ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދިޔަ ހެކަތަން ކާމިޔާބުކުރި ފަރާތްތައް އިއުލާންކޮށްފި އެވެ.

މި ފަރާތްތައް އިއުލާން ކޮށްފައިވަނީ ހޮޓެލް ޖެން ގައި ރޭ ބޭއްވި ހަފުލާއެއްގަ އެވެ.

ބީއެމްއެލް ހެކަތަން ކާމިޔާބުކުރި ފަރާތްތަކަކީ؛

އަޙުމަދު މަޙުފޫޒު، ޙުސައިން ޒަޔާން، މޫސާ އިރުޝާން – ހުށަހަޅާފައިވަނީ ޑިޖިޓަލް އޮންބޯޑިންގ އާއި

މުޙައްމަދު އާތިކް ޢަލީ ރިޟާ، ފާތިމަތު އަރީން ނަސީމް، މުޙައްމަދު ޔާނިއު ރަމީޒު – ހުށަހަޅާފައިވަނީ އެކްސްޕެންސް ޓްރެކަރ އަދި

މުޙައްމަދު ޖައިލަމް، އިބްރާހިމް ހުސައިން ޝަރީފް، މުޙައްމަދު އީމާން – ހުށަހަޅާފައިވަނީ ޕަރސަނަލް ފައިނޭންސް މެނޭޖަރ އެވެ.

މި ހެކަތަން ބާއްވާފައިވަނީ 'ބޭންކިންގ ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމަރ އެކްސްޕީރިއެންސް' މި ތީމްގެދަށުން ނެވެ. 30 އަށް ވުރެ ގިނަ ބައިވެރިންނާއެކު، 48 ގަޑިއިރަށް ދެމިގެންދިޔަ މި ހެކަތަން ގައި ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ވަނީ ހުށަހަޅާފަ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ފިންޓެކް ކޮމިއުނިޓީ ގެ ފަރާތުން މި ހެކަތަން އަށް ދެއްވި ޝައުގުވެރިކަމަކީ ވަރަށް އުފާލާއެކު ބަލައިގަންނަކަމެއް ކަމަށެވެ. އަދި މި ހެކަތަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޑިވެލޮޕަރުންގެ ފަރާތުން މޮޅު ހިޔާލުތަކެއް ލިބިފައިވާ ކަމަށެވެ.

"ހުށަހެޅި ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ހެކަތަން ކާމިޔާބުކުރި ފަރާތްތަކަށް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބް އަށް މަރުހަބާ ކިޔަން. މި ހެކަތަންގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން އަދި ހެކަތަންގެ ހިޔާލު ހަގީގަތަކަށް ހެދުމަށް މަސައްކަތްކޮށްދެއްވި މެންޓަރސް އަށް ހާއްސަ ޝުކުރެއް އަޅުގަނޑު އަދާކުރަން." އޭނާ ވިދާޅުވި އެވެ.

މި ހެކަތަންގައި ހޮވޭ 3 ޓީމުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް  6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. މި މުއްދަތުގައި ބޭންކުގެ ފަރާތުން މަސައްކަތްކުރުމަށް ހާއްސަ އޮފީހެއް (ތަނެއް) ހަމަޖައްސައިދިނުމާއި ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ އަދި ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް ދިނުމަށް ވަނީ ނިންމާފަ އެވެ.