަމަވެސް އެއިމްސްގެ ބަޔާން މިހެން އައުމުން ގިނަ ބަޔަކަށް މިކަން ގަބޫލުކުރަން ވަނީ ދަތިވެފައެވެ.

މި މައްސަލައިގައި ފޮރެންސިކް ޑިޕާރޓްމަންޓުން ވެސް ވަނީ ސުޝާންތުގެ ލެޕްޓޮޕާއި ދެ ހާޑް ޑިސްކު އަދި ކެނޮން ކެމެރާއެއްގެ އިތުރުން ދެ މޮބައިލް ފޯނެއްގެ ތަހުލީލު ކޮށްފައެވެ.

ޑރ. ސުދީރުގެ ރިޕޯޓް މިހެން އައި ނަމަވެސް އަދިވެސް ސީ.ބީ.އައި ގެ ތަހުގީގު ވެސް ދަނީ ކުރިއަށެވެ. އަދި ކުރިން ނުނަގާ އެތައް ބައެއްގެ ހެކިބަސް ވެސް އަންނަނީ ނަގަމުންނެވެ. އެހެންކަމުން ހަމަ ކޮންމެ އިރަކުވެސް މައްސަލަ އަލުން ފުރޮޅިގެން ދިއުމުގެ ފުރުސަތު އެބަ އޮތެވެ.