ސްޕެނިޝް ލީގުގައި ރޭ ކުޅެވުނު 'އެލް ކްލެސިކޯ' ގައި ވާދަވެރި ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލްގެ ކުރީގައި ތިން ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ. މި މެޗުން ރެއާލް މޮޅުވީ 3-1 އިންނެވެ.
މިއީ މިފަހަރުގެ ސީޒަނުގައި ލީގުގައި ބާސެލޯނާ ބަލިވި ފުރަތަމަ މެޗެވެ. އޭގެކުރިން، ލީގުގައި އެ ޓީމު ކުޅުނު 8 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެފައިވާއިރު، އަނެއް މެޗުން ވީ އެއްވަރެވެ. އަނެއްކޮޅުން މިއީ ބާސެލޯނާގެ މިހާރުގެ ކޯޗު ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމު ލީގުގައި ރަށުން ބޭރުގައި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބަލިވި ފުރަތަމަ ފަހަރު ވެސް މެއެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ އެވެ. މިއީ އެ ޓީމުގެ ބްރެޒިލް ވިންގާ ވިނީޝަސް ޖޫނިއާ ފޮނުވާލި ބޯޅައެއް ބާސެލޯނާ ކީޕަރު މާކް-އަންދްރެ ޓަ ސްޓެގަން މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ބެންޒެމާ އަށް ލިބުމުން ކާމިޔާބުކުރި ގޯލެކެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރީން، ފެޑެރީކޯ ވަލްވާޑޭ ވަނީ ގޯލާއި 20 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުން ރެއާލްގެ ލީޑް ފުޅާކޮށްދީފައެވެ. މިއީ އެ ޓީމުގެ ފުލްބެކް ފޭލަން މެންޑީ ދިން ބޯޅައަކުން ވަލްވާޑޭ ކާމިޔާބުކުރި ގޯލެކެވެ.
ބާސެލޯނާ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، 83 ވަނަ މިނެޓުގައި ފެރާން ޓޮރޭޒް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ދިން ޕާހަކުންނެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮޑްރީގޯ ވަނީ ރެއާލަށް މޮޅު ކަށަވަރުކޮށްދީފައެވެ.
