ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރުގެ މިލްކިއްޔާތުގައި ޕްރައިވެޓް ޖެޓެއް އޮންނަ ކަމަށް ބުނެ، ބޮލީވުޑްގެ ޚަބަރުތަށް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ "ބޮލީވުޑްލައިފް"އިން ޚަބަރު ފެތުރުމުން އޭނާ އެކަން ދޮގުކޮށްފިއެވެ.

އަކްޝޭ އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާއާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރާނަމަ އޭނާ މަޑުން ނުހުންނާނެ ކަމަށެވެ. އަކްޝޭއަކީ އަބަދުވެސް އޭނާއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ތެދު ދޮގު ފޭނުންނަށް ހާމަކުރާ ފަންނާނެކެވެ. އެގޮތުން އޭނާގެ އަތުގައި އޮންނަނީ 260 ކްރޯޑް ރުޕީސްގެ އަގުބޮޑު ޖެޓެއް ކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށް އޭނާ ކުރި ޓްވީޓުގައި ވަނީ ހާމަކޮށްފައެވެ. 

އޭނާ ކުރި ޓްވީޓުގެ ކޮމެންޓް ސެކްޝަނުގައި ބައެއް ފޭނުން ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ. އެއްބަޔަކު އޭނާގެ ކުރިއަށް އޮތް ފިލްމަށް ކާމިޔާބަށް އެދެމުން ދާއިރު އެކަކު ކުރި ކޮމެންޓެއްގައި ވަނީ "ގިނަ ދުވަސްތަކަކަށްފަހު އަކްޝޭ ރުޅިވެރި މޫޑެއްގައި ހުރި ތަން ފެނުމުން 'ފައްކާ' ވެއްޖެ" ކަމެވެ.

އުމުރުން 55 އަހަރުގެ އަކްޝޭ ކުމާރު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިމަހުގެ 25 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ރާމް ސޭޓޫ"އިންނެވެ. އަބީޝޭކް ޝަރުމާ ޑައިރެކްޓްކޮށް ގެނެސްދޭ މިފިލްމުގައި އަކްޝޭގެ އިތުރުން ޖެކްލީން ފެނާންޑޭޒް އާއި ސަތިޔާ ދޭވް ވެސް މައިގަނޑު ރޯލުތަކުން ފެނިގެންދާނެއެވެ.